ދިވެހީންނަކީ މަގުމަތިން ސަރުކާރު ވައްޓައިލާ ބައެއްގެ ގޮތުގައި ސިފަުރައްވައި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކަތަކާ ގުޅިގެން ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައެއްގައި ވިދާޅުވެފައިވަނީ މަގުމަތިން ސަރުކާރު ވައްޓައިނުލާ ދިވެހީން ތިބެފާނެކަމަށް ރައީސް ހީފުޅުކުރައްވައިގެން ނުވާނެ ކަމަށެވެ.
އެ ވަހަކައަށް ރައްދު ދެއްވައި އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާ ދުރުބައެއް ކަމަށްބުނެ، ހަޖޫޖެހުމަކީ ދަށުދަރައިގެ އަމަލެއް ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުއިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއްކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއީ ގައުމަށް އަދި ރައްޔިތުންނަށް ޚިދުމަތެއް ކޮށްދެއްވަން ނުކުމެވަޑައިގަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންވާނެ ސިފައެެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ހަރަކާތުގެ ތާރީޚަށް ބަލާއިރު ކޮންމެ ވެރިކަމެއްގައި ވެސް އިދިކޮޅު ޕާޓީތައް އެކުވެ، އެއްވުންތަކާއި މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ނަމަވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށްގެންދިޔަ ބޮޑެތި މުޒާހަރާތަކާއެކު ހަތެއް ފެބްރުއަރީ 2012ގައި އެ މަނިކުފާނަށް އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގެން، އެ ސަރުކާރު ނިމުމަކަށް އައެވެ. އޭރު އެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭ އުމަރު ހިމެނެއެވެ.