މި ދަނޑިވަޅު، މި ގޮތަށް: މިއީ ނުފޫޒު ނޫން ކޯޗެއް؟

އުއްތަމަފަނޑިޔާރާއި ރައީސް މުއިއްޒު: ސަރުކާރުން ވަނީ ކުއްލިއަކަށް ސުޕްރީމް ކޯޓު ބެންޗު ކުޑަކުރަން ހުށަހަޅާފައި -- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓު މިނިވަންކުރަން އެއްވެސް ސަރުކާރަކުން ބޭނުންވިހެއްޔެވެ؟

މީގެ 14 އަހަރަށްވުރެ ގިނަ ދުވަސް ކުރިން ފުރަތަމަ އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓަކީ ވެސް ހަގީގަތް ބަލައިފި ނަމަ 'ސިޔާސީ ޑީލެކެ'ވެ. އޮގަސްޓް 7، 2008 ގައި އާ ގާނޫނުއަސާސީ ތަސްދީގުކުރުމާ އެކު ދެ އަހަރުގެ މުއްދަތަށް އިންތިގާލީ ސުޕްރީމް ކޯޓެއް އެކުލަވައިލިއެވެ. އެކަމަކު، 2010 ގައި އެ މުއްދަތު ހަމަވިއިރު ވެސް ކޯޓު އޮތީ އެކުލަވައިނުލެވިއެވެ.

އޭރުގެ ރައީސް މުހައްމަދު ނަޝީދަކަށް މަޖިލީހުގެ ކޮންޓްރޯލެއް ނެތެވެ. އެކަމަކު، އޭރު މެޖޯރިޓީ އޮތް ޑީއާރުޕީގެ ބަހަކަށް ދީލައިނުލާން ގަދަ ދެއްކީއެވެ. އެ ކޯޓުގައި ތަޅުއަޅުވައި ބަންދުކުރަން ވެސް ނަޝީދު އުޅުއްވިއެވެ.

އެކަމަކު، ގަދަ ދައްކައިގެން އެ ކަމެއް ނުވިއެވެ. ދެން ހެދީ 'ޑީލެކެ'ވެ.

ސުޕްރީމް ކޯޓު: ފުރަތަމަ ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިލީ 2010 ގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފުރަތަމަ ސުޕްރީމް ކޯޓު ބެންޗަކީ އިދިކޮޅާއި ސަރުކާރާ ހެދި ޑީލެކެވެ. މަޖިލީހުގެ ކޮންޓްރޯލް އޮތް ޑީއާރުޕީގެ އޭރުގެ ޒައީމު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި، ގާސިމް އިބްރާހިމާއި ޑރ. ހަސަން ސައީދު ރުހޭ ފަނޑިޔާރުންތަކެއް އައްޔަންކުރަން ޖެހުނެވެ. ނަޝީދަށް ތިން ސްލޮޓް ލިބުނެވެ. ޑީއާރުޕީއަށް ތިން ސްލޮޓް ލިބުނެވެ. ގައުމީ ޕާޓީއާއި ޖުމްހޫރީ ޕާޓީއަށް ލިބުނީ އެންމެ ސްލޮޓެކެވެ.

އެ ބިންގަލުގެ މަތީގައި ސުޕްރީމް ކޯޓާ ކުޅުމަކީ ކޮންމެ ސަރުކާރަކުން ވެސް މަޖިލީހުގެ ކޮންޓްރޯލް ލިބުމާ އެކު ކުރާ ހިތުން ކުރާ ކަމެކެވެ.

މި ދަނޑިވަޅު ކީއްވެ؟

މަޖިލީހުގެ ސުޕަމެޖޯރިޓީއަކީ ސަރުކާރެވެ. ބޭނުންވީމާ އެއް ދުވަހުން ގާނޫނުއަސާސީ ވެސް އިސްލާހުކޮށްލެވިދާނެކަން ދައްކައިފިއެވެ. އެހާ ބޮޑު ރުހުމަކާއި ތާއީދެއް މަޖިލީހުގައި އެބައޮތެވެ. ބޭނުން އެއްޗެއް ބޭނުން ވަގުތަކު ހެދޭވަރުގެ މެޖޯރިޓީއެކެވެ.

މިހާރު ހީވެފައި މި އޮތީ އެ މެޖޯރިޓީއަށް ލޮޅުމެއް އަތުވެދާނެކަމުގެ ބިރު ކަނޑުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި އެންމެ ބޮޑު ފިޔަވަޅު 'ބާތިލުކޮށްފާނެ'ކަމުގެ ބިރެވެ.

https://www.sun.mv/202938

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންނާ ދެބަސްވި ދުވަސްވަރެވެ. ކުއްލިއަކަށް މެންބަރުންނަށް އެނގުނީ އަނެއް ދުވަހު ގާނޫނުއަސާސީއަށް ބޮޑު އިސްލާހެއް ގެންނަ ކަމެވެ. މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައި ނުވަ ގަޑިއިރެއްހާއިރު ތެރޭގައެވެ. ހަގީގަތުގައި އެއަށް ވޯޓުދިން މެންބަރުން ވެސް ރުހި ތިބެގެން ދިން ވޯޓެއް ނޫނެވެ.

މެންބަރުން ތަޅު އެޅުވީއެވެ. ޕާޓީން ބުނާ ގޮތް ނޫނީ ނުހެދޭނެކަން ޔަގީންކުރީއެވެ.

އެއީ ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ފުށުއަރާ އިސްލާހެއް ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. ދައުލަތުން ނޫނެކޭ ނޫނެކޭ މި ކޯޓަކަށް ނުބެލޭނޭ ބުނި ނަމަވެސް ކޯޓުގެ ހަތް ފަނޑިޔާރުން ނިންމީ މައްސަލަ ބަލާށެވެ.

އަޑުއެހުންތައް ވެސް ނުނިމި އުޅެނިކޮށް އިއްޔެ މަޖިލީހުގެ މެންބަރުންނަށް ޕީއެންސީން އެންގުމެއް އެންގިއެވެ. އެއީ، ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް މަޖިލީހަށް ހުށަހަޅާށެވެ. އެކިއެކި މައްސަލަތައް ޖުޑީޝަލް ސާވިސަސް ކޮމިޝަންގެ ބަދަލުގައި ސީދާ މަޖިލީހުން ބަލާށެވެ. ގިނަ މެންބަރުންތަކެއް އެ ކަމާ ދެކޮޅު ހެދީއެވެ. އެއްބަސްނުވީއެވެ.

https://www.sun.mv/202769

ދެން ކުއްލިއަކަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހެއް ހުށަހެޅީއެވެ. އޭގައި އޮތީ މިހާރު ހަތް ފަނޑިޔާރުން ތިއްބެވި ސުޕްރީމް ކޯޓު ޕީޕީއެމްގެ ކުރީ ސަރުކާރުގައި ހެދި ގޮތަށް ފަސް ފަނޑިޔާރުންނަށް ކުޑަކުރާށެވެ. ދެ ފަނޑިޔާރަކު ވަކިކުރާށެވެ.

ސަރުކާރާއި ޕީއެންސީގެ މަސްލަހަތު ކޯޓުގައި އޮންނާނީ މި ވަރަށެވެ. މިއަށްވުރެ ވަކި މަސްލަހަތު ފުށުއަރާ އެހެން ކަމެއް ނޯންނާނެއެވެ.

މިއީ ނުފޫޒު ނޫން ކޯޗެއް؟

މި ދަނޑިވަޅު، މި ގޮތަށް މިކަން ކުރުމަކީ ނުފޫޒު ނޫން ދެން ކޯޗެއް ހެއްޔެވެ؟

https://www.sun.mv/202942

ސުޕްރީމް ކޯޓު އެ އޮތީ ސަރުކާރުގެ އިންތިހާ މަސްލަހަތު އޮތް ކަމެއްގައި، ސަރުކާރަށް އިންތިހާ ލޮޅުން އަރާފާނެ ހައްސާސް ހާލަތެއްގެ މެދުގައެވެ. އެހެން އޮއްވައި ސަރުކާރުން މި ބުނަނީ، 'ތިޔަ ތަނުން ދެ ފަނޑިޔާރެއްގެ ވަޒީފާ ގެއްލޭނޭ'އެވެ.

މި މައްސަލަ ކޯޓަށް ވެއްދި ދުވަހުން ފެށިގެން ވެސް ފަނޑިޔާރުގެއާ ކުޅޭނޭ، ކުޅެން އެބައުޅޭ، އެމްޑީޕީން ވެސް އަދި ޕީއެންސީގެ ބައެއް މެންބަރުން ވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.

https://www.sun.mv/202953

އެމްޑީޕީއާއި ޑިމޮކްރެޓްސްއާއި އެ ޕާޓީތަކަށް ނިސްބަތްވާ ސިޔާސީ ބޭފުޅުންނާއި ބައެއް ގާނޫނީ ވަކީލުންނާއި ސުޕްރީމް ކޯޓަށް ގާނޫނުއަސާސީގެ މައްސަލަ ހުށަހެޅި އަލީ ހުސައިން ވެސް ގަބޫލުކުރައްވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަނީ ކަމަށެވެ. ގޮތެއް ނިންމަނީއެއް ނޫނެވެ. އެކަމަކު، މިއަށް ނުފޫޒުގެ ހުތުރު ތުހުމަތު ނުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ގާނޫނުއަސާސީގައި ބުނަނީ ކީކޭ؟

ގާނޫނުއަސާސީގެ ހަވަނަ ބާބުގެ 141 ވަނަ މާއްދާ:

  • (ނ) އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައި ހަދައިގެނެއް ނުވާނެއެވެ.

އެ ބާބުގެ 154 ވަނަ މާއްދާ:

  • (ހ) ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުޞޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހައި ހިނދަކު ފަނޑިޔާރަކު މަޤާމުން ވަކިކޮށްގެނެއް ނުވާނެއެވެ.
  • (ށ) ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލުނޫން ކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.

ކޯޓުތަކުގެ މުސްތަގިއްލުކަމާއި މިނިވަންކަން ކިތަންމެ ސާފުކޮށް ބުނެދީފައި އޮތަސް އެއީ ލިޔުމުގައި އޮންނަ އަމަލުގައި ނޯންނަ ކަމެކެވެ. ކޮންމެ ރައީސަކު ވެސް ވެރިކަމަށް ވަޑައިގެން ފުރަތަމަ ފައި ނަންގަވަނީ މަޖިލީސް މުށުތެރެއަށް ލައްވާށެވެ. އެއަށް ފަހު، އެއް އަތްޕުޅުން ނަމަވެސް ކޯޓުގައި ކޮއްޓަވާލައްވައެވެ. އެ ވަރުން ނުވެއްޖިއްޔާ ގުޑާވަރަށް ތަޅުވާލައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކޮށްފި ނަމަ ދެ ފަނޑިޔާރުން ވަކިކުރާނެ --

ވަކި ރައީސެއް ނެތި ކޮންމެ ރައީސަކު ވެސް ކޯޓުގެ ފަނޑިޔާރުގެއާ ކުޅުނުތަން މާޒީން ފެނެއެވެ.

ސުޕްރީމް ކޯޓު މިނިވަންކުރަން އެއްވެސް ސަރުކާރަކުން ބޭނުންވިހެއްޔޭ ފުރަތަމަ އެހީ އެހެންވެއެވެ. މިއީ، ރައީސް މުއިއްޒު އެކަނި ކުރައްވާ ކަމެއް ނޫނެވެ. މާޒީ ބަލައިލީމާ ފުރަތަމަ އެކުލަވައިލި ސުޕްރީމް ކޯޓު ވެސް އެކުލަވައިލީ އެ މަގުންކަން ފެނެއެވެ.

މަޖިލީހުގެ ކޮންޓްރޯލް އެ އިރަކު ހުންނަވާ ވެރިއަކަށް ލިބިވަޑައިގަތީމާ ތިން ބާރު އެކީ މުށުތެރެއަށް ލައްވަން އުޅުއްވަނީއެވެ. އެހެން ވަނީ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ކޮންޓްރޯލް ގެއްލޭތީއެވެ.

ސުޕްރީމް ކޯޓު މިނިވަންކުރަން އެއްވެސް ސަރުކާރަކުން އުޅެނެކޭ ބުނެވޭކަށެއް ނެތެވެ. ކޮންމެ ސަރުކާރަކުން ވެސް އެއް ގޮތުން ނޫނީ އަނެއް ގޮތަކުން ފަނޑިޔާރުގެއަށް އަތްބާނައެވެ. މި ފަހަރު ވެސް ކުއްލިއަކަށް ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރުމަކީ ބިރުދެއްކުމެއް ނޫނޭ ބުނެވޭނީ ކިހިނެއްހެއްޔެވެ؟ އެއީ، ނުފޫޒުފޯރުވުމެއް ނޫނޭ ބުނާނީ ކިހިނެއްހެއްޔެވެ؟

comment ކޮމެންޓް