ލަންކާގެ ހަތް ތަރީގެ ފުރަތަމަ އެޕާޓްމެންޓުތައް ލިވިންގް އެކްސްޕޯއަށް

ހަތް ތަރީގެ ރެޒިޑެންޝަލް އެޕާޓްމެންޓްސްގެ ގޮތުގައި ސްރީލަންކާގައި ތަރައްގީކުރާ "އަކިލިއަން" އެޕާޓްމެންޓްސްއިން، މޯލްޑިވްސް ލިވިންގް އެކްސްޕޯ 2016ގައި ބައިވެރިވެއްޖެއެވެ.

އަކިލިއަން އަކީ، ސްރީލަންކާގެ ފުރަތަމަ ސްކައި ބްރިޖާއި، ހެލިޕެޑަކުން ގުޅިފައިވާ، 50 ބުރީގެ ދެ ޓަވަރުގެ މައްޗަށް އެކުލެވޭ ބޮޑު އިމާރާތެކެވެ. މިއީ ލަންކާގެ ބްލޫ މައުންޓަން ޕްރޮޕަޓީސް ކިޔާ ކުންފުންޏަކުން ހިންގާ މަޝްރޫއެކެވެ.

ބުރާސްފަތި ދުވަހު މޯލްޑިވްސް ލިވިންގް އެކްސްޕޯ 2016 ފަށާ އިރު، ލަންކާގެ އަކިލިއަން ޓްވިން ޓަވަރުގައި ހަދާ އެޕާޓްމެންޓްތައް ބުކް ކުރުމުގެ ފުރުސަތު، އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބޭނެ ކަމަށް ލިވިންގް އެކްސްޕޯ އިންތިޒާރުކުރާ ހައިރައިޒުން ބުނެއެވެ.

އަކިލިއަން އިމާރާތް ކުރަނީ ސްރީލަންކާގެ ކޮލޮމްބޯގެ މަޝްހޫރު ޝޮޕިންގް މޯލް މެޖެސްޓިކް ސިޓީ ކައިރީގައި، ބަމްބަލަޕިޓިޔާ ސްޓޭޝަން ރޯޑުގައެވެ. އަކިލިއަން ހުންނަނީ މެޖެސްޓިކް ސިޓީގެ ޕާކިންގް ލޮޓުގެ ގޮތުގައި މީގެ ކުރިން ބޭނުންކުރި ބިމުގައެވެ. އެ ބިމަކީ 2.34 ބިލިޔަން ރުޕީސްއަށް (15.9 މިލިޔަން ޑޮލަރު) ބްލޫ މައުންޓަން ޕްރޮޕަޓީސްއިން ގަނެފައިވާ ބިމެކެވެ.

އެބިމުގައި ހަދާ އަކިލިއަން ޓްވިން ޓަވަރުގެ އުސްމިނުގައި 170 މީޓަރު ހުންނާނެއެވެ. އަކިލިއަންގެ 50 ބުރީގެ ތެރެއިން އަށް ބުރި، ޕާކިންގްއަށް ޚާއްސަ ކުރާ އިރު، 586 ލަގްޒަރީ އެޕާޓްމެންޓް ހުންނާނެއެވެ. އޭގެ ތެރޭގައި އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓާއި، ލަގްޒަރީ ޕެންޓްހައުސްތައް ވެސް ހުރެއެވެ. މި އެޕާޓްމެންޓްތަކުގެ ތެރެއިން 85 ޕަސަންޓު އެޕާޓްމެންޓުތަކުން، ކޮލޮމްބޯގެ ހުޅަނގަށް އޮންނަ އިންޑިއާ ކަނޑުގެ ހިއްގައިމު މަންޒަރު ފެންނާނެއެވެ.

އަކިލިއަންގެ އާކިޓެކްޗަރަލް ޑިޒައިން ހަދާފައިވަނީ ސިންގަޕޫރުގެ ޕާމަރ އެންޑް ޓާނަރ ގްރޫޕުންނެވެ. އެއީ ރެޒިޑެންޝަލް ޑިޒައިންގައި ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކުންފުންޏެވެ. އަކިލިއަންގެ އިންޓީރިއާ ޑިޒައިނަރަކީ ސިންގަޕޫރުގެ އިންޑެކްސް އިންޓީރިއާއެވެ.

ބްލޫ މައުންޓަން ގްރޫޕުން ބުނާ ގޮތުގައި، އަކިލިއަންގައި ހެލިޕެޑެއް އޮންނަ އިރު، އެތަނުގައި ދިރިއުޅޭ މީހުންނަށް އަމިއްލަ ހެލިކޮޕްޓަރު ގެންގުޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރެޒިޑެންޓުންނަށް ޚާއްސަ، މާސިޑީސް ކާރު ފްލީޓެއްވެސް އެޕާޓްމެންޓާ އެކު ލިބޭނެ ކަމަށް ބްލޫ މައުންޓަނުން ބުނެއެވެ. ރެޒިޑެންޓުން ޒިންމާވާން ޖެހޭނީ ކާރުގެ ތެލުގެ ޚަރަދަށް އެކަންޏެވެ.

މީގެ އިތުރުން އަކިލިއަން އިމާރާތުގައި 360 ޑިގްރީ ސްކައި ރެސްޓޯރަންޓަކާއި، 24 ގަޑިއިރު ޚިދުމަތްދޭ މެޑިކަލް ސެންޓަރަކާއި ބެކްއަޕް އެމްބިއުލާންސެއްގެ އިތުރުން، ސިނަމާއަކާއި ކުތުބުޚާނާއަކާއި 28 މީޓަރުގެ އިންފިނިޓީ ޕޫލެއް ހުންނާނެއެވެ.

އަކިލިއަންގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހަށެވެ.

މި ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ނޭޝަނަލް އާޓް ގެލެރީގައި އޮންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ 2017ގައި ލައިފްސްޓައިލް ޕްރޮޑަކްޓްތަކާއި، ގެދޮރުގައި ބޭނުންކުރެވޭނެ ޒަމާނީ ވަސީލަތްތަކާއި، ހޯމް ފައިނޭންސިން އާއި އިންޝުރެންސް ޚިދުމަތްތަކާ ބެހޭ މައުލޫމާތު ލިބޭނެއެވެ.

މީގެ އިތުރުން ދިވެހީންނަށް އެޕާޓްމެންޓް ބެލުމާއި، ރެޖިސްޓާކުރުމުގެ ފުރުސަތު ލިވިން އެކްސްޕޯގެ ޒަރިއްޔާއިން ލިބޭނެއެވެ.

ލިވިންގް އެކްސްޕޯ 2017ގައި ބައިވެރިވާ ބައެއް ރިއަލް އެސްޓޭޓް ކުންފުނިތަކުގެ ތެރޭގައި ސީލައިފް ގްލޯބަލް، ޓާޓާ ހައުސިންގްގެ އެޕެކްސް ރިއަލްޓީ، އާރުޕީޕީ ރެނާޓަސް އަދި ނަސަންދުރާ ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޯމް އަދި ލައިފްސްޓައިލް ކުންފުނިތަކުންވެސް ބައިވެރިވެއެވެ.

މިއަހަރުގެ ލިވިން އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލްއެވެ. އަދި ކޯ ސްޕޮންސަރަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީއެވެ. އޮންލައިން މީޑިއާ ޕާޓުނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް