އެޕާޓްމެންޓް ހޯދުމަށް ފަހި ފުރުސަތަކަށް ލިވިންގް އެކްސްޕޯ ވާނެ: ހައިރައިޒް

މޯލްޑިވްސް ލިވިންގް އެކްސްޕޯ އިންތިޒާމުކުރާ ހައިރައިޒުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭން -- ސަން ފޮޓޯ: މުޙައްމަދު އަފްރާހް

މޯލްޑިވްސް ލިވިންގް އެކްސްޕޯއަކީ، ދިވެހީންނަށް އެޕާޓްމެންޓު ހޯދުމަށް ވަރަށް ފަހި ފުރުސަތަކަށް ވެގެން ދާނެކަމަށް އެ މައުރަޒު އިންތިޒާމުކުރާ ހައިރައިޒުން ބުނެފިއެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން، ލިވިންގް އަދި ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސްކުރުމަށް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ މައުރަޒު، މިދިޔަ އަހަރު ވަނީ ރިއަލް އެސްޓޭޓް އިންޑަސްޓްރީއާއި، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސާވިސް އިންޑަސްޓްރީގެ ބަައިވެރިވުން އިތުރުކޮށްފައެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން، މިއަހަރުވެސް، ރާއްޖޭގައި ހުރި ގެދޮރުގެ ފުރުސަތުތައް ހާމަކޮށްދިނުމަށްޓަކައި، ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ޑިވެލޮޕަރުން ބައިވެރިވާނެއެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯ އިންތިޒާމުކުރާ ހައިރައިޒުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައިރައިޒްގެ ފައުންޑަރ އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، ދިވެހީންނަށް އެޕާޓްމެންޓްސް ބެލުމާއި، ރެޖިސްޓަރކުރުމުގެ ފުރުސަތު ލިވިންގް އެކްސްޕޯގެ ޒަރިއްޔާއިން ލިބޭނެ ކަމަށެވެ.

"އެއްތަނަކުން ތަފާތު ޕްރޮޕަޓީސް ކޮމްޕެއާކުރުމުގެ ފުރުސަތު ލިބޭނެ. ކޮން އެއްޗެއްތޯ ރަނގަޅީ، އަދި ކޮން އެއްޗެއްތޯ އެމީހަކަށް އެންމެ ސޫޓަބަލް ވާނީ، ބަލާލެވޭނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ލަގްޒަރީ ޕްރޮޕަޓީސްތަކުގެ އިތުރުން، އަތްފޯރާ ފަށުގެ ޕްރޮޕަޓީސްވެސް ހުންނަ ކަމަށާއި، މި ހުރިހާ ޕްރޮޕަޓީތައް އެއްތަނަކުން ބަލާލެވޭނެ ޕްލެޓްފޯމަކަށް މޯލްޑިވްސް ލިވިން އެކްސްޕޯ ވާނެ ކަމަށެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސަރ ސީލައިފް ގްލޯބަލްއިން ހާމަކުރި ގޮތުގައި، މި މައުރަޒުގައި އެކުންފުނިންވެސް ބައިވެރިވީ ދިވެހީންނަށް ލުއިފަސޭހަ، ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށެވެ.

"މާލޭގައި ގިނައިން މީހުން އުޅެނީ ރެންޓަށް. އެޕާޓްމެންޓްސް ގަންނަން ލިބޭ ރަނގަޅު ފުރުސަތެއް މިއީ. އެޕާޓްމެންޓުތައް ވިއްކުމުގައި އެންމެންނަށް ފަސޭހައިން، އެތައް ބައެއްގެ ބައިވެރިވުން ހިމެނޭ އެކްސްޕޯއަކަށް ވާތީ، އެ ނިޔަތުގައި އަޅުގަނޑުމެންވެސް ބައިވެރިވީ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހީންނަށް ފުރުސަތު ހުޅުވާލައި، ދިވެހީންނަށް ލުއިގޮތްތަކެއް ހޯދައިދޭން،" ސީލައިފް ގްލޯބަލްގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު މޫސާ މުހައްމަދު ވިދާޅުވިއެވެ.

މި އެކްސްޕޯގެ ކޯސްޕޮންސަރ އެޕެކްސް ރިއަލްޓީއިން ބުނި ގޮތުގައި، އެކުންފުނިން މާލޭގެ އަރަބިއްޔާ އަދި ގާކޮށީގައި ގާއިމުކޮށްފައިވާ ފްލެޓު އިމާރާތްތަކުގައި ހުރި ރީޓެއިލް ސްޕޭސްތައް ކުއްޔަށް ނެގުމަށް އެކްސްޕޯގައި ހުޅުވާލާނެއެވެ. އެހެންކަމުން، އެތަންތަން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، 50 އަހަރާ ހަމައަށް އެތަންތަން ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޕެކްސްއިން ބުންޏެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯ 2017 އޮންނާނީ ފެބްރުއަރީ 16 އިން 18 އަށް، ނޭޝަނަލް އާޓު ގެލެރީގައެވެ.

މިއަހަރުގެ ލިވިންގް އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލްއެވެ. އަދި ކޯސްޕޮންސާއަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީއެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯ 2017ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް