ޔޫޓީއޯ އެޑިއުކޮންސަލްޓް އިން އިންތިޒާމުކޮށްގެން ހޮޓެލް ޖެންގައި ބޭއްވި 12 ވަނަ މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ (މިބްފީ) ކޮންފަރެންސް 2026 ގައި މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީއިން ބައިވެރިވެއްޖެއެވެ.
"ރައިޒިންގް އަޕް ޓު ދަ ޗެލެންޖް" ނުވަތަ 'ގޮންޖެހުންތަކާ ކުރިމަތިލުން' މި ޝިއާރުގެ ދަށުން ބޭއްވުނު މި ކޮންފަރެންސްގައި އިސްލާމިކް ބޭންކިން އަދި ފައިނޭންސްގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި ދުވަހެއް ދުވަހަކަށް ޑިޖިޓަލްވެ ގުޅެމުންދާ ބައިނަލްއަގުވާމީ އިގްތިސާދެއްގައި، އުފެދެމުންދާ ފުރުސަތުތަކާ ގުޅޭގޮތުން އެ ކޮންފަރެސްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން އެ ކޮންފަރެންސްގައި އިސްލާމިކް ބޭންކިން ދާއިރާގެ އިސްވެރިންނާއި ރެގިއުލޭޓަރުންނާއި މާލީ އިދާރާތަކާއި، ދިރާސާވެރިންގެ އިތުރުން ދާއިރާގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

ޔޫޓީއޯ އެޑިއުކޮންސަލްޓް އިން އިންތިޒާމުކޮށްގެން ބޭއްވި 12 ވަނަ މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ (މިބްފީ) ކޮންފަރެންސް 2026ގެ ތެރެއިން --- ފޮޓޯ: އެމްއައިބީ
އެމްއައިބީއިން ބުނީ މި އަހަރުގެ ކޮންފަރެންސް ދިމާވީ ރާއްޖެއަށް އިސްލާމިކް ބޭންކިން ތައާރަފުކުރިތާ 15 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ސިނާއަތަށް ލިބިފައިވާ ކުރިއެރުމާއި، ކާމިޔާބީތައް އެ ކޮންފަރެންސްގައި ފާހަގަކޮށްފައިވާކަމަށް އެމްއައިބީއިން ބުނެއެވެ. އެގޮތުން ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު ތައާރަފުކުރުމާއި، ރާއްޖޭގައި ޝަރީއާ ހުއްދަކުރާ މާލީ ހިދުމަތްތައް ފުޅާކުރުން ހިމެނޭކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
އަދި ކޮންފަރެންސްގެ ބައިވެރިން ސިނާއަތުގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ މައިގަނޑު މައުލޫއުތަކަށް މަޝްވަރާކޮށްފައިވާކަން އެ ބޭންކުން ފާހަގަކުރެއެވެ. އޭގެ ތެރޭގައި ފިންޓެކާއި އާޓިފިޝަލް އިންޓެލިޖެންސާއި ސޯޝަލް ފައިނޭންސްގެ އިތުރުން ގާނޫނީ އިސްލާހުތަކާއި ކެޕިޓަލް މާކެޓްތައް އަދި އިސްލާމީ ބޭންކިންނާއި ފައިނޭންސްގެ ދާއިރާއަށް އަސަރުކުރާ ސަރަހައްދީ، ބައިނަލްއަގުވާމީ ކުރިއެރުންތައް ހިމެނޭ ކަމަށް އެމްއައިބީއިން ބުނެއެވެ.
އެމްއައިބީއިން ބުނި ގޮތުގައި އެ ކޮންފަރެންސްގެ އެންމެ ފާހަގަކޮށްލެވުނު އެއް ބަޔަކީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މުފައްދަލް އިދްރީސް ކުމްރީ ބައިވެރިވެވަޑައިގެންނެވި ފަޔާސައިޑް ޗެޓެވެ.

ޔޫޓީއޯ އެޑިއުކޮންސަލްޓް އިން އިންތިޒާމުކޮށްގެން ބޭއްވި 12 ވަނަ މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ (މިބްފީ) ކޮންފަރެންސް 2026ގެ ތެރެއިން --- ފޮޓޯ: އެމްއައިބީ
އެ ސެޝަންގައި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިސްލާމިކް ބޭންކިން ތަރައްގީވަމުން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި މި ދާއިރާއަށް ލިބުނު ކާމިޔާބީތަކާއި ކުރިމަތިވި ގޮންޖެހުންތަކުގެ އިތުރުން ކުރިއަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން އެމްޑީ ވަނީ ވާހަކަދައްކަވާފައެވެ.
މި ކޮންފަރެންސްގައި ޕެނަލް މަޝްވަރާތަކާއި ރާއްޖޭގެ އިސްލާމީ މާލީ ދާއިރާގެ މުސްތަގުބަލާ ބެހޭގޮތުން ހިޔާލު ބަދަލުކުރުމަށް މަގުފަހިކޮށްދިން ވާހަކަތައް ކުރިއަށްދިޔަ ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ.
އަދި މި ހަރަކާތް ނިންމާލީ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމާއި މައުލޫމާތު ހިއްސާކުރުމަށް ބޭއްވުނު މިބްފީ ކުއިޒް މުބާރާތުން ކަމަށާއި މި ކޮންފަރެންސްގައި އެމްއައިބީން ބައިވެރިވުމަކީ މި ސިނާއަތުގެ މަޝްވަރާތައް ކުރިއެރުވުމަށާއި ރާއްޖޭގެ އިސްލާމީ ބޭންކިން އަދި ފައިނޭންސްގެ މުސްތަގުބަލު ބައްޓަންކުރުމަށް އެ ބޭންކުން ބަހައްޓާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ.