މި މަހުގެ ހަތްވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގެ ޖަންގަލިތަކުގައި ރޯވެ ފެތުރެމުންދާ އަލިފާންގަނޑު ކޮންމެ ވެސް ވަރަކަށް ކޮންޓްރޯލު ކުރެވުނު ނަމަވެސް އެ ސަރަހައްދަށް ވައިޖެހޭ މިންވަރު މި ހަފްތާ ވެސް އިތުރުވާނެ ބެލެވޭ ކަމަށް ކެލިފޯނިއާގެ މޫސުން ލަފާކުރާ ފަރާތްތަކުން ބުނެފިއެވެ.
އޮފިޝަލުން އިންޒާރު ދިން ގޮތުގައި ހަފްތާ ބަންދުގައި ވައި ކޮންމެ ވެސް ވަރަކަށް މަޑުވެފައި އޮތުމަށްފަހު، އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އަނެއްކާ ވެސް ވައި ގަދަވެ، ގަޑިއަކު 60 މޭލު ބާރު މިނުގައި ވައި ޖެހޭނެއެވެ.
ވައިގަދަވުމުގެ ކުރިން ލޮސް އެންޖެލިސްގެ ދެ ކޮޅުގައި އަނދަމުންދާ ޕެލިސޭޑްސް އާއި އީޓަންގެ އަލިފާންގަނޑު ފެތުރުން ހުއްޓުވުމުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
އެ ސަރަހައްދުގެ ފަޔާ ފައިޓަރުންނަށް އިތުރު އަށް ސްޓޭޓެއްގެ އިތުރުން ކެނެޑާ އަދި މެކްސިކޯގެ ފަޔާ ފައިޓަރުން ވެސް އަންނަނީ އަލިފާންގަނޑު ނިއްވުމުގައި އެހީތެރިވަމުންނެވެ.
އެލްއޭ ކައުންޓީގެ މެޑިކަލް އެގްޒެމިނާރުން ހާމަކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ނިޔަލަށް އެ ހާދިސާގައި 24 މީހުން ވަނީ މަރުވެފައެވެ. އަދި އިތުރު 16 މީހަކު ގެއްލިފައިވާ ކަމަށް ވެސް އެ އިދާރާއިން ކުރިން ވަނީ ބުނެފައެވެ.
މަރުވި މީހުންގެ ތެރެއިން 16 މީހުން ފެނިފައިވަނީ އީޓަން ފަޔާ ޒޯނުން ކަމަށާއި، އަށް މީހަކު ފެނިފައިވަނީ ޕެލިސޭޑްސް ސަރަހައްދުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ލޮސް އެންޖެލިސްގެ ވަށައިގެން ތިން އަލިފާންގަނޑެއް މިހާރު ވެސް އަނދަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އެންމެ ބޮޑު އަލިފާންގަނޑު ފެތުރެމުންދަނީ ޕެލިސޭޑްސް ކަމަށާއި މިހާރު 23،000 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް އަނދާފައިވާ އަލިފާންގަނޑުގެ 11 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ދެވަނައަށް އެންމެ ބޮޑަށް އަލިފާންގަނޑު ފެތުރޭ އީޓަންގައި 14،000 އަށްވުރެ ބޮޑު އަކަފޫޓުގެ ސަރަހައްދެއް ވަނީ އަނދާފައެވެ. އެ އަލިފާންގަނޑުގެ 27 އިންސައްތަ ވަނީ ކޮންޓްރޯލު ކުރެވިފައެވެ.
ހާސްޓްގެ އަލިފާންގަނޑު 799 އަކަފޫޓަށް ފެތުރިފައިވާއިރު، އެ ސަރަޙައްދުގެ ބޮޑު ބައެއް ވަނީ ކޮންޓްރޯލުކޮށްފައެވެ.
މިއީ އެމެރިކާގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގެއްލުންވި ހާދީސާއަށް ވެދާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އަމިއްލަ ފޯކަސްޓަރު އެކިއުވެދާއިން ވަނީ އަލިފާނުގެ ހާދިސާތަކުން ލިބުނު މާލީ ގެއްލުން 250 ބިލިއަން ޑޮލަރާއި 275 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ލަފާކޮށްފައެވެ.