ސާސޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން، ފަޅުތައް ސާފުކުރުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ، އަދި ރާއްޖޭގައި މިފަދަ ފުރަތަމަ އުޅަނދު ކަމަށްވާ "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި އުޅަނދު އިފްތިތާހުކޮށްފައިވަނީ މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން، މި މަހުގެ އަށް ވަނަ ދުވަހު ސާސޭ ކޮންސްޓްރަކްޝަންގެ ތިލަފުށީ ސައިޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ސާސޭ ކޮންސްޓްރަކްޝަނުން ފަޅުތައް ސާފުކުރުމަށް ޚާއްސަ އުޅަނދު "ސާސޭ ސީ ސްކައުޓް"
މި އުޅަނދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ޢަލީ ޝަރީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، ތިމާވެށި ހިމާޔަތްކުރުމުގެ ރޫޙު އާލާކޮށް، ރާއްޖޭގެ ނާޒުކު ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް މަގުފަހިވާ މިފަދަ އިސްނެގުންތަކަށް ތައުރީފުކުރައްވާފައެވެ.
"ސާސޭ ސީ ސްކައުޓް" އަކީ ފަޅުތަކާއި އަތިރިމަތީގެ ސަރަޙައްދުތަކުގައި އޮޔާދާ ކުނިބުންޏާއި ޕްލާސްޓިކް ފަދަ ތަކެތި ނަގައި ސާފުކުރުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. މިއީ ތިމާވެއްޓަށް ޒިންމާދާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސާސޭ ކޮންސްޓްރަކްޝަނުން ބަހައްޓާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މުހިންމު މަސައްކަތެކެވެ.

ސާސޭ ކޮންސްޓްރަކްޝަނުން ފަޅުތައް ސާފުކުރުމަށް ޚާއްސަ އުޅަނދު "ސާސޭ ސީ ސްކައުޓް"
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިންނާއި، ސާސޭ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ސަވާދު އާއި، ކުންފުނީގެ ހިއްސާދާރުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސާސޭ ކޮންސްޓްރަކްޝަނުން ފަޅުތައް ސާފުކުރުމަށް ޚާއްސަ އުޅަނދު "ސާސޭ ސީ ސްކައުޓް" އިފްތިތާހު ކުރުމުގެ ތެރެއިން
މި ރަސްމިއްޔާތުގެ ތެރެއިން، އުޅަނދު އިފްތިތާޙުކޮށްދެއްވިކަމުގެ ހަނދާނީ ފިލާ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވަނީ މިނިސްޓަރަށް އަރުވާފައެވެ.
ސާސޭ ސީ ސްކައުޓް ތަޢާރަފުކުރުމަކީ، އަމިއްލަ ފަރާތްތަކުގެ އީޖާދީ ވިސްނުމުގެ އެހީގައި ތިމާވެށި ހިމާޔަތްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިދާނެކަން ހާމަވެގެންދިޔަ ކަމެކެވެ.
މިއީ ކުންފުނީގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއްގެ އިތުރުން، ކަނޑުފަޅުތައް ރައްކާތެރިކުރުމަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށްދީ، މުޅި މުޖުތަމަޢަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.