ހައުސިންގް ފައިނޭންސް ފެސިލިޓީތަކުގެ މައުލޫމާތު ދޭން ލިވިންގް އެކްސްޕޯއަށް އެޗްޑީއެފްސީ

އެޗްޑީއެފްސީގެ ހެޑް އޮފް ފައިނޭންސް މުހައްމަދު ޝަފީގު -- ފޮޓޯ: އެޗްޑީއެފްސީ

ހައުސިންގް ސްކީމުތަކަށް ފައިނޭންސް ކުރުމަށް ކަސްޓަމަރުންނަށް ލިބެން ހުރި ފައިނޭންސް ފެސިލިޓީތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް، ހައުސިންގް ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން މޯލްޑިވްސް ލިވިންގް އެކްސްޕޯ 2017ގައި ބައިވެރިވެއްޖެއެވެ.

އެޗްޑީއެފްސީއަކީ ހައުސިން ސްކީމުތަކަށް ލޯނު ނުވަތަ ފެސިލިޓީ ޕްރޮޑަކްޓްތަކެއް ދޫކުރާ، ސަރުކާރުގެ ހިއްސާ އޮންނަ ޕަބްލިކް ލިމިޓެޑް ކުންފުންޏެކެވެ.

އެޗްޑީއެފްސީގެ ހެޑް އޮފް ފައިނޭންސް މުހައްމަދު ޝަފީގު މިއަދު "ސަން" އަށް ވިދަޅުވީ، މި މަހުގެ 16 އިން 18 އަށް، މާލޭ ނޭޝަނަލް އާޓް ގެލެރީގައި ކުރިޔަށްދާ ލިވިންގް އެކްސްޕޯ 2017ގައި އެޗްޑީއެފްސީން މައިގަނޑު ގޮތެއްގައި ފޯރުކޮށްދޭނެ ޚިދުމަތްތަކަކީ، އެ ކުންފުނިން ކަސްޓަމަރުންނަށް ދޭ ހައުސިންގް ފައިނޭންސް ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން، އެ ޕްރޮޑަކްޓްތަކުގެ އަގާއި، އެ ޕްރޮޑަކްޓްތަކަށް އެދި ހުށަހަޅާނެ ގޮތާއި، އެޕްލިކޭޝަން ޕްރޮސެސް ކުރިޔަށް ދާނެ ގޮތުގެ މައުލޫމާތު، ލިވިންގް އެކްސްޕޯގައި އެޗްޑީއެފްސީން ފޯރުކޮށްދޭނެއެވެ.

އެޗްޑީއެފްސީން ތިން ފައިނޭންސް ޕްރޮޑަކްޓެއް، ދެ އުސޫލުގެ ދަށުން ފޯރުކޮށްދެއެވެ. އެ ތިން ފައިނޭންސް ޕްރޮޑަކްޓަކީ ހޯމް ކޮންސްޓްރަކްޝަން، ހޯމް ރިނޮވޭޝަން އަދި ހޯމް ޕާޗޭސް ޕްރޮޑަކްޓްތަކެވެ. މި ތިން ޕްރޮޑަކްޓްވެސް، އެޗްޑީއެފްސީން ކޮންވެންޝަނަލް އުސޫލުން، އަދި އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ، އެޗްޑީއެފްސީ އަމްނާ މެދުވެރިކޮށް، އިސްލާމިކް ފައިނޭންސްގެ އުސޫލުން ލިބޭނެއެވެ.

އެޗްޑީއެފްސީން ބުނީ ލިވިންގް އެކްސްޕޯގައި، މި ޕްރޮޑަކްޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ މައުލޫމާތުގެ އިތުރުން، ޕްރޮޑަކްޓްތަކަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމުވެސް ލިބެން ހުންނާނެ ކަމަށެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯއަކީ ލިވިންގް އަދި ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސްކުރުމަށް، 2013 ވަނަ އަހަރުން ފަށައިގެން ހައިރައިޒުން ބާއްވަމުން އަންނަ މައުރަޒެކެވެ. އެ މައުރަޒުގައި މިދިޔަ އަހަރުން ފެށިގެން ރިއަލް އެސްޓޭޓް ކުންފުނިތަކަށް ވެސް ދަނީ ފުރުސަތު ދެމުންނެވެ.

އެ މައުރަޒު އިންތިޒާމުކުރާ ހައިރައިޒުން މައުލޫމާތު ދޭ ގޮތުގައި، ދިވެހީންނަށް އެޕާޓްމެންޓް ބެލުމާއި، ރެޖިސްޓާކުރުމުގެ ފުރުސަތު ލިވިން އެކްސްޕޯގެ ޒަރިއްޔާއިން ލިބޭނެއެވެ.

ލިވިންގް އެކްސްޕޯ 2017ގައި ބައިވެރިވާ ބައެއް ރިއަލް އެސްޓޭޓް ކުންފުނިތަކުގެ ތެރޭގައި ސީލައިފް ގްލޯބަލް، ޓާޓާ ހައުސިންގްގެ އެޕެކްސް ރިއަލްޓީ، އާރުޕީޕީ ރެނާޓަސް އަދި ނަސަންދުރާ ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޯމް އަދި ލައިފްސްޓައިލް ކުންފުނިތަކުންވެސް ބައިވެރިވެއެވެ.

މިއަހަރުގެ ލިވިން އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލްއެވެ. އަދި ކޯ ސްޕޮންސަރަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީއެވެ. އޮންލައިން މީޑިއާ ޕާޓުނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް