ކުޑަބަނޑޮސް ރިސޯޓެއްގެ ގޮތުގައި ހިންގަން 50 އަހަރަށް ހަވާލުކޮށްފި

ކ. ކުޑަބަނޑޮސް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން 50 އަހަރަށް ސަރުކާރުން ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ދަތުރުދާ ރަށުގައި ސަރުކާރު ހިއްސާވާ ގޮތަށް ރިސޯޓެއް ތަރައްގީކުރަން އެ ރަށް ކުރިން ވެސް ހިންގި ކުންފުންޏާ އެކު ކުލީގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

ސަރުކާރުން އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ހަވާލުކުރީ ސަރުކާރު ހިއްސާވާ ޖޮއިންޓްވެންޗާ ކުންފުންޏަކުން ހިންގާ ގޮތަށެވެ. އަދި އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރީ ޕިކްނިކް އައިލެންޑެއް ރިސޯޓަކަށް ބަދަލުކުރުމަށް ދައްކަން ޖެހޭ ފީ ސަރުކާރަށް ދެއްކުމުން ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

"ސަރުކާރުން އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ހަވާލުރީ ޕިކްނިކް އައިލެންޑްތައް ރިސޯޓްތަކަށް ބަދަލުކުރަން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި އެ ފަރާތުން ހުށަހެޅުން. އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރި ނަމަވެސް ދިވެހިންނަށް ދަތުރު ދެވޭނެ އުސޫލުތަކެއް ހަމަޖައްސާނެ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކުރިން ވިދާޅުވެފައި ވަނީ ކުޑަބަނޑޮސް ތަރައްގީ ކުރަނީ މިހާރެކޭ އެއްގޮތަށް ދިވެހިންނަށް ދަތުރު ދެވޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ދެ އަހަރުން ދެ އަހަރުން އެތަނުގެ އެއްބަސްވުން އާކުރާކަށް. މިހާރު އެތަން ތަރައްގީކުރަން ހަވާލުކުރަން ނިންމާފައި ވަނީ ޓޫރިޒަމް ގާނޫނުގެ ތެރެއިން. އޭރުން އެތަނުން ކުލި ދައްކާނީ ރިސޯޓުތަކުން ކުލި ދައްކާ އުސޫލުން،" މިނިސްޓަރު ވިދާޅުވި އެވެ. "އެތަން ތަރައްގީކުރުމުން ސަފާރީ ބޯޓު ފަހަރުގެ މީހުންނަށް ޓޫރިސްޓުން ގޮވައިގެން ދަތުރު ދެވޭނެ. އަދި އެތަން ތަރައްގީކުރަނީ އެ ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު އޮންނަ ގޮތަށް. އޭގެ އިތުރުން ޓޫރިސްޓް ފެސިލިޓީ ގާއިމު ކުރަނީ އެތަނަށް އަންނަ ޓޫރިސްޓުންނަށް ފަސޭހައަކަށް."

މިނިސްޓަރު ވިދާޅުވީ ކުޑަބޮނޑޮހުގައި ޓޫރިސްޓް ފެސިލިޓީތަކެއް ގާއިމުކުރަނީ އެތަނުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް އެތަނުން ލިބޭ ހިދުމަތުގެ ފެންވަރުމަތިކުރުމަށް ކަމަށެވެ.

ކުޑަބަނޑޮސް ކުރިން ވެސް ގެންގުޅުއްވި މިހާރުގެ ނައިބު ރައީސް ހ. ޑީންސްވިލާ މުހައްމަދު ވަހީދުއްދީން )ޑީން(، އަށް ޓޫރިޒަމް މިނިސްޓްރީން ނޮވެމްބަރު، 17، 2008ގައި ކުއްޔަށް ދިނީ، އެރަށް ބީލަމަށް ލުމުން ކުރިން އެ ރަށް ނަންގަވައިގެން އުޅުއްވި އަގަށް ވުރެ ވަރަށް ބޮޑުތަން ބޮޑު އަގެއް ހުށަހަޅުއްވާ، ބީލަން ކާމިޔާބު ކުރައްވައިގެންނެވެ. އެ ރަށުގެ ބީލަމުގައި އެ ފަހަރު ބައިވެރިވެވަޑައިގެންފައި ވަނީ ވެސް ޑީން އެކަންޏެވެ.

ޑީން އަށް ދެވަނަ ފަހަރު ކުއްޔަށް ދިނުމުގެ ކުރިން އެ ރަށް ދޫކޮށްފައި އޮތީ އަހަރަކު 6،000 ޑޮލަރަށެވެ. ކުޑަބަނޑޮސް ފަސް އަހަރު ދުވަހުގެ މުއްދަތަށް ޑީން ދެވަނަ ފަހަރަށް ކުއްޔަށް ހިފީ އެވްރެޖްކޮށް އަހަރަކަށް 180،582 ޑޮލަރު ޖެހޭ ކުއްޔެއް ހުށަހަޅުއްވައިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު