އެޗްޑީއެފްސީ އަމްނާއަށް މިދިޔަ އަހަރު 180 ޕަސަަންޓުގެ ކުރިއެރުމެއް!

އެޗްޑީއެފްސީގެ މުވައްޒަފުން -- ފޮޓޯ: އެޗްޑީއެފްސީ

ހައުސިންގް ޑިވެލޮޕްމެންޓް އެންޑް ފައިނެންސް ކޯޕަރޭޝަނުގެ އިސްލާމިކް ވިންޑޯ "އެޗްޑީއެފްސީ އަމްނާ"އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 15.9 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

އެޗްޑީއެފްސީ އިން އާންމުކޮށްފައިވާ އެ ކުންފުނީގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެޗްޑީއެފްސީ އަމްނާއަށް 4.9 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. ތިންވަނަ ކުއާޓާރުގައި 4.1 މިލިޔަން ރުފިޔާގެ ފައިދާ ލިބުނު އިރު، ދެވަނަ ކުއާޓަރުގައި 3.4 މިލިޔަން ރުފިޔާ، އަދި ފުރަތަމަ ކުއާޓާރުގައި ވެސް ގާތްގަނޑަކަށް 3.4 މިލިޔަން ރުފިޔާ، ފައިދާގެ ގޮތުގައި އެޗްޑީއެފްސީ އަމްނާއަށް ލިބުނެވެ.

ހަތަރު ކުއާޓާރުގެ ޖުމްލަ ފައިދާގެ ގޮތުގައި ޖެހެނީ 15،905،923 މިލިޔަން ރުފިޔާ އެވެ. މިއީ އެޗްޑީއެފްސީގެ ތާރީޚުގައި ވެސް، އެޗްޑީއެފްސީ އަމްނާއަށް އެންމެ ކާމިޔާބު އަހަރެވެ.

މީގެ ކުރިން އެޗްޑީއެފްސީ އަމްނާ އަށް އެންމެ ބޮޑު ފައިދާއެއް ކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ 5.6 މިލިޔަން ރުފިޔާ އެވެ. އެހެންކަމުން 2016 ވަނަ އަހަރު އެޗްޑީއެފްސީ އަމްނާއަށް ލިބިފައި ވަނީ 180 ޕަސަންޓަށް ވުރެ ބޮޑު ކުރިއެރުމެކެވެ.

އެޗްޑީއެފްސީއަކީ ހައުސިން ސުކީމުތަކަށް ލޯނު ނުވަތަ ފެސިލިޓީ ޕްރޮޑަކްޓްތަކެއް ދޫކުރާ ކުންފުންޏަކަށްވާ އިރު، އެކުންފުނީގެ ޕްރޮޑަކްޓްތައް ދޫކުރަނީ ދެ އުސޫލަކުންނެވެ. އެއީ ކޮންވެންޝަނަލް އުސޫލުގެ އިތުރުން އެޗްޑީއެފްސީ އަމްނާގެ ދަށުން އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުންނެވެ.

އެ ކުންފުނީގެ ދެ އުސޫލުގެ އޮޕަރޭޝަންތައް ވެސް ހިންގަނީ މަސްހުނި ނުވެ، ވަކި ވަކިން، ސެގްރިގޭޓް ކޮށްގެންނެވެ. އެހެންކަމުން ދެ އުސޫލުގެ އޮޕަރޭޝަންތަކުން ކުންފުންޏަށް ލިބޭ ފައިދާ ވެސް އެއް ނުކުރެ އެވެ.

ކޮންވެންޝަނަލް ޕްރޮޑަކްޓްސް ދޫކުރާ އެޗްޑީއެފްސީއަށް ވެސް މިދިޔަ އަހަރަކީ ކާމިޔާބު އަހަރެކެވެ. އެޗްޑީއެފްސީއަށް 78 މިލިޔަން ރުފިޔާގެ ފައިދާ ލިބިފައިވާ އިރު، އެއީވެސް ރިކޯޑު ފައިދާއެކެވެ.

comment ކޮމެންޓް