އަށް ކިލޯގެ ޑުރަގު އެތެރެކުރުން: އިންޑިއާގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަށް ކިލޯގެ ޑުރަގު އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ބިދޭސީން: އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައި -- ފޮޓޯ/ ފުލުހުން

މިދިޔަ މަހު ރާއްޖެއަށް އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރެއިން، އިންޑިއާއަށް ނިސްބަތްވާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި، ރާއްޖެއަށް އަށް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ފަސް މީހަކު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ މަހުގެ ނުވައެއްގައި ހައްޔަރުކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އިންޑިއާއަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ)
  • މުކުރިމަގު، ފޭރުގަސްދޮށުގެ، ލ. ގަން / އަޙްމަދު އަފްރާޙް (33އ)
  • ކ. މާލެ / ހ. ކަހަފަތި ، އިލްޔާސް އަޙްމަދު (42އ)
  • ކ. މާލެ / ގ. ހޭޅި ، ޙަސަން ޝަމްޢޫން (36އ)

އޭގެ ތެރެއިން ޙަސަން ޝަމްއޫނާއި އިލްޔާސް އަހުމަދާއި އަހުމަދު އަފްރާހް 30 ދުވަހަށް ބަންދުކުރަން މިދިޔަ މަހުގެ 25ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 25އަށެވެ.

އެ މައްސަލައިގައި ބާކީ ދެ މީހުންނަށް މީގެ ކުރިން ޖަހައިފައިވާ މުއްދަތު މިއަދަށް ހަމަވުމުން އެ މީހުން ވަނީ ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް ހާޒިރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އެ ދެ މީހުން އިންޑިއާގެ ބެންގަލޫރުން ރާއްޖެ އައިއިރު ގެނެސްފައިވާ ލަގެޖު ކަސްޓަމްސްއިން އެކްސްރޭކޮށް ބެލިއިރު، ލަގެޖުގެ ފުލުގައި އެއްޗެއް ރައްކާކޮށްފައި ހުރި ކަމަށް ބެލެވުނެވެ. އެހެންވެ، ކަސްޓަމްސްއިން ބަލައިފާސްކުރުމުން ދެ މީހުންގެ ލަގެޖުގެ ފުލުގައި 'ފޯލްސް ބޮޓަމް'އެއް ހަދައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފޮރުވާފައި ހުރިކަން ފާހަގަވި ކަމަށް އަމުރުގައިވެއެވެ.

އެ ދެ މީހުން ކޯޓުގައި ބުނީ، އެ ލަގެޖަކީ "ބާއީ" ކިޔާ މީހަކު ފައިސާ ދޭން ބުނެގެން އެތެރެކޮށްފައިވާ ތަކެތި ކަމަށް، އެ ދެ މީހުންނާއެކު ހުރި މީހާ ބުނެފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ކޯޓު އަމުރުގައި ނެތެވެ.

އެ އަމުރުގައިވާ ގޮތުން، ދެ މީހުންގެ ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން 8.3 ކިލޯއަށް އަރައެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުން ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މިދިޔަ މާރިޗް މަހު ވަނީ އަމަލުކުރަން ފަށައިފައެވެ.

އެ ގާނޫނުގައި ވާގޮތުން މަރު ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަބަލާ ފަނޑިޔާރުންގެ އިއްތިފާގުން، ހުކުމް ކުރުމުންނެވެ. އަދި ފަނޑިޔާރުންގެ މެދުގައި އިއްތިފާގުނުވާ ހާލަތުގައި އިއްވޭނީ އުމުރު ދުވަހުގެ ޖަލުހުކުމަކާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާއި ދެމެދުގެ ޖޫރިމަނާއެކެވެ.

comment ކޮމެންޓް