ބާސާ އަތްދަށުކޮށްލައި ޖިރޯނާއަށް ތާރީޚީ މޮޅެއް

ޖިރޯނާއިން ވަނީ އެ ކުލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕުން ޖާގަ ހޯދާފައި -- ފޮޓޯ/ ޔޫރޯ ސްޕޯޓް

ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ، ޖިރޯނާ އަތުން ބަލިވެ، ތާވަލުގެ ތިންވަނައަށް ވެއްޓިއްޖެއެވެ.

މެޗުން ބާސާ ބަލިވުމާ އެކު ވާދަވެރި ރެއާލް މެޑްރިޑަށް މިހާރުވަނީ 36 ވަނަ ފަހަރަށް ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ވެސް ލިބިފައެވެ.

މި މެޗު ބާސާއިން ފެށީ ވަރަށް އުންމީދާއި އެހާމެ ފޯރިއާ އެކުއެވެ. ތިންވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ބާސާއިން ވަނީ ލީޑު ވެސް ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިފެންޑާ އެންޑްރިއާސް ކްރިސްޓެންސެންއެވެ.

ނަމަވެސް ބާސާއަށް މި ލީޑު ދެމެހެއްޓޭގޮތްވީ އެންމެ މިނެޓެއް ވަންދެނެވެ. ބާސާއިން ލީޑު ނެގިތާ 68 ސިކުންތު ފަހުން އާޓެމް ޑޮވްބީކް ޖަހައިދިން ލަނޑާ އެކު ޖިރޯނާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ހާފުގައި ބާސާއަށް މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާނެ ރަނގަޅު ދެ ފުރުސަތެއް އޭގެ ފަހުން ވެސް ލިބިގެންދިޔައެވެ. މިގޮތުން ކްރިސްޓެންސެން ބޮލުން ފޮނުވާލި ހަމަލާއެއް ގޯލް ރޮނގުމަތިން ކަހަލަ ގޮތަކަށް ޖިރޯނާގެ ކީޕާ ޕައުލޯ ގަޒަނީގާ ދިފާއުކުރިއިރު އިލްކާއި ގުންޑޮގާން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ލީޑު ބާސާއިން ދެވަނަ ފަހަރަށް ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޮބަޓް ލޮވަންޑޯސްކީ ޖަހައިދިން ލަނޑުންނެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ ބާސާ ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފު ވެގެންދިޔައީ ޖިރޯނާގެ މޮޅު ކުޅުން ފެނިގެންދިޔަ ހާފަކަށެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ޕޯޓޫ ޖަހައިދިން ލަނޑާ އެކު މެޗުގެ ނަތީޖާ ޖިރޯނާއިން ހަމަހަމަކުރިއެވެ. އެ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން މިގުއެލް ގުތިއަރޭޒް ޖަހައިދިން ލަނޑުން މެޗުގައި ފުރަތަމަ ފަހަރަށް ޖިރޯނާއިން ލީޑު ނެގިތަން ފެނިގެންދިޔައެވެ. ޖިރޯނާގެ ފަހު ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ޕޯޓޫއެވެ. މި ހާފުގައި ބާސާއަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް ޖިރޯނާގެ ޑިފެންސް ފުއަޅުވާލެވޭގޮތެއް ނުވިއެވެ.

މި ކާމިޔާބީ ވެގެންގޮސްފައިވަނީ ޖިރޯނާއަށް ވަރަށް ތާރީޚީ ކާމިޔާބީއަކަށެވެ. އެ ޓީމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މިއީ އެ ޓީމުން ލަލީގާގައި ވާދަކުރާ ހަތަރުވަނަ ފަހަރު ކަމުން މިއީ ކުޑަ ކާމިޔާބެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޖިރޯނާ މިހާރު ވަނީ 34 މެޗުން ލިބިފައިވާ 74 ޕޮއިންޓާ އެކު ބާސާ ފަހަތަށް ޖައްސައިލާ ދެވަނައަށް ޖެހިލާފައެވެ. ބާސާ މިހާރު އުޅެނީ 73 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައެވެ.

comment ކޮމެންޓް