ފޭދޫ ފިނޮޅު ހަތަރު މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކަށް ދީފި

ފޭދޫ ފިނޮޅު: ހަތަރު މިލިއަން ޑޮލަރަށް އެރަށް ޗައިނާ ކުންފުންޏަކަށް ދޭން ސަރުކާރުން ވަނީ ނިންމާފައި

ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރާ މާލެ އަތޮޅު ފޭދޫ ފިނޮޅު ހަތަރު މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކުން ގަނެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ހޮޓެލްޖެންގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ކުއްޔަށް ދޭން އިއުލާނު ކުރި ރަށްތަކުގެ ތެރެއިން ފޭދޫ ފިނޮޅުގެ އެއްބަސްވުމުގައި ވެސް ޗައިނާ ކުންފުންޏާ އެކު ސޮއިކޮށްފައިވާ ކަމަށެވެ. ފަންސާސް އަހަރަށް އެ ރަށް ދިން ކުންފުނީގެ ނަމެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ.

"ގަވާއިދު ބުނާ ގޮތުން ކޮންޓްރެކްޓުގައި ސޮއިކުރެވޭނީ މީރާ އަށް ފައިސާ ދައްކައި ނިންމީމައި ގާނޫގައި ބުނާ ގޮތުން ފައިސާ ދެއްކުމުން އޭސީސީ އާއި އޮޑިޓަ ޖެނެރަލް އޮފީފަށް އަންގަން ޖެހޭ. އެ ރަށުގެ އެއީ އަޅުގަނޑަށް ހީވަނީ ހަތަރު މިލިއަން ޔޫއެސްޑޮލަރު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ފައިސާ ލިބޭނެ ގޮތަކަށް ރޭވިފައި އޮތީ ޕޮލިސް ވެލްފެއާ އަށް ކަމަށެވެ. ސަބަބަކީ މީގެ ކުރިން ވެސް އެ ރަށް ބޭނުން ކުރަމުން އައީ ޕޮލިހުންގެ ވެލްފެއާ ކަންކަމުގައި ކަމަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރަށް ލިބޭ ކުލި ލިބިފައި، އަދި ހިންގައިގެން ލިބޭ ފައިސާ އިން ޕޮލިހުންގެ ވެލްފެއާ އަށް ހަރަދުކުރެވޭ ގޮތަށް އެގްރިމެންޓްގައި އޮންނާނީ،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ރަށް ކުއްޔަށް ދީގެން، އެ ރަށުގައި ފުލުހުންނަށް އާމްދަނީއެއް ލިބޭނެ ގޮތްތަކެއް މަގުފަހިކޮށްދީފައިވާނެ ކަމަށާއި އެގޮތުން 50 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންނަށް އެ ރަށުން 63 މިލިއަން ޑޮލަރު ލިބޭނެ އެވެ.

ބޮޑުމިނުގައި 4.10 ހެކްޓަ ހުންނަ ފޭދޫ ފިނޮޅުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އިއުލާނު ކުރީ 3.6 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް