ދެކުނު ކޮރެއާގެ ރައީސާގެ ކޮރަޕްޝަންގެ މައްސަލާގައި ސެމްސަންގުގެ ވެރިޔާއާ ސުވާލު ކުރަނީ

ސެމްސަންގުގެ ވެރިޔާ ލީ ޖައެ ޔޮންގް -- ފޮޓޯ: ގެޓީ

ސޯލް (ޖެނުއަރީ 11): އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، މަގާމުން އެކަހެރިކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސާ ޕާކް ގުން ހޭއާ ދެކޮޅަށް ބަަލަމުންދާ ކޮރަޕްޝަނުގެ މައްސަލައިގައި ސެމްސަންގުގެ ވެރިޔާ ލީ ޖައެ ޔޮންގްއާ މާދަމާ ސުވާލު ކުރާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޕްރޮސިކިއުޓަރުން ބުނި ގޮތުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ މައްސަލައެއްގައި ރައީސާ ޕާކުގެ ތާއިދު ހޯދުމަށް ސެމްސަންގުން ވަނީ ޕާކްގެ ގާތް އެކުވެރިޔާ ޗޮއި ސޫން ސިލްގެ ދެ ފައުންޑޭޝަނަކަށް 3.1 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.

އެ މައްސަލަ ގުޅިފައި ވަނީ ސެމްސަންގު ކޮންސްޓްރަކްޝަން އެންޑް ޓެރޭޑިން ކޯޕަރޭޝަނާއި ދެކުނު ކޮރެއާގެ އެހެން ކުންފުންޏެއް ކަމަށްވާ ޗިއެލް އިންޑަސްޓްރީސް އެއް ކުރުމާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ގާނޫނު ހަދާ މަޖިލީހުން ވަނީ ލީ އާ ސުވާލުކޮށްފަ އެވެ. ނަމަވެސް މާދަމާއަކީ އެ މައްސަލާގައި ޕްރޮސިކިއުޓަރުން އޭނާއާ ސުވާލު ކުރާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން މިހަފްތާ ތެރޭގައި ޕްރޮސިކިއުޓަރުން ވަނީ ސެމްސަންގުގެ ދެއެގްޒެކެޓިވުންނާ ވެސް ސުވާލުކޮށްފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިދިޔަ މަހު ލީ ވަނީ ސެމްސަންގުން ޗޮއިގެ ދެ ފައުންޑޭޝަނަކަށް މުޅިއަކު 17.46 މިލިއަން ޑޮަލަރު ދިން ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެއީ ރައީސާ ޕާކްގެ ރުހުން ހޯދުމަށް ހަދިޔާ ކުރި ފައިސާ ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

މީގެ އިތުރުން ލީ ވަނީ، ޗޮއިގެ އަންހެން ދަރިފުޅަށް އަހަކާއި ފައިސާ ހަދިޔާ ކުރިކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން މިހާރު ހިތާމަ ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ލީ އަކީ ސެމްސަންގް އިލެކްޓްރޯނިކްސްގެ ނައިބު ރައީސެވެ. ނަމަވެސް 2014 ވަނަ އަހަރު އޭނާގެ ބައްޕަ ލީ ކުން ހީ އަށް ހާޓް އެޓޭކަށް ޖެހުމާ ގުޅިގެން، އޭނާއަކީ ސެމްސަންގުގެ ޑިފެކްޓޯ ބޮސްކަމަށް ވަނީ ބެލެވިފަ އެވެ.

އެ މައްސަލައާ ބެހޭ ގޮތުން ސެމްސަންގުން ކޮމެންޓުކޮށްފައި ނުވެ އެވެ.

ރައީސާ ޕާކްގެ ގާތް ރަހުމަތްތެރިޔެއް ކަމުގައިވާ ޗޮއި ސޫން ސިލްއަށް ގައުމުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ފުރުސަތު ދޭ ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ރައީސާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އޭނާ މަގާމުން އެކަހެރިކޮށްފައެވެ.

އަދި އެ ގައުމުގެ ދުސްތޫރީ ކޯޓުން ވަނީ ރައީސާ ޕާކް މަގާމުގައި ދެމިހުންނާނީތޯ ނުވަތަ މަގާމުން ވަކިކުރާނީތޯ ނިންމުމަށް ޝަރީއަތެއް ފަށާފަ އެވެ.

ޕާކް މަގާމުން ދުރުކުރުމާ ގުޅިގެން މިހާރު ވެރިކަމުގެ ހުރިހާ ބާރުތަކެއް ހަވާލުކޮށްފައި ވަނީ އެގައުމުގެ ބޮޑުވަޒީރު ވަން ކިޔޯ އާން އާއެވެ. (ބީބީސީ)

comment ކޮމެންޓް