ފުލުހުންގެ ބޭނުމަށް ފިޔޯރީ އިންޖީނުގެ ބަންދުކޮށްފައި، ވީ އެންމެ އަވަހަކަށް ކަރަންޓު ދެވޭތޯ ބަލަނީ

ފިޔޯރީ އިންޖީނުގޭގައި އަލިފާން ރޯވިފަހުން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/ ފޭސްބުކް

ފުލުހުންގެ ތަހުގީގަށް ގދ. ފިޔޯރީ އިންޖީނުގެ ހިމެނޭ ސަރަހައްދު ބަންދުކޮށް، 'ކޯޑަން' ކޮށްފައިވާ ކަމަށާއި، ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވޭނީ ފުލުހުންގެ މަސައްކަތްތައް ނިމުމުން ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން އިގުބާލް އާދަމް "ސަން"އަށް މިއަދު ވިދާޅުވީ ވީ އެންމެ އަވަހަކަށް ފިޔޯރީއަށް ކަންޓަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ދަނޑިވަޅުގައި ވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު ދަންނަވާ ކަަމަށް އިގުބާލު ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އިދުރީސް އަބްދުﷲ "ސަން"އަށް ވިދާޅުވީ، ފުލުހުން އެ މައްސަލަ ތަހުގީގު ކުރާތީ، ފުލުހުން ބޭނުންވާ މައުލޫމާތުތައް ނަގަންދެން އިންޖީނުގޭގެ "ސީން" އޮތްގޮތަށް ރޫޅާ ނުލައި ބާއްވަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ފުލުހުންގެ ފޮރެންސިކް ޓީމަކުން އެ ރަށަށް ދަތުރުކުރަމުން އަންނަ ކަމަށާއި، ފުލުހުންގެ މަސައްކަތް ނިމުމުން ފެނަކައިގެ ޓެކްނިކަލް ޓީމުން އިންޖީނުގެ ތެރެއަށް ވަދެ ހަރަކާތްތެރިވާން ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފިޔޯރީ އިން ކަރަންޓު ކެނޑުމުން ރައްޔިތުންނަށް ދިމާވެފައިވާ ދަތި ކަމަކަށް ވީހާވެސް އަވަސް ހައްލެއް ގެނައުމަށް ފެނަކައިން ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެގޮތުން ގއ. ދެއްވަދޫއިން އެ ރަށަށް ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޔޯރީ އިން ކަރަންޓު ކެނޑިފައި ވަނީ އިންޖީނުގޭގައި ހުރި 250 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓަށް ގުޅާފައި ހުރި ބެޓެރި ސެޓް ގޮވުމުގެ ސަބަބުންނެވެ.

އެ ހާދިސާގައި ފިޔޯރީ އިންޖީނުގޭގެ މުވައްޒަފު، ގދ. ފިޔޯރީ ޗިޗަންޑާގެ، ނާޒިދް އަބްދުﷲ ވަނީ ފިހިގެން ނިޔާވެފަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ވިދާޅުވީ ނާޒިދުގެ އާއިލާއަށް މާލީ އެހީތެރިކަން ދިނުމާމެދު ވިސްނަމުންދާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ކުންފުނީގައި މަޝްވަރާ ކުރާނެ ކަމަށެވެ.

comment ކޮމެންޓް