ދިރާގު "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ފަހު ނަސީބުވެރިއަކަށް މުހައްމަދު ޔޫސުފް!

ދިރާގު "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ފަހު ނަސީބުވެރިއަކަށް މުހައްމަދު ޔޫސުފް ހޮވިއްޖެ -- ފޮޓޯ: ދިރާގު

ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.

މި ނަސީބުވެރި ފަރާތް ހޮވާފައި ވަނީ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ފޯރިގަދަ އިވެންޓެއްގައެވެ. އެގޮތުން ދިރާގު މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ހާސިލްކުރި ފަރާތަކީ މުހައްމަދު ޔޫސުފް، ކ. މާލެ އެވެ.

ދިރާގުން ބުނީ މި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ ތިންވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް އައްޔަނުކޮށްފައި ކަމަށެވެ. އެގޮތުން ނެކްސާ މޯލްޑިވްސްއިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި، ގުރުއަތު ނެގި ވަގުތު އެތަނުގައި ހަރަކާތްތެރިވެފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހަމައެއާއެކު 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ގުރުއަތު ނެގުމަށް ބޭއްވި ޚާއްސަ އިވެންޓުގައި 'އެކަތި ބޮޑުބެރު' ގްރޫޕާއި މަޝްހޫރު ލަވަކިޔުންތެރިޔާ ސަމީއުގެ ފޯރިގަދަ ހުށަހެޅުންތައް ވަނީ ހުށަހަޅައިފައެވެ. އަދި މި އިވެންޓުގެ ގުރުއަތު ނެގުމުގެ ބައި ވަނީ ޓީވީއެމްއާއި އެސްއެސްޓީވީ އަދި ދިރާގު ފޭސްބުކާއި ޔޫޓިއުބްއިން ލައިވް ވެސް ކޮށްފައެވެ.

ދިރާގަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މިފަދަ ޚާއްސަ އަދި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންދާ ކުންފުންޏެކެވެ.

comment ކޮމެންޓް