ދައުލަތުގެ ޚަރަދުގެ 87 އިންސައްތަ މުސާރަ ދިނުން ފަދަ ރިކަރަންޓަށް، ތަރައްގީއަށް 13 ޕަސެންޓް

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު: އޭނާއަށް ރުހުންދޭން ފެންނަ ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ޖުމްލަ ޚަރަދުގެ 87 އިންސައްތަ ދުވަހުން ދުވަހަށް ހިނގާ ރިކަރަންޓް ޚަރަދުތަކަށް ހޭދަކޮށްފިއެވެ.

މީގެ ސަބަބުން ދިގު މުއްދަތުގެ ތަރައްޤީއާއި އުމްރާނީ މަޝްރޫޢުތަކަށް (ކެޕިޓަލް ޚަރަދަށް) ހޭދަކުރެވިފައިވަނީ އެންމެ 13 އިންސައްތައެވެ.

ޖުލައި މަހުގެ ކުރީކޮޅާ ހަމައަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 23،380.0 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 22،404.1 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި 20،333.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ ފާއިތުވި 2025 ވަނަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓް ޚަރަދަށް ހޭދަކުރި 16،890.0 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރު މުއްތަލިބު: -- ފޮޓޯ/ ހައުސިން މިނިސްޓްރީ

މި ސަރުކާރު ފެށުނީންސުރެ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ފާޑުކިޔުމަކީ ސިޔާސީ މަގާމުތަކުގައި އެތައް ބަޔަކު ތިބުމެވެ. އޭގެ ތެރޭގައި އެހާ ގާބިލް ނޫން, އަދި ކޮންމެހެން ބޭނުން ނުވާ މަގާމުތަކުގައި ގިނަ އަދަދަކަށް މީހުން ތިބި ކަމުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ކޮންމެ އަހަރަކުހެން މުސާރައަށް ކުރަން ޖެހޭ ހޭދަ އޮންނަނީ ބޮޑުވެފައެވެ.

މިއަހަރުގެ މިހާތަނަށް ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށެވެ. އެގޮތުން ސަރުކާރުގެ އޮފީސްތައް ހިންގުމަށާއި، ވެލްފެއާ ޕްރޮގްރާމްތަކަށާއި، ސަބްސިޑީގެ އިތުރުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް 12،275.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން މުވައްޒަފުންގެ މުސާރައާއި އުޖޫރަ އަދި ޕެންޝަނަށް 7،987.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ގެއްލުމާއި ރައިޓް-އޮފްގެ ގޮތުގައި 70.5 މިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ އޭގެ ކުރީ އަހަރުގެ 11.9 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު ބޮޑުވުމެކެވެ.

ރިކަރަންޓް ޚަރަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ކެޕިޓަލް ޚަރަދު ނުވަތަ ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކޮށްފައިވަނީ އެންމެ 3،046.8 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރަށް ފާސްކޮށްފައިވާ 9،284.4 މިލިއަން ރުފިޔާގެ ކެޕިޓަލް ބަޖެޓުގެ ވަރަށް ކުޑަ މިންވަރެކެވެ. ކެޕިޓަލް ޚަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު:

އުމްރާނީ ތަރައްޤީ: މަގުހެދުމާއި، ބަނދަރު ހެދުމާއި، ބްރިޖު އަދި އެއާޕޯޓު ފުޅާކުރުން ފަދަ މަޝްރޫޢުތަކަށް 1،740.1 މިލިއަން ރުފިޔާ.

ބިމާއި އިމާރާތް: ދައުލަތުގެ އިމާރާތްތަކާއި އާންމު ފެސިލިޓީތައް ހެދުމަށާއި ހޯދުމަށް 965.3 މިލިއަން ރުފިޔާ.

ކެޕިޓަލް އިކުއިޕްމަންޓް: ބަރު މެޝިނަރީއާއި އުޅަނދުފަހަރު އަދި ޓެކްނިކަލް ސާމާނު ހޯދުމަށް 324.7 މިލިއަން ރުފިޔާ.

ތަރައްޤީގެ މަޝްރޫޢުތައް: ވަކި ޚާއްޞަ ތަރައްޤީގެ ޕްރޮގްރާމްތަކަށް 16.7 މިލިއަން ރުފިޔާ.

ދައުލަތުގެ ޚަރަދުތަކުގެ 87 އިންސައްތަ ހަމައެކަނި އޮޕަރޭޝަނަލް ކަންކަމަށް ހޭދަކުރަން ޖެހުމަކީ މެކްރޯއިކޮނޮމިކް ގޮތުން ބޮޑު ގޮންޖެހުމެއް ކަމަށް މާލީ ރިޕޯޓުތަކުން ދައްކައެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ކަމަށްވާ 22،404.1 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 17،251.7 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އާމްދަނީ ގާތްގަނޑަކަށް އެއްކޮށް ހުސްވަނީ ދުވަހުން ދުވަހަށް ހިނގާ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށެވެ. މީގެ ސަބަބުން އުމްރާނީ ތަރައްޤީއަށް ޚަރަދުކުރާނެ ފައިސާ އެތެރޭގެ އާމްދަނީން ނުލިބޭކަން ފާހަގަކުރެވެއެވެ.

އިޤްތިޞާދީ ތަޖުރިބާކާރުން އިންޒާރުދެއްވާ ގޮތުގައި، ރިކަރަންޓް ޚަރަދަށް މިހާ ބޮޑަށް ބަރޯސާވުމަކީ ތަރައްޤީވަމުން އަންނަ އިޤްތިޞާދެއް ދަރަނީގެ މަޅިއެއްގައި ޖެހުމަށް މެދުވެރިވާނެ ކަމެކެވެ. ދައުލަތުގެ އެތެރޭގެ އާމްދަނީ އެއްކޮށް ދުވަހުން ދުވަހުގެ ޚަރަދުތަކަށް ހުސްވާނަމަ، މުހިންމު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރަށް މަޖުބޫރުވަނީ ބޭރުގެ ދަރަންޏަށް ނުވަތަ ހިލޭ އެހީއަށް ބަރޯސާވުމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރު ވެރިކަމަށް އައީ ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހައްލު ކޮށްދެއްވާނެ ކަމުގެ ވައުދާއެކުއެވެ. އޭގެ ތެރޭގައި މި ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރެއްވުމަކީ އެންމެ ބޮޑު އެއް ވައުދެވެ. ނަމަވެސް މި ސަރުކާރުގެ ދައުރުގެ ދެބައިވެ ބޮޑުވެފައިވާއިރު އެފަދަ މާ ބޮޑު މަޝްރޫއުތަކެއް އަދި ފެށިފައެއް ވެސް ނުވެއެވެ.

comment ކޮމެންޓް