ހއ. ހޯރަފުށީގައި ހުންނަ, ކުޑަކުދިންގެ ވަގުތީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި އުޅޭ ތިން ކުއްޖަކު ރޭ މާރާމާރީ ހިންގި މައްސަލައިގައި އަނިޔާ ލިބުނު މީހާގެ ހާލު ރަނގަޅު ކަމަށް، އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ހޯރަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު އަފްސާމް، އަނިޔާވި މީހާގެ އާއިލާއާ ހަވާލާދެއްވައި 'ސަން'އަށް ވިދާޅުވީ، އަނިޔާ ލިބުނު މީހާގެ ހާލު ރަނގަޅު ކަމަށެވެ.
"ކަށީގެ ޑޮކްޓަރަކަށް ދައްކާ ވާހަކަ ބުނި، ބްލަޑް ޓެސްޓް ހަދާ ވާހަކަ ބުނި،" އަފްސާމް ވިދާޅުވިއެވެ.
އަފްސާމް ރޭ ވިދާޅުވީ، އެ ރަށުގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި އުޅޭ ތިން ކުއްޖަކާއި ގޮނޑުދޮށުގައި މަސް ބާނަން ހުރި މީހަކާ ދެމެދު ޒުވާބެއް ހިނގި ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުން ނަމަ، މަސް ބާނަން ހުރި މީހާ ފިލަން އުޅުނު ވަގުތު ހާފްވޭ ހައުސްގައި އުޅޭ ތިން ކުދިން އޭނާއާ މާރާމާރީ ހިންގީ ކަމަށް އަފްސާމް ވިދާޅުވިއެވެ.
އޭގެ ފަހުން އިތުރު ތަފުސީލު ދެއްވަމުން އޭނާ ވިދާޅުވިގޮތުގައި އަނިޔާ ލިބުނު މީހާ ޒަޚަމްކޮށްލައިފައިވަނީ ގައިގައި ގާ ބުރިންނާއި ގޮށްމުށުން ތަޅައިގެންނެވެ.
މި މައްސަލައިގައި މާރާމާރީ ހިންގި ކުދިންނަށް އަދި އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އަފްސާމް ވިދާޅުވިއެވެ. އެކަމަކު ކަން ހިނގި ގޮތް ދެނެގަތުމަށްޓަކައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޞިއްދީޤް ހޯރަފުށްޓަށް ވަޑައިގެން އެބަ އުޅުއްވާ ކަމަށް ވިދާޅުވިއެވެ.
އަފްސާމް ވަނީ، އެ ސެންޓަރު ހިންގާ ގޮތާ ގުޅޭ ގޮތުން ރަށު ކައުންސިލުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
ފުލުހުން މިއަދު ބުނީ، ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން ރޭ ހިނގި ކަމަށް ރިޕޯޓުކޮށްފައިވާ ހާދިސާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެ ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި މި މައްސަލައާ ގުޅިގެން ހޯރަފުށީ ހާފްވޭ ހައުސް ކައިރިޔަށް އެއްވެ ގިނަ ބަޔަކު ރޭ އިހުތިޖާޖުކުރިއެވެ.
ވީޑިއޯއާއެކު ކުރި ޕޯސްޓުގައި ވަނީ، މާރާމާރީގައި އަނިޔާވި މީހާ އޮތީ ފަޅު ގެއެއްގެ ތެރެއަށް އެއްލައިލައިފައި ކަމަށެވެ.