އެމްޓީޑީސީއަށް ދޫކުރި ނ. އެކުޅިވަރުގެ އެގްރިމެންޓް ސަރުކާރުން ބާތިލުކޮށްފި

ނ. އެކުޅިވަރު

ރިސޯޓު ހެދުމަށް މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ޕލކ އަށް ސަރުކާރުން ދޫކޮށްފައިވާ ފަޅުރަށެއް ކަމުގައިވާ ނ. އެކުޅިވަރުގެ އެގްރީމެންޓް ސަރުކާރުން ބާތިލުކޮށްފި އެވެ.

ނ. އެކުޅިވަރުގެ އެގްރިމެންޓް ސަރުކާރުން ކެންސަލްކުރިކަން ހާމަކޮށްދިނީ، ރޭ ބޭއްވި އެމްޓީޑީސީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، އެ ކުންފުނީގެ ޗެއާޕާސަން އިބްތިޝާމާ އަހްމަދު ސައީދެވެ.

ނ. އެކުޅިވަރު ތަރައްގީ ކުރަމުން ދިޔައީ، އެމްޓީޑީސީއާ ރިޓްޒް ކާލްޓަން ހޮޓެލްސް ހިއްސާވާ ގޮތަށް އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އީއެންއޭ ހޮޓެލް ހޯލްޑިންގް ކޮމްޕެނީއިންނެވެ.

އެ ކުޅިވަރު ތަރައްގީ ކުރުމުގެ ހުއްދަ ލިބި، ކޮންސްޓްރަކްޝަން ހުއްދަ ވެސް ލިބުނު ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް، އެކި މައްސަލަތަކާއި ސަބަބުތަކާ ހެދި އެއްވެސް މަސައްކަތެއް ނ. އެ ކުޅިވަރުގައި ކޮށްފައެއް ނުވެ އެވެ.

އެމްޓީޑީސީގެ ޗެއާޕާސަން އިބްތިޝާމާ އަހްމަދު ސައީދު -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ނަމަވެސް، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު، މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް އީއެންއޭއިން ކުރަމުން ދިޔަ ކަމަށް އެމްޓީޑީސީގެ އަހަރީ ރިޕޯޓުގައި ބުނެފައި ވެ އެވެ. އަދި މި އަހަރުގެ ތެރޭގައި މަސައްކަތް ކުރުމަށް އިތުރު ޕާޓްނަރެއް ހޯދައި، ރަށް ތަރައްގީ ކުރުމަށް އެމްޓީޑީސީއާ ރިޓްޒް ކާލްޓަންއިން ނިންމި އެވެ.

އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ޚިޔާލު ފާޅުކުރުމުގެ ވަގުތުގައި، އެމްޓީޑީސީގެ ހިއްސާދާރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުލްރަހީމް ވިދާޅުވީ، މި ހުރިހާ ވާހަކައެއް އަހަރީ ރިޕޯޓުގައި ލިޔެފައި އޮތަސް، އަހަރީ އާންމު ޖަލްސާގެ ކުރިން ނ. އެކުޅިވަރު ވިއްކާލާފައިވާ ކަމަށެވެ.

"ނ. އެކުޅިވަރު ތަރައްގީ ކުރާނެ ކަމަށް އަހަރީ ރިޕޯޓުގައި ބަޔާން ކުރުމަށްފަހު، މިތަނަށް އައި އިރު އެ ކުޅިވަރު ވަނީ ވިއްކާލާފައި. ނޫނީ އެ ކުޅިވަރާ މެދު އެމްޓީޑީސީއާ އެކު ކުރި މުއާމަލާތް މިނިސްޓްރީ އޮފް ޓުއަރިޒަމުން ވަނީ ނިމުމަކަށް ގެނެސްފައި،" އަބްދުލްރަހީމް ވިދާޅުވި އެވެ.

އެމްޓީޑީސީގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރު އަދި މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުލްރަހީމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އެމްޓީޑީސީގެ ޗެއާޕާސަން އިބްތިޝާމާ އަހްމަދު ސައީދު ވިދާޅުވީ، ނ. އެކުޅިވަރުގެ ކަންތަކަކީ ވަރަށް ފަހުން ހިނގި ކަންކަން ކަމަށާއި، އެކަން އެމްޓީޑީސީއަށް އެނގުނީ މިއަދު ކަމަށެވެ.

އިބްތިޝާމާ ވިދާޅުވީ، ނ. އެކުޅިވަރު ސަބްލީޒްއަށް ދިން އިރު، އެމްޓީޑީސީން އެޑްވާންސަށް 7 މިލިޔަން ރުފިޔާ ނަގާފައިވާ ކަމަށާއި، އެއްވެސް ސަބަބަކާ ހުރެ އެގްރިމެންޓް ބާތިލު ވެއްޖެ ނަމަ ބަދަލުގައި 17 މިލިޔަން ރުފިޔާ ކްލެއިމް ކުރެވެން އޮންނާނެ ކަމަށެވެ.

"އެގްރީމެންޓް އެއްވެސް ކަމަކާ ހުރެ ބާތިލުވެއްޖެ ނަމަ އަޅުގަނޑުމެންނަށް ކްލެއިމް ކުރެވެން އޮންނާނެ 17 މިލިޔަން. އަންނަން އޮތް އެއްޗާ ލިބެން އޮތް އެއްޗާ ދައްކަން ޖެހޭ އެއްޗެއް އަޅައިކިޔާއިރު އަންނާނީ ޕޮސިޓިވް އެފެކްޓެއް. 10 މިލިޔަނުގެ ފައިދާއެއް، ސެޓްއޯފް ކުރިޔަސް ލިބިގެން ދާނެ،" އިބްތިޝާމާ ވިދާޅުވި އެވެ.

އިބްތިޝާމާ ވިދާޅުވީ އެކުޅިވަރު ގެއްލުމަކުން އެމްޓީޑީސީއަށް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށެވެ.

comment ކޮމެންޓް