ދެވަނަ ޑިވިޝަން ފަށައިފި، ފުރަތަމަ މޮޅު މަހިބަދުއަށް

ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް ފެށުމުގެ ކުރީން ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެފްއޭއެމް

މަހިބަދޫ ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބު މެކާނޯގެ މެޗުން، މި ސީޒަންގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް، މިއަދު ހަވީރު އެފްއޭއެމްގެ އެއް ނަމްބަރު ޓަރފް ދަނޑުގައި ފަށައިފިއެވެ.

ކުލަގަދަ ރަސްމިއްޔާތަކަށް ފަހު، ކުޅުނު ފޯރިގަދަ މެޗުން މަހިބަދޫ ވަނީ މެކާނޯގެ މައްޗަށް 2-0 ލަނޑުން ކުރިހޯދައި ފެށުން ރަނގަޅުކޮށްފައެވެ.

ފުރަތަމަ ޑިވިޝަނުން 2015 ވަނަ އަހަރު ފެނިގެން ގޮސްފައިވާ މަހިބަދޫ ވަނީ މެޗު ފެށިތާ ގިނައިރުތަކެއް ނުވަނީސް ލީޑު ނަގައިފައެވެ. މެޗުގެ 6 ވަނަ މިނިޓްގައި އެޓީމަށް ލަނޑު ޖަހައިދިނީ އިސްމާއީލް ނަޒީރެވެ.

މަހިބަދޫގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފްގެ ފަހު 10 މިނިޓް ތެރޭގައެވެ. މެޗުގެ 82 ވަނަ މިނިޓްގައި އެޓީމަށް ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށް ދިނީ މިދިޔަ ސީޒަންގައި ނިއުއަށް ކުޅުނު އިއްޒަތު އަބްދުލް ބާރީއެވެ.

މިއަހަރު ދެވަނަ ޑިވިޝަންގައި 10 ޓީމު ވާދަކުރާ ގޮތަށް ކުރީން އޮތް ނަމަވެސް، މުބާރާތް ފެށުމުގެ ކުރީން ކްބަލް ވިޔަންސާ ވަނީ މުބާރާތުގައި ބައިވެރި ނުވުމަށް ނިންމައިފައެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ 9 ޓީމެވެ.

2017 ވަނަ އަހަރު ދެވަނަ ޑިވިޝަނަށް ކުޅޭ ކްލަބުތައް

  • މަހިބަދޫ ސްޕޯޓްސް ކްލަބް
  • ސްޕޯޓްސް ކްލަބް މެކާނޯ
  • ޖޭޖޭ ސްޕޯޓްސް ކްލަބް
  • ދަ ގްރޭންޑް އަމިގޯސް ނިއުޖެނަރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް)
  • ކުޑަ ހެންވޭރު ޔުނައިޓެޑް
  • ބީޖީ ސްޕޯޓްސް ކްލަބް
  • ކްލަބް ޕީކޭ
  • ކްލަބް ޒެފްރޯލް
  • ވީކޭ ސްޕޯޓްސް ކްލަބް

ދެވަނަ ޑިވިޝަންގެ މެޗެއް މާދަމާ ހަވީރުވެސް ކުޅޭނެއެވެ. ހަވީރު 4:00ގައި، އެއް ނަންބަރު ޓަރފްގައި ކުޅޭ އެމެޗުގައި ވާދަކުރާނީ ޖޭޖޭ ސްޕޯޓް އާއި ދަ ގޭންގެވެ.

comment ކޮމެންޓް