"އެކުޅިވަރަށް" ހަދާނެ ގޮތެއް ނިންމުމަށް އެސްޓީއޯ އަށް ތިން އަހަރުދީފި

ނ. އެކުޅިވަރު ----

ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ފަޅުރަށް ނ. "އެކުޅިވަރާ" މެދު އަމަލު ކުރާނެ ގޮތެއް ނިންމުމަށް އެސްޓީއޯ އަށް ދެ އަހަރު ދުވަސް ދީފި އެވެ.

ނ. އެކުޅިވަރަކީ 2008 ވަނަ އަހަރު، ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުގެ ފަތުރުވެރިކަމާ ބެހޭ ކުންފުނި، މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ހަވާލުކުރި ފަޅުރަށެކެވެ. އެ ތަނުގެ މަސައްކަތް ނުހިނގައި ގިނަ ދުވަސްތަކެއް ވެފައި އޮތުމަށް ފަހު، ސަރުކާރުން 2016 ވަނަ އަހަރު ވަނީ އެ ރަށުގެ އެގްރިމެންޓް ބާތިލުކޮށް، އެ ރަށް އަނބުރާ ސަރުކާރަށް ނަގައިފަ އެވެ.

އެއަށް ފަހު، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސަރުކާރުން އެ ރަށް އެސްޓީއޯއާ ހަވާލުކުރި އެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު "ސަން" އަށް މިދިޔަ ހަފްތާގައި ވިދާޅުވީ، ސަރުކާރުން އެސްޓީއޯއާ އެކު ވި އެއްބަސްވުމުގެ ދަށުން، އެކުޅިވަރު ތަރައްގީކުރާނެ ގޮތެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ.

ނަމަވެސް އެސްޓީއޯއާ އެކު ހެދި އެއްބަސްވުމުގައި، ގޮތެއް ނިންމުމަށް 2019 ވަނަ އަހަރާ ހަމައަށް މުއްދަތެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެހާސް ނަވާރައިގެ ކުރިން ގޮތެއް ނިންމާނެ ވާހަކަ އެއޮތީ؛ ބަޔަކާ އެއްކޮށް ދިޔުން [ތަރައްގީކުރން] ނުވަތަ އެތަން ވިއްކާލުންތޯ،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ އެސްޓީއޯގެ ހިއްސާދާރުން ނިންމާފައި ވަނީ، އެސްޓީއޯގެ މައިގަނޑު ހަތަރު ވިޔަފާރި ކަމުގައިވާ، ތެލާއި، ކާޑާއި، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި މެޑިސިންގެ ވިޔަފާރިތަކުގައި އުޅުމަށް ކަމަށެވެ.

އެހެންކަމުން އެ ވިޔަފާރިތަކުގައި އިންވެސްޓްކޮށް، އިންފްރާސްޓްރަކްޗަރު އަދި ލޮޖިސްޓިކް ސަޕޯޓު ގާއިމުކޮށްފައި ނޫނީ، ޓޫރިޒަމްގެ ވިޔަފާރިއަށް އެންމެ ލާރިއެއް ވެސް ޚަރަދު ކުރެވެން ނެތް ކަމަށް ޝަހީރު ވިދާޅުވި އެވެ.

"ސަރުކާރުގެ ވިސްނުން ހުރީ، އެ ވިޔަފާރިއެއް ކުރާ ސްޕެޝަލިސްޓު ކުންފުންޏަކުން އެކަމެއް ކުރުމަށް. އެކަހަލަ ގޮތަކަށް ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތް ދަނީ ވެސް." ޝަހީރު ވިދާޅުވި އެވެ.

އެގޮތުން، ހުޅުމާލޭގައި އެސްޓީއޯ އިން ހަދަމުން އައި ރެޑިސަން ހޮޓެލްވެސް ވިއްކާލުމަށް ބޭރުގެ ބަޔަކާ ވަރަށް ސީރިއަސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

comment ކޮމެންޓް