ރެޑިސަން ހޮޓެލް ވިއްކާލުމަށް ބޭރު ބަޔަކާ ވާހަކަދައްކަނީ

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީ ކުރަމުން އައި ރެޑިސަން ހޮޓެލް ވިއްކާލުމަށްޓަކައި ބޭރުގެ ބައެއް ފަރާތްތަކާ އަދިވެސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ރެޑިސަން ހޮޓެލް ވިއްކާލަން ނިންމާފައިވާކަން އެސްޓީއޯއިން އިއުލާންކުރީ މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގައެވެ. އޭރުވެސް އެސްޓީއޯއިން ބުނީ އެތަން ވިއްކާލަން ހުށަހެޅުމުން އެކަމަށް ކުރިމަތިލި މީހުންނާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށާއި، މަޝްވަރާތައް އޮތީ "ފައިނަލް ސްޓޭޖުގައި" ކަމަށެވެ.

މިދިޔަ ހަފްތާގައި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު "ސަން" އަށް ވިދާޅުވީ، ރެޑިސަން ހޮޓެލް ވިއްކާލުމުގެ ކަންކަން ލަސްވަމުން އަންނަނީ، އެތަނަކީ އެސްޓީއޯއިން އިންވެސްޓް ކޮށްފައި އޮތް ތަނަކަށް ވުމުން، ވިޔަފާރީގެ ގެއްލުން ނުލިބޭނެ ގޮތަކަށް އެތަން ވިއްކާލެވޭނެ ގޮތެއް ހޯދަމުން ދާތީ ކަމަށެވެ.

"އެތަނަކީ ފުދޭވަރަކަށް އިންވެސްޓްކޮށްފައި އޮތް ތަނެއް. ހާފްވޭ ތްރޫ، ހުއްޓިފައި އޮތީ. އެސްޓީއޯއިން ބޭނުމެއް ނުވާނެ ދެއްތޯ ހިއްސާދާރުންނަށް ގެއްލުންވާ ގޮތަކަށް [އެތަނާ މެދު] ބަޔަކާ އަންޑަސްޓޭންޑިންއަކަށް އަންނަން. އެހެންވެގެން ނަގާ ވަގުތުކޮޅެއް މިއީ،"

ޝަހީރު ވިދާޅުވީ "ހުހަށް އޮތް ތަނެއް ނަމަ" އެތަން ވިއްކާލުމުގެ ކަންކަން ކުރަން ވަރަށް ފަސޭހަވާނެ ކަމަށާއި، ނަމަވެސް އިންވެސްޓް ކޮށްފައި އޮތް ތަނެއް ކަމުން، އެހެން ބަޔަކާ ވިޔަފާރީގެ މުއަމަލާތް ނިންމަން ޖެހޭނީ ކުންފުންޏަށާއި ހިއްސާދާރުންނަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު "ސަން"އަށް އިންޓަވިއުއެއް ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"އަޅުގަނޑުމެން ބޭރުގެ ދެ ތިން ފަރާތަކާ ވަރަށް ސީރިއަސްކޮށް ވާހަކަ ދައްކަމުން މި ދަނީ،" ޝަހީރު ވިދާޅުވިއެވެ.

"މާ ގިނަދުވަހެއް ނުވަ އެތަނާ ބެހޭ މައުލޫމާތު ހާމަކުރާނަން،"

ޝަހީރު ވިދާޅުވީ އެސްޓީއޯގެ ހިއްސާދާރުން ބޭނުންވަނީ އެސްޓީއޯގެ މައިގަނޑު ހަތަރު ވިޔަފާރި ކަމުގައިވާ މެޑިސިން، ކޮންސްޓްރަކްޝަން، ކާޑު އަދި ތެލުގެ ވިޔަފާރީގައި ކުންފުނި އުޅުމަށް ކަމަށެވެ. އެހެންކަމުން އެ ވިޔަފާރިތަކުގައި އިންވެސްޓްކޮށް، އިންފްރާސްޓްރަކްޗަރު އަދި ލޮޖިސްޓިކް ސަޕޯޓު ގާއިމުކޮށްފައި ނޫނީ، ޓޫރިޒަމްގެ ވިޔަފާރިއަށް އެންމެ ލާރިއެއްވެސް ޚަރަދު ކުރެވެން ނެތް ކަމަށް ޝަހީރު ވިދާޅުވިއެވެ.

"ސަރުކާރުގެ ވިސްނުން ހުރީ، އެ ވިޔަފާރިއެއް ކުރާ ސްޕެޝަލިސްޓު ކުންފުންޏަކުން އެކަމެއް ކުރުމަށް. އެކަހަލަ ގޮތަކަށް ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތް ދަނީވެސް."

ރެޑިސަން ހޮޓެލް އިމާރާތް ކުރުމަށް އެމެރިކާގެ ކާލްސަން ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއި ކުރެވުނު ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އެތަން އިމާރާތް ކުރަން ފެށީ 2012 ވަނަ އަހަރުއެވެ.

ރެޑިސަން ހޮޓެލްގެ މަސައްކަތަށް ގާތްގަނޑަކަށް 115 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވުނެވެ. މި ހޮޓަލުގެ މަސައްކަތް ކުރުމަށް އެސްޓީއޯ އިން 2012 ވަނަ އަހަރު ވަނީ، ތައިލެންޑްގެ އެގްޒިމް ބޭންކުން 32 މިލިޔަން ޑޮލަރުގެ ލޯނެއް ވެސް ނަގާފައެވެ.

އެ ހޮޓަލަކީ 250 ކޮޓަރި އަދި 500 އެނދުގެ ކެޕޭސިޓީއަކާ އެކު ޕްލޭނު ކުރެވި، 2013 ވަނަ އަހަރު ހުޅުވުމަށް ޕްލޭން ކުރެވުނެވެ. އެހެން ނަމަވެސް މާލީ ދަތިތަކާ ހެދި އެކަން މިހާތަނަށް ވެސް ކުރެވިފައެއް ނުވެއެވެ.

ރެޑިސަން ބްލޫ އަކީ، އެމެރިކާގެ ކާލްސަން ރެޒިޑޯ ހޮޓެލް ގްރޫޕުން ހިންގާ ހޮޓެލް ޗެއިނެކެވެ. އެ ބްރޭންޑުގެ ހޮޓެލްތައް ދުނިޔޭގެ އެކި ތަންތަނުގައި ހުރެއެވެ.

comment ކޮމެންޓް