ހައުސިން ސްކީމުތަކަށް ލޯނު ނުވަތަ ފެސިލިޓީ ޕްރޮޑަކްޓްތަކެއް ދޫކުރާ ހައުސިންގް ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އަށް، މިދިޔަ އަހަރު ނިމުނު އިރު 78 މިލިޔަން ރުފިޔާގެ ބޮޑު ފައިދާއެއް ވެއްޖެއެވެ. މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެކުންފުންޏަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ފައިދާއެވެ.
އެޗްޑީއެފްސީއިން ނެރުނު އެކުންފުނީގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ކުއާޓަރުގައި އެޗްޑީޢެފްސީޢަށް 22.5 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. ތިންވަނަ ކުއާޓަރުގައި 18.4 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު، ފުރަތަމަ ދެ ކުއާޓަރުގައި ލިބުނީ 18.6 މިލިޔަން ރުފިޔާ، އަދި 18.4 މިލިޔަން ރުފިޔާއެވެ.
މާލީ ހިސާބުތަކަށް ބަލާއިރު އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު ޖުމްލަ ފައިދާއަކީ 78،090،914 ރުފިޔާއެވެ.
ދެހާސް ފަނަރަވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 60.5 މިލިޔަން ރުފިޔާއެވެ. އަދި 2014 ގައި ލިބިފައިވަނީ 54.8 މިލިޔަން ރުފިޔާއެވެ.
އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރު އެވެ.
އެޗްޑީއެފްސީގެ 51 ޕަސަންޓު ހިއްސާގެ ވެރި ފަރާތްތަކަކީ، 18 ޕަސަންޓު ހިއްސާ އޮންނަ އިސްލާމިކް ފައިނެންސް ކޯޕަރޭޝަނާއި، 18 ޕަސަންޓު ހިއްސާ އޮންނަ އޭޝިއަން ޑިވެލޮޕްމެންޓް ބެންކުގެ އިތުރުން، 15 ޕަސަންޓު ހިއްސާގެ ވެރި، އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓެވެ.