އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރުމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ސ.މަރަދޫ / އާލް، އަޙްމަދު ޙާރިޝް (32އ) ކަމަށެވެ.
އެ މުއައްސަސާއިން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީ މަރަދޫ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
އޭނާ ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ އެހެން މައްސަލައެއް ވެސް ގަމުގެ ފުލުހުން ތަހުގީގު ކުރަމުންގެންދާކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި، ޙާރިޝްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ވައްކަމުގެ މައްސަލަ ވަރަށް ގިނައިރު، އައްޑޫ ސިޓީގައި ކުދި ވައްކަންތައް ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.