ގްލޯބަލް އެއާލައިންސްގެ އެއާބަސް އޭ380 ބޯޓުތަކުން އިސްކަންދޭ މަންޒިލަކަށް ރާއްޖެ

ގްލޯބަލް އެއާލައިންސްގެ އެއާބަސް އޭ380 މަރުކާގެ ބޮޑެތި ބޯޓުތަކުގެ ތެރެއިން ބޯޓެއް -- ފޮޓޯ/ އޭވިއޭޓާ

ޔޫކޭގެ އައު އެއާލައިންއެއް ކަމަށްވާ "ގްލޯބަލް އެއާލައިންސް" އިން އެ ކުންފުނީގެ އެއާބަސް އޭ380 މަރުކާގެ ބޯޓުތަކުގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް އަމާޒު ހިފައިފިއެވެ.

މިއީ އެ އެއާލައިނުން ކުރިން ރޭވި އެޓްލާންޓިކް ކަނޑު ހުރަސްކޮށް ކުރާ ދަތުރުތަކުގެ ބަދަލުގައި، އައު މާކެޓްތަކަށް ފޯކަސް ކުރުމަށް ނިންމި ނިންމުމެކެވެ.

ގްލޯބަލް އެއާލައިންސްގެ ފައުންޑާ އަދި ސީއީއޯ ޖޭމްސް އެސްކުއިތު "މެޓްރޯ" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ދަތުރުތައް ފެށުމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިނގިރޭސިވިލާތުން ރާއްޖެއަށް އޮތް ލަގްޒަރީ ދަތުރުފަތުރުގެ ޑިމާންޑާ އަޅާބަލާއިރު، މިހާރު ދެވޭ ޚިދުމަތްތައް މަދެވެ.

އެސްކުއިތު ވިދާޅުވީ ނިއުޔޯކް ފަދަ މަޝްހޫރު މަންޒިލްތަކަށް އެކަނި ސަމާލުކަން ދިނުމުގެ ބަދަލުގައި، އިނގިރޭސިވިލާތުން ސީދާ ދަތުރުތައް މަދު މަންޒިލްތަކަށް އިސްކަންދޭން ބޭނުންވާ ކަމަށެވެ.

މި އެއާލައިންގެ ހަމައެކަނި ބޯޓު ކަމަށްވާ އެއާބަސް އޭ380-800 މިހާރު އޮތީ ބޮޑު މަރާމާތަކަށް ގްރައުންޑް ކޮށްފައެވެ. ޗައިނާ ސަަދަން އެއާލައިންސްގެ އަތުން ގަނެފައިވާ މި ބޯޓު، މިއަހަރުގެ ފަހުކޮޅު އަލުން އުދުހުންތަކަށް ނުކުންނާނެ ކަމަށް ބެލެވެއެވެ.

މަރާމާތުގެ މަސައްކަތް ލަސްވީ އޭ380 ބޯޓުތަކަށް ޚާއްސަ މަރާމާތު ސްލޮޓްތައް ލިބުން ދަތިވުމުގެ ސަބަބުން ކަމަށް އެސްކުއިތު ވިދާޅުވިއެވެ.

"މިއީ ބޯޓަށް 12 އަހަރުވުމުން ކުރަންޖެހޭ މެއިންޓަނަންސެއް. މިއީ ކިތަންމެ ފައިސާއެއް ހުއްޓަސް، ކިތަންމެ އާދޭހެއް ކުރިޔަސް ކިއޫއެއްގައި މަޑުކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ކުރިން މި އެއާލައިނުން ރޭވީ އެމެރިކާގެ ނިއުޔޯކާއި ލޮސް އެންޖެލިސްއަށް ދަތުރުތައް ފެށުމަށެވެ. ނަމަވެސް މިހާރު ވަނީ އެ ސްޓްރެޓެޖީ ބަދަލުކޮށް، ރާއްޖޭގެ އިތުރުން ހަވާއީ، ދެކުނު އެފްރިކާ އަދި އޭޝިއާގެ ބައެއް މަންޒިލްތަކަށް ދަތުރުކުރުމަށް ދިރާސާކުރަން ފަށާފައެވެ. އަދި އިނގިރޭސިވިލާތުގެ މެންޗެސްޓާ އަދި ބާމިންހަމް ފަދަ ސަރަހައްދީ އެއާޕޯޓްތަކުން ދަތުރުތައް ފެށުމުގެ ފުރުސަތު ވެސް އޮތްކަން އެސްކުއިތު ފާހަގަކުރެއްވިއެވެ.

މި އެއާލައިންގެ އަމާޒަކީ އޭ380 ބޯޓުގެ ތަނަވަސް ޖާގައިގެ ބޭނުން ހިފައިގެން، ދަތުރުފަތުރުގެ "ރަންޒަމާން" އަލުން އިއާދަކޮށް، ފަސިންޖަރުންނަށް ޕްރީމިއަމް ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.

އެސްކުއިތު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެއާޕޯޓްތަކުން އޭ380 ބޯޓު އެތަންތަނަށް ޖެއްސުމަށް އެދި ބޮޑެތި އިނާޔަތްތަކާއެކު ހުށަހަޅަމުންދެއެވެ. ނަމަވެސް، ރާއްޖެއަށް ނުވަތަ އެހެން މަންޒިލަކަށް ރަސްމީކޮށް ޓިކެޓް ވިއްކަން ފެށުމުގެ ކުރިން އެއާލައިންއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ދޫކުރާ އެއާ އޮޕަރޭޓާސް ސެޓްފިކެޓް (އޭއޯސީ) އެއާލައިނަށް އަދި ލިބިފައެއް ނުވެ އެވެ.

އެސްކުއިތު ވިދާޅުވީ، އޭއޯސީ ހޯދުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ޔޫކޭގެ އިތުރުން ޔޫރަޕްގެ އެހެން ގައުމެއްގެ ހުއްދައިގެ ދަށުން ވެސް ދަތުރުތައް ކުރެވިދާނެ މަގުތައް އެބަހުރި ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް