މި މަހުގެ ހަތް ވަނަ ދުވަހު ލޮސް އެންޖެލިސްގެ ޖަންގަލިތަކުގައި ރޯވެ، ފެތުރެންފެށި އަލިފާންގަނޑު ކޮންޓްރޯލު ނުވެ އަދިވެސް އަނދަމުންދާއިރު، މިއީ އެމެރިކާގެ ތާރީޚުގައި ވެސް މިހާތަނަށް ކުރިމަތިވި އެންމެ ގެއްލުންބޮޑު ހާދިސާ ކަމަށް ބެލެވެއެވެ. އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުން މިހާރުވެސް 135 ބިލިއަން ޑޮލަރަށް ވުރެ ވަނީ އިތުރުވެފައެވެ.
ގެއްލުންތައް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ އެކިއުވެޑާ އިން ބުނީ އެމެރިކާގެ އެންމެ އަގުބޮޑު އެއް ސިޓީ ކަމަށްވާ ލޮސް އެންޖެލިސްގައި އަލިފާން ރޯވުމުގެ ސަބަބުން 135 ބިލިއަން ޑޮލަރާއި 150 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އިންޝުއަރެންސް އިންޑަސްޓްރީ ވެސް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މޯނިންގްސްޓާ އާއި ޖޭޕީ މޯގަން ފަދަ ކުންފުނިތަކުން ލަފާކުރާ ގޮތުގައި އިންޝުއަރެންސަށް އަށް ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާގެ ގެއްލުން ލިބޭނެއެވެ.
ފަޔާ އޮތޯރިޓީން ބުނާ ގޮތުގައި އެންމެ ފުރަތަމަ އަލިފާން ރޯވި ލޮސް އެންޖެލިސްގެ އިރުމަތީގައި އޮންނަ ޕެސިފިކް ޕެލިޑޭސްގެ 5،300 އަށްވުރެ ގިނަ އިމާރާތް ހަލާކުވެފައިވާއިރު، އީޓަން އަލިފާނުގެ ހާދިސާގައި 5،000 އަށް ވުރެ ގިނަ އިމާރާތް ވަނީ ހަލާކުވެފައެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަދިވެސް މަސައްކަތް ކުރަމުންދާއިރު، ގެއްލުން ލިބުނު މިންވަރު އަދިވެސް ދެނެނުގަނެވެއެވެ.
"މި ބާރު ސްޕީޑުގައި ޖެހޭ ވައިގެ ސަބަބުން ފެތުރޭ މި އަލިފާނަކީ އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ހާދިސާ." އެކިއުވެދާގެ ޗީފް މީޓިއޮރޮލޮޖިސްޓް ޖޮނަތަން ޕޯޓާ ވިދާޅުވިއެވެ.
މިހާތަނަށް އެންމެ ބޮޑު އިންޝުއަރެންސް ގެއްލުމެއް ލިބިފައި ވަނީ 2018 ވަނަ އަހަރު ކެލިފޯނިއާގެ އުތުރުގައި އޮންނަ ޕެރެޑައިސް ޓައުން ކައިރީގައި ހިނގި އަލިފާނުގެ ހާދިސާގައެވެ. އެ ހާދިސާގައި ގާތްގަޑަކަށް 12.5 ބިލިއަން އިންޝުއަރެންސް ގެއްލުން ލިބިފައިވާ ކަމަށް އިންޝުއަރެންސް ކުންފުނި، އެއޮން އިން ހާމަކޮށްފައިވެއެވެ.
ކޭމްޕް ފަޔާގެ ނަމުން މަޝްހޫރު އެ ހާދިސާގައި 85 މީހުން މަރުވެ، 50،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހުނެވެ.
އެއޮން އިން ބުނާގޮތުގައި މިފަހަރުގެ ހާދިސާއަކީ މިހާތަނަށް އެންމެ ބޮޑު އިންޝުއަރެންސް ގެއްލުން ލިބުނު ފަސް ހާދިސާގެ ތެރެއިން އެއް ހާދިސާއެވެ. އިންޝުއަރެންސް ނުކުރާ ޕްރޮޕަޓީތައް ހިމެނޭ ގޮތަށް ޖުމްލަ ގެއްލުންތައް އިތުރަށް ބޮޑުވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.