އިންތިހާބާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ހިންގި އަމަލުތައް ޕީޕީއެމް އިން ކުށްވެރިކޮށްފި

ވޯޓުލާ ސަރަހައްދެއްގައި ދެބަސްވުން ހިނގި ވަގުތެއްގައި އެތަނުގައި ހުރި މީހަކު ދުރަށް ދިއުމަށް ފުލުހެއް އެދެނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ދެބަސްވުން އުފެދި، އިދިކޮޅު ފަރާތްތަކުން ހިންގި އަމަލުތައް ސަރުކާރު ހިންގާ ޕީޕީއެމް އިން ކުށްވެރިކޮށްފި އެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާން ހުސައިން މަނިކު ވިދާޅުވީ، އިދިކޮޅު ލީޑަރުން، ސަރުކާރުން ވޯޓުތަކުގެ ތެރެއިން ބައެއް އޮޅުވާލާނެ ކަމަށް ވިދާޅުވުމަކީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދައި އިންތިހާބާ މެދު އޮތް އިތުބާރު ގެއްލުވާލުން ކަމަށެވެ.

ނިހާނު އެހެން ވިދާޅުވީ ކުރީގެ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

"ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސަރުކާރަށް 20 ޕަސެންޓް ވޯޓް އޮޅުވާލެވިދާނެ. ނަމަވެސް ކާމިޔާބު ވާނީ އެމްޑީޕީ އަށް،" ސަރުކާރުން ވޯޓު އޮޅުވާލާނެ ކަމަށް ތުހުމަތުކޮށް ނަޝީދު ކުރި ޓުވީޓުގައި ވިދާޅުވި އެވެ.

އެ ޓުވީޓާ ގުޅިގެން ނިހާނު ވިދާޅުވީ، ވޯޓުލާން ފެށުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން، ހާއްސަކޮށް ލީޑަރުން އެފަދަ ވާހަކަތައް ފެތުރުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާދާރުކަން ކުޑަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. ނިހާނު ވިދާޅުވީ އެއީ މާޒީވި ތަނުގައި ވެސް އެމްޑީޕީން ކަންތައް ކުރިގޮތް ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ނިހާނު އިތުރަށް ވިދާޅުވީ، މިއަދު އިރުއޮއްސުނު ވަގުތު އިދިކޮޅު ބައެއް ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ވަތް މައްސަލަ ވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ނިހާނު ވިދާޅުވީ ވޯޓުފޮށި ކައިރިއަށް އެއްވެ އަޑުގަދަކޮށް މަސްލަހަތު ނަގާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރުމަކީ ވެސް އެ ޕާޓީން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، ކުށްވެރިކުރާ ކަމެއް ކަމަށެވެ.

ނިހާނު ވިދާޅުވީ ވޯޓުލުން ކުރިއަށްދާނީ އިންސާފުވެރިކޮށް ކަމަށެވެ. އަދި މަސްލަހަތު ނަގާލަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް ނިހާނު އެދިވަޑައިގަތެވެ.

comment ކޮމެންޓް