މާލެގައި އުޅޭ މީހުން ދަތުރު ދިއުމަށް ގަލުފަޅު ހިއްކައިގެން ތަރައްގީކުރަނީ

ކ. ގަލުފަޅު:

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކާއި ދަތުރު ދިއުމަށްޓަކައި، މާލޭ ސަރަހައްދުގައި އޮންނަ ކ. ގަލުފަޅު ހިއްކައިގެން އެތަނުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކުރަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން އިއުލާން ކޮށްފިއެވެ.

ކ. ގަލުފަޅު އޮންނަނީ މާލޭގެ ހުޅަނގު އުތުރުން، އަދި ކ. ފޭދޫފިނޮޅާއި ކ. ދޫނިދޫއާ ދެމެދުގައެވެ.

އެމްއައިޓީޑީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އާންމުކޮށް ފަޅެއް ކުއްޔަށް ދޭ އަގަކީ 20 މިލިޔަން ޑޮލަރާއި 50 މިލިޔަން ޑޮލަރާ ދެމެދުގެ އަގެއް ނަމަވެސް، އެމްއައިޓީޑީސީން ކަނޑައަޅާ މިންގަނޑަކަށް ކ. ގަލުފަޅުގައި ޕިކްނިކް އައިލެންޑް ތަރައްގީކުރަން ހުށަހަޅާ ފަރާތަށް އެއްވެސް އަގަކާ ނުލައި، 50 އަހަރުގެ މުއްދަތަކަށް އެފަޅު ކުއްޔަށް ދެވޭނެ ކަމަށެވެ.

އެ ފަޅުގައި ޕިކްނިކް އައިލެންޑް ހެދުމަށްފަހު ބާކީ އޮތް ސަރަހައްދުގައި އިންވެސްޓަރަށް ރިސޯޓެއް ތަރައްގީކުރެވިދާނެ ކަމަށް ވެސް އެމްއައިޓީޑީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.

މާލެއިން ފުރައިގެން ގާތްގަނޑަކަށް ފަސް މިނިޓުން ދެވޭ ގަލުފަޅުގައި ތަރައްގީ ކުރަންޖެހެނީ ހަތް ހެކްޓަރުގެ ރަށެކެވެ. އެ ރަށުގައި އެއްފަހަރާ ދެ ފެރީއަށް ޚިދުމަތް ދެވޭ ޖެޓީއަކާއި، ހަތަރު މީހުންގެ ޖާގަ އޮންނަ 20 ކޮޓަރި އާއި، ފިހާރައަކާއި، ވޯޓާ ސްޕޯޓްސް އޭރިއާއެއްގެ އިތުރުން ފުޓްސަލް ޕިޗަކާއި ވޮލީ ކޯޓެއް ހިމެނޭ ގޮތަށް ރިކްރިއޭޝަނަލް އޭރިއާއެއް ތަރައްގީކުރަން ޖެހެއެވެ.

އެރަށުގައި އިމާރާތްކުރާ ތަންތަނަކީ ރަށުގެ ޖުމްލަ އޭރިއާގެ ތިން ޕަސަންޓާއި ހަތް ޕަސަންޓާ ދެމެދުގެ ސަރަހައްދެއްގައި އިމާރާތް ކުރެވޭ ތަންތަނަށެވެ. އަދި މި ރަށަކީ އެއްފަހަރާ 1،000 މީހުންނަށް ބޭނުންކުރެވޭ ވަރުގެ ތަނަކަށް ވާންޖެހޭ ކަމަށް އެމްއައިޓީޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

އެމްއައިޓީޑީސީން ވަނީ މި މަޝްރޫއުގެ ކޮންސަލްޓަންޓަކަށް ސިންގަޕޫރުގެ ޖޯންސް ލަންގް ލަސާލް ޕްރޮޕަޓީ ކޮންސަލްޓަންޓްސް ވަނީ އައްޔަނުކޮށްފައެވެ.

މާލޭ ސަރަހައްދުގައި ރައްޔިތުން ޕިކްނިކް ދިއުމަށް ރަށެއް ހިއްކައިގެން ތަރައްގީކުރުމަށް ސަރުކާރުން ނިންމީ، މިސަރަހައްދުގައި ރައްޔިތުން ދަތުރު ދިއުމަށް ބޭނުންކުރަމުން އައި ކ. ފޭދޫފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ޗައިނާ ކުންފުންޏަކަށް ހަވާލުކުރުމުންނެވެ.

އޭގެ ކުރިން، ރައްޔިތުން ދަތުރުގޮސް އުޅުނު ރަށް ކ. ކުޑަބަނޑޮސްވެސް މިހާރު ވަނީ "މަލަހިނި ކުޑަބަނޑޮސް"ގެ ނަމުގައި، ރިސޯޓެއްގެ ގޮތުގައި ހުޅުވާފައެވެ.

comment ކޮމެންޓް