އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އުފުލާލުމަށް އާސެނަލުން ކުރަމުން އަންނަ އުންމީދުގެ ދަށުން އޭއެފްސީ ބޯންމޯތާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް، އެ އުންމީދު ދަމަހައްޓައިފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.
ފުރަތަމަ ހާފުގެ ފަހު މިނެޓާ ހަމައަށް ބޯންމޯތުންވަނީ އާސެނަލަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލައިފައެވެ. އެ ޓީމުން ޑިފެންސް ރަނގަޅުވުމުގެ އިތުރުން އާސެނަލަށް ލަނޑު ޖަހަން ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން ނުހިފުނުކަން ވެސް ފާހަގަވެގެންދިޔައެވެ.
އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބުކާޔޯ ސާކާއެވެ.
އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިިދިނީ ލެއާންޑްރޯ ޓްރޮސާޑްއެވެ. އަދި، ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ޖަހައިދިނީ ޑެކްލަން ރައިސެވެ. މެޗުގައި ބޯންމޯތަށް ލަނޑެއް ނުޖެހުނު ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާކޮށްފައެވެ.
މި ކާމިޔާބީއާ އެކު އާސެނަލުން ވަނީ ލީގު ކާމިޔާބުކުރުމަށްޓަކައި އެ ޓީމުން ކުރަމުންދާ މަސައްކަތުގައި އިތުރު ފިޔަވަޅެއް ކުރިއަށް އަޅައި، އެ ޓީމާ އެންމެ ގާތުން ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް އޮތް ޕްރެޝަރު އިތުރުކޮށްފައެވެ.
އާސެނަލަށް މިހާރު ބާކީ ދެ މެޗު އޮތްއިރު ސިޓީއަށް ބާކީ ތިން މެޗު އެބައޮތެވެ. އެހެންވެ، މި ފަހަރު ލީގު ކާމިޔާބުކުރާނީ ކޮން ޓީމެއްކަން ހާމަކުރަން ދަތިކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އާސެނަލަށް 36 މެޗުން ލިބިފައިވަނީ 83 ޕޮއިންޓެވެ. އަދި، ސިޓީއަށް ލިބިފައިވަނީ 35 މެޗުން 82 ޕޮއިންޓެވެ.
މެޗުން ބަލިވުމުން ބޯންމޯތު އުޅެނީ 36 މެޗުން ލިބިފައިވާ 48 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައެވެ.