ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި

ގާސިމް އިބްރާހީމް ---- ސަން ފޮޓޯ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެ އެވެ. ގާސިމް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައި ވަނީ މިރޭ 8:30 އަށެވެ.

ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވާފައި މިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲއާ ގުޅިވަޑައިގެން ފުޅާދާއިރާއެއްގައި އިދިކޮޅު ސިޔާސީ ހަރަކާތްތައް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

އެކުއެކީގައި ގުޅިގެން މަސައްކަތް ކުރުމަށް އެ ހަތަރު ބޭފުޅުން ދާދިފަހުން ވަނީ އެއްބަސްވުމެއްގައި ވެސް ސޮއިކުރައްވައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ވެސް ފުރިހަމަ ބައިވެރިވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ހުށަހެޅި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މި މަހުގެ 27 ވަނަ ދުވަހު މަޖިލީހުގައި ނެގި ވޯޓު ސަރުކާރުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ވޯޓު އަނގަބަހުން ނެގުމަށް ރިޔާސަތުން ނިންމުމުން އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖުކޮށް އަޑުގަދަކުރަން ފަށައިފަ އެވެ. އެއާ އެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ އެ މެމްބަރުންގެ ނަންއިއްވައި ސިފައިން މެދުވެރިކޮށް މަޖިލީހުގެ ތަޅުމުން އެ މެމްބަރުން ބޭރުކޮށްލާފަ އެވެ. އެއަށް ފަހު އިދިކޮޅު ހުރިހާ މެމްބަރުން ވަނީ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.

މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވީ ސަރުކާރަށް ނިސްބަތްވާ 48 މެމްބަރުންގެ ވޯޓުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އިތުރު މެމްބަރުންތަކެއްގެ ސޮޔާ އެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

comment ކޮމެންޓް