ސިވިލް ސާވިސް މުވައްޒަފުން މޫނު ބުރުގާ އެޅުން މަނާކުރާ މައްސަލާގައި އިހްތިޖާޖުކޮށްދޭން އެމްޑީޕީގެ ކިބައިން ޖަމިއްޔަތުލް ސަލަފުން އެދިއްޖެ އެވެ.
ޖަމްއިއްޔަތުލް ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް ސޮއިކުރައްވައި އެމްޑީޕީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މޫނު ބުރުގާ އަޅާ އަންހެނުންނަށް ވެސް އެމީހުން ބޭނުން ވަޒީފާއެއް ސަރުކާރުގައި އަދާކުރުމުގެ ފުރުސަތު އޮތުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށް ދެކޭ ނަމަ، މޫނު ބުރުގާ އެޅި އަންހެނުންނާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތު ކުށްވެރިކޮށް އިހްތިޖާޖުކޮށްދިނުން އެދޭ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ މޫނު ބުރުގާ އެޅުމުގެ ސަބަބުން ދެ އަންހެން ޓީޗަރަކު ވަޒީފާ އިން އެކަހެރިކޮށްފައިވާ ކަމަށެވެ. އެކަމާ މެދު އެމްޑީޕީން ދެކޭ ގޮތް އެ ޖަމްއިއްޔާ އަށް އަންގައިދިނުމަށް ވެސް އެ ސިޓީގައި ވަނީ އެދިފަ އެވެ.
ޖަމްއިއްޔަތުލް ސަލަތުން ބުނި ގޮތުގައި މޫނު ބުރުގާ އެޅުން މަނާކުރުމަކީ އަންހެނުންނަށް ދެވޭ އަނިޔާއެއް ކަމަށް އެ ޖަމްއިއްޔާ އިން ދެކޭ ކަމަށެވެ.
ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށްވުމާ އެކު ވެސް އިސްލާމީ ފޭރާން އަޅައިގެން ވަޒީފާ އަދާކުރަމުން ގެންދާ އަދި ވަޒީފާ އަދާކުރަން ބޭނުންްވާ މީހުންނަށް އެ ހައްގު ސަރުކާރުގައި ނެތުމަކީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.