ކޮރަޕްޝަނާއި ނޯޓު7ގެ މައްސަލާގައި ސެމްސަންގުން މައާފަށް އެދިއްޖެ

ސެމްސަންގުން ބޭއްވި ހިއްސާދާރުންގެ ބައްދަލުވުމުގައި ސީއީއޯ ކުވޮން އޯ ހުޔުން ---

ދެކުނު ކޮރެއާގެ ރައީސް ޕާކް ގުން ހޭ މަގާމުންދުރުކުރުމަށް މެދުވެރިވި ކޮރަޕްޝަނުގެ މައްސަލާގައި ސެމްސަންގުން އަދާކޮށްފައިވާ ދައުރަށް އެކުންފުނިން މައާފަށް އެދިއްޖެ އެވެ.

ކޮރަޕްޝަނުގެ މި މައްސަލާގައި ކޮރެއާގެ ރައީސް ޕާކް ގުން ހޭ މަގާމުން ވަކިކޮށްފައިވާ އިރު، ސެމްސަންގް ކުންފުނީގެ ވަގުތީ ވެރިޔާ، އެކުންފުނީގެ ވައިސް ޗެއާމަން ލީ ޖައެ ޔޮންގް (ޖޭ ލީ)ގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް މިހާރު ދަނީ ކުރިޔަށެވެ.

ސެމްސަންގް އިން ހިއްސާދާރުންނާ އެކު ހުކުރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި، އެކުންފުނީގެ ސީއީއޯ ކުވޮން އޯ ހްޔުން ވަނީ، ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ހިއްސާދާރުންގެ ކިބައިން މައާފަށް އެދިފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ސެމްސަންގް ގެލެކްސީ ނޯޓު7 ފޯނަށް ދިމާވި މައްސަލައާ ގުޅިގެން ވެސް ސެމްސަންގްގެ ސީއީއޯ ވަނީ މައާފަށް އެދިފަ އެވެ. ގެލެކްސީ ނޯޓު7 ފޯނުގައި މައްސަލަ ޖެހުމުގެ ސަބަބުން ސެމްސަންގްއަށް މާލީ ގޮތުން ވަނީ ބޮޑެތި ގޮންޖެހުންތަކެއް މިދިޔަ އަހަރު ކުރިމަތިވެފަ އެވެ.

ސެމްސަންގްގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސާ ޕާކް ގުން ހޭގެ ރުހުން ހޯދުމަށް ސެމްސަންގްގެ ވައިސް ޗެއާމަން ޖޭ ލީ، އެކަމަނާއަށާއި ގާތް އެކުވެރިޔާ ޗޮއި ސޫން ސިލްއަށް ރިޝްވަތު ދިން މައްސަލަ އެވެ. މި މައްސަލާގައި އެ ކުންފުނީގެ ވައިސް ޗެއާމަން ހައްޔަރުކޮށްފައިވާ އިރު، ސެމްސަންގުން ވަނީ ރިޝްވަތު ދިންކަމަށް ދެކެވޭ ވާހަކައަށް ދެކޮޅު ހަދައިފަ އެވެ.

އެހެން ނަމަވެސް ކުންފުނީގެ އޮނިގަނޑު އިސްލާހުކުރާނެކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

comment ކޮމެންޓް