ބާރުގަދަ ދެ ވަަޒީރުން ނިސްބަތްވަނީ ފޮނަދުއަށް، ހިތްވަރާއެކު ސަރުކާރު ދަމަހައްޓަންޖެހޭ: އަބްދުއްރަހީމް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ފުވައްމުލަކުގައި -- ފޮޓޯ/ ރައީސް އޮފީސް

މި ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ލ. އަތޮޅަށ ނިސްބަތްވާ ބޭފުޅުންގެ ބައިވެރިވުން ހިމަނައި، އަތޮޅުގެ ސިޔާސީ ތާރީޚު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބަދަލުކޮށްދެއްވައިފައިވާ ކަމަށާއި، ވަކީން ޚާއްސަކޮށް ފޮނަދޫ ބޭފުޅުންގެ ބައިވެރިވުން ހިމެނޭއިރު، ސަރުކާރު ދަމަހައްޓަން އިތުރު ހިތްވަރާއެކު މަސައްކަތްކުރަންޖެހޭކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ސަރުކާރުގެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ލ. އަތޮޅުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ފޮނަދޫގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން ކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހައްދުންމަތީގެ ސިޔާސީ ތާރީޚު ބަދަލުކޮށްދެއްވައިފައި ކަމަށެވެ.

އެގޮތުން މިހާތަނަށް އައިއިރު ރާއްޖޭގެ ވެރިކަމުގެ އެންމެ މަތީ ފަންތީގައި، ކެބިނެޓު ފަދަ މަގާމުތަކުގައި ލ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު ދުވަހަކު ވެސް ނުހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ މަނިކުފާނު އެކުލަވައިލެއްވި ފުރަތަމަ ކެބިނެޓުގައި އެ ކެބިނެޓުގެ އެންމެ ބާރުގަދަ ދެ ވަޒީރުންގެ ގޮތުގައި ތިއްބެވީ ފޮނަދޫގެ ދެ ބޭފުޅުން. ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް. އޭގެ އިތުރުން އަޅުގަނޑު ވެސް އޭގެ ކޮންމެވެސް ހިސާބެއްގައި އެބަ ލައްވައިލާ،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށް ފޮނަދޫ ރައްޔިތުން އިތުރަށް މަސައްކަތްކުރަން ޖެހޭ ސަބަބެއް ކަމަށެވެ. އެއީ ޕާޓީ ފިކުރަށްވުރެ ގައުމީ ފިކުރާއި ރަށު ފިކުރު އިސްކުރަންވީ ސަބަބުކަމަށް ވިދާޅުވިއެވެ.

މީގެކުރިން 2019ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބަށް އަލިއަޅުއްވައިލައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެއިރު އިންތިޚާބުން ބަލިވުމަކީ ލިބުނު ހެވެއް ކަމަށެވެ.

ސަބަބަކީ އިދިކޮޅު ސަރުކާރެއްގައި، ވާދަވެރި މަދު މެމްބަރުންތަކެއް އިންތިޚާބުވެ، ދާއިރާއަށް މާ ގިނަ ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމަކީ ގޮންޖެހުމަކަށް ވާނެތީ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މި ފަހަރުގެ އިންތިޚާބުން ކާމިޔާބީ ލިބި، ސަރުކާރުގައި ތިބެ، ރައްޔިތުންނަށް ޓަކައި ފައިދާހުރި އެތައް ކަމެއް ކޮށްދިނުމަށް މަގުފަހިވާނެކަމަށާއި، މިއީ ވަރަށް ބޮޑު ހެވެއްގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

"އާދެ މި ވަގުތަކީ އަޅުގަނޑުމެންގެ މުސްތަގްބަލް ބައްޓަންކުރަންވީ ގޮތް ނިންމަންވީ ވަގުތު. އަޅުގަނޑުމެން ސިޔާސީ ވިސްނުމަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ރަށުގެ ކުރިއެރުމާއި ތަރައްގީއާ ދޭތެރޭގައި ވިސްނަންވީ ވަގުތު. ސިޔާސީ ވިސްނުން ދޫކޮށްލައިފައި މި ފަސް އަހަރަކީ ފޮނަދޫގެ ތަރައްގީއާއި ހުރިހާ ފިކުރެއްގެ މީހުން އެއްބައިވެގެން އެއް އަޒުމެއްގައި މަސައްކަތްކުރަންވީ ވަގުތު،" އޭނާ ވިދާޅުވިއެވެ.

އެއާއެކު އަބްދުއްރަހީމް މިރޭ ވަނީ މަޖިލިސް އިންތިޚާބުގައި އަތޮޅުގެ ކެމްޕޭން ޓީމުތަކުން ކުރި މަސައްކަތަށް ޝުކުރު އަދައިކުރައްވައިފައެވެ.

comment ކޮމެންޓް