މިދުވަސްވަރަކީ ރާއްޖޭގައި ހަލުއިކަމާއެކު ހުންރޯގާއެއް ފެތުރެމުންދާ ދުވަސްވަރެކެވެ. އެޗް1އެން1 އިންފްލުއެންޒާއަކީ، ބައެއް ހާލަތްތަކުގައި ފުރާނައަށް ވެސް ނުރައްކާވާފަދަ ރޯގާއެކެވެ. މި ރޯގާ ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެން ފެށުމާއެކު ސިއްހީ ދާއިރާތަކުގެ ލަފާގެ މަތީން، ރައްކާތެރިކަމުގެ ގޮތުން އެޅި އެއް ފިޔަވަޅަކީ އާންމުންކޮށް، ގިނަ ބަޔަކު ޖަމާވާފަދަ ހަރަކާތްތައް މެދުކަނޑާލުމެވެ.
އެޗްޕީއޭގެ ލަފާގެ މަތީން ތައުލީމީ ވުޒާރާއިން ވަނީ، ސްކޫލްތައް ބަންދުކޮށްފައެވެ. އަދި މަތީ ތައުލީމުދޭ، ޔުނިވަރސިޓީ، ކޮލެޖް ފަދަ ތަންތަން ވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން، މިހާރު ފެތުރެމުންދާ އިންފްލުއެންޒާގެ "ރިސްކު ގްރޫޕް"ގެ ތެރޭގައި ހިމެނޭ، މާބަނޑު މީހުން އޮފީސްތަކަށް ނެރުންވެސް ވަނީ ގިނަ އޮފީސްތަކުން މެދުކަނޑާލައިފައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ވަނީ، އެ އިދާރާއިން ރާވައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތަތްއް ވެސް މެދުކަނޑާލައިފައެވެ.
ުއެޗް1އެން1ގެ ނުރައްކަލުން ގައުމު ސަލާމަތްކުރާން، ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ މި ދަނޑިވަޅުގައި، ދިވެހި ގައުމީ ފުޓްބޯޅަ ޓީމު އަންނަނީ، އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ. ސުވާލަކީ މިފަދަ ނުތަނަވަސް ދަނޑިވަޅެއްގައި، ދިވެހި ގައުމީ ފުޓްބޯޅަ ޓީމު، ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތެއްގެ މެޗެއް ކުޅުން ރަނގަޅު ހެއްޔެވެ؟ ނުވަތަ އެފަދަ މެޗެއް ބޭއްވިނަމަވެސް އެ މެޗަށް ތަރުހީބު ލިބޭނީ ކިހާވަރަކަށް ތޯއެވެ؟ ނޫނީ މި ފަދަ ހާލަތެއްގައި މާލޭގައި މި މެޗު ކުޅެފާނެ ބާވައެވެ؟
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާ ފަލަސްތީން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 9:00ގައެވެ. އެ މެޗަށް ޓިކެޓް ވިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަން ސްޕޯޓްސްއަށް ވިދާޅުވީ، ފަލަސްތީނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗާ ގުޅޭގޮތުން އަދި މިހާތަނަށް ނިންމާފައި އޮތީ ހަމަ ކުރީންވެސް ހަމަޖެހިފައިވާ ތާރީޚުގައި މެޗު ކުޅޭގޮތަށް ކަމަށެވެ. އެހެން ނަމަވެސް ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރެވެމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
"މެޗު ކުޅެން އަދި ބާކީ ދެ ހަފްތާއެއްހާ ދުވަސް އެބަ އޮތް. މި އައުޓްބްރޭކް ފެށުނީއްސުރެން އަޅުގަނޑުމެން މިދަނީ، ކަމާގުޅޭ ސިއްހީ ދާއިރާތަކުގެ ލަފާ ހޯދަމުން. އެގޮތުން އެޗްޕީއޭއިން މީގެ ކުރީން ލަފާދިނީ، މާލޭ ލީގާއި، އަތޮޅު މުބާރާތް މެދުކަނޑާލަން. އެގޮތަށް އަޅުގަނޑުމެން ނިންމިން. ދެން މިއޮތީ ބައިނަލްއަގްވާމީ މެޗެއް، މިކަމާ ގުޅޭގޮތުންވެސް މިދަނީ މަޝްވަރާ ކުރަމުން،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ، ރާއްޖޭގައި ފެތުރެމުންދާ ނުރައްކާތެރި ހުމުގެ ރޯގާ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކޮންޓްރޯލް ނުކުރެވޭ ނަމަ، އޭއެފްސީއާ އިތުރަށް މަޝްވަރާކޮށްގެން ގޮތެއް ނިންމަވާނޭ ކަމަށެވެ.
"އަޅުގަނޑުމެން ކުރިން ނިންމާފައި އޮތީ، ފްރެންޑްލީ މެޗެއްވެސް ކުޅެން. އެކަމަކު މި އައުޓްބްރޭކާ ގުޅިގެން އެ މެޗު ނުކުޅޭ ގޮތަށް ހަމަޖެއްސީ. ގައުމީ ޓީމު ކުޅޭ ނަމަ ގިނަ ބަޔަކު ބޭނުންވާނެ ދަނޑަށް ވަންނަން.
"ކޮލިފިކޭޝަން މެޗާގުޅޭ ގޮތުން އޭއެފްސީގެ މަޝްވަރާ ހޯދާނަން އަދިވެސް. ފަހަރެއްގައި ކްލޯސްޑޯރގައި (ސަޕޯޓަރުން ނުވައްދައި) މެޗު ކުޅެންވެސް ޖެހިދާނެ. އެކަމަކު އެގޮތަށް ނިންމާނީ ހަމަ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ބަލާފައި، ހުރިހާ ފަރާތެއްގެ ލަފައާއި އިރުޝާދުގެ މަތީން."
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ސަން ސްޕޯޓްސްއަށް ވިދާޅުވީ، އެ މެޗާ ގުޅޭގޮތުން އޭއެފްސީއާ އެކު މިހާރު ކުރެވެމުންދާ މަޝްވަރާތަކުގެ މައުލޫމާތު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެފްއޭއެމުން ހާމަކުރައްވާނޭ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ އޭއެފްސީއާ މަޝްވަރާކުރަމުން މިކަމުގައި ގޮތެއް ނިންމަން. މިއީ ބައިނަލްއަގްވާމީ މެޗަކަށް ވުމުން މިކަމުގައި ގޮތެއް ނިންމާނީ، އޭއެފްސީއިން. ދެދުވަހެއްގެ ތެރޭގައި ޖަވާބެއް ލިބޭނޭކަމަށް އުންމީދު މިކުރަނީ،" މިހާތަނަށް ހާމަކުރެވެން ހުރި މައުލޫމާތުގެ އަލީގައި ޖަވާ ވިދާޅުވިއެވެ.
ރާއްޖޭގައި އަނެއްކާވެސް މިވަނީ ފުޓްބޯޅައިގެ ފޯރި ގަދަވާން ފަށައިފައެވެ. މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާ ނަމަ، ގައުމީ ޓީމު ގަލޮޅު ދަނޑުގައި ކުޅޭ ބައިނަލްއަގްވާމީ މެޗުތައް އަބަދުވެސް ވެފަ އޮންނަނީ "ހައުސްފުލް ޝޯ"އަކަށެވެ. ދަނޑުގެ ޖާގައަކީ އަށެއްކަ ހާސް ކަމުގައި ވީ ނަމަވެސް، އެފަދަ ފޯރިގަދަ މެޗުތަކަށް ދިހަ ހާހަށްވުރެ ގިނަ މީހުންވެސް ދަނޑަށް ވަދެފައި އެބަ ހުއްޓެވެ.
ރާއްޖޭގެ ސިއްހީވުޒާރާއިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިހާރު ފެތުރެމުންދާ، ހުމުގެ ރޯގާ ކޮންޓްރޯލް ކުރެވޭނެއެވެ. އެހެންނަމަވެސް، މިފަދަ ދަނޑިވަޅެއްގައި ގައުމީ ޓީމުގެ އެތަކެއްހާސް ސަޕޯޓަރުން އެއްތަނަކަށް އެއްވުން މިއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދެއެވެ.
ސަމާލުކަން ދޭންޖެހޭ ކަންތައްތައް
- އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސައި، ކިބިހި، އަޅާއިރު އަގަމަތީގަ އާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން.
- އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން.
- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
- ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން.
- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.
ސަން ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ އިދާރާއިން މިހާތަނަށް ހުރިހާ ފަރާތްތަކަށް ވެސް އިރުޝާދުދެމުން ދަނީ، އަދި މި އޮތް ހާލަތުގައި، ރައްކާތެރިކަމުގެ ގޮތުން އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް އަޅަމުން ގެންދިއުން ކަމަށެވެ.
"އަޅުގަނޑުމެން ނުވާނެ ސްޕެސިފިކަލީ އޭއެފްސީ މެޗާ ގުޅޭގޮތުން އެފްއޭއެމްއާ މަޝްވަރާކޮށްފައެއް. އެހެން ނަމަވެސް ކުރީންވެސް އަޅުގަނޑުމެން ލަފާ ދީފައި ވާނީ، މި ދަނޑިވަޅުގައި އެންމެ ރަނގަޅުގޮތަކީ، އާންމުން އެއްތަނަކަށް އެގޮތަށް އެއްވެ އުޅޭން ޖެހޭ ކަންކަން ކުރިއަށް ނުގެންދިއުން. އެގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް ދަނީ އެއްބާރުލުން ލިބެމުން،" އެޗްޕީއޭގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކުރިއަށް އޮތް މެޗުގެ ފޯރިގަދަކުރުމަށް ޓަކައި އެފްއޭއެމުން ވަނީ، ޓިކެޓް ގަންނަ ފަރާތްތަކަށް ގައުމީ ޓީމުގެ ޖާޒީ ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް އިއުލާނުކޮށްފަައެވެ. އެގޮތުން ގޮނޑިބަރިން ޓިކެޓެއް ޖާޒީއާއެކު 200 ރުފިޔާއަށް ލިބެން ހުންނައިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 100 ރުފިޔާއަށެވެ. ވީއައިޕީން ޓިކެޓެއް ޖާޒީއާއެކު 250 ރުފިޔާއަށް ލިބެން ހުންނައިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 150 ރުފިޔާއަށެވެ.
ގޮނޑިބަރިންނާއި ވީއައިޕީގެ ޓިކެޓާއެކު ޑިސްކައުންޓް އަގެއްގައި ޖާޒީ ލިބެން ހުރި ނަމަވެސް، ސިޑިބަރިން ޓިކެޓް ގަންނަ ފަރާތްތަކަށް އެ ޑިސްކައުންޓެއް ނުހިމެނެއެވެ. ސިޑިބަރީގެ ޓިކެޓެއްގެ އަގަކީ 50 ރުފިޔާއެވެ. ވަކިން ޖާޒީއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ޖާޒީ ލިބެން ހުންނާނީ 310 ރުފިޔާއަށެވެ. މި ހުރިހާ ކަމެއްވެސް ރާވަމުން މިދަނީ މެޗުގެ ފޯރި ގަދަކޮށް ގައުމީ ޓީމަށް ހިތްވަރު ދިނުމަށެވެ.
ސަޕޯޓަރުންނަކީ، ފުޓްބޯޅަ ޓީމެއްގެ 12 ވަނަ ކުޅުންތެރިޔާއެވެ. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު، އޭޝިއަން ކަޕަށް ކޮލިފައިވުމަށް އަމިއްލަ ދަނޑުގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ދަނޑަށް ވަންނާން ގިނަ ބަޔަކު ބޭނުންވާނެއެވެ. އެހެން ނަމަވެސް ފުރަތަމަ އިސްކުރާން ވާނީ، ތިމާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށެވެ.