ސަން އަކުއާ ޕާސިކުޑާއަށް ބުކިންގް ޑޮޓް ކޮމްއާއި ޓްރިޕްއެޑްވައިޒާގެ ދެ ޝަރަފު!

ސަން އަކުއާ ޕާސިކުޑަ ރިސޯޓު --

ފަތުރުވެރިކަމާ ބެހޭ ދެ ވެބްސައިޓު، ބުކިންގް ޑޮޓް ކޮމް އަދި ޓްރިޕްއެޑްވައިޒާއިން ދޭ ޝަރަފުވެރި އެވޯޑުތަކެއް، ސަން ސިޔާމް ރިސޯޓްސްއިން ސްރީލަންކާގައި ހިންގާ ސަން އަކުއާ ޕާސިކުޑާ ރިސޯޓަށް ލިބިއްޖެއެވެ.

ސަން އަކުއާ ޕާސިކުޑާއަކީ، ސަން ސިޔާމް ރިސޯޓްސްއިން ރާއްޖެއިން ބޭރުގައި ހުޅުވައި، ހިންގަމުންދާ ފުރަތަމަ، އަދި ހަމައެކަނި ރިސޯޓެވެ.

ބުކިންގް ޑޮޓް ކޮމުން ސަން އަކުއާ ޕާސިކުޑާއަށް ދީފައިވަނީ ގެސްޓް ރިވިއު އެވޯޑެވެ. މި އެވޯޑު ދެނީ، ރިސޯޓު ނުވަތަ ހޮޓަލުގައި ތިބޭ ގެސްޓުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި މެހެމާންދާރީއަށް ބަލާފައި، އެ ގެސްޓުން ލިޔާ ރިވިއުތަކާއި ކޮމެންޓުތަކަށް ރިއާޔަތްކުރުމަށްފަހު ދޭ އެވޯޑެކެވެ. ބުކިންގް ޑޮޓް ކޮމުން މި އެވޯޑު ދެނީ އެ ވެބްސައިޓުގައިވާ، އަށް ލައްކައަށް ވުރެ ގިނަ ޕްރޮޕަޓީތަކަށް ގެސްޓުން ލިޔެފައިވާ ރިވިއުތައް ބެލުމަށްފަހުއެވެ.

މީގެ އިތުރުން ޓްރިޕް އެޑްވައިޒާއިން ދޭ ޓްރެވެލާޒް ޗޮއިސް އެވޯޑުވެސް ސަން އަކުއާ ޕާސިކުޑާއަށް ލިބިގެން ދިޔައީ މިފަދައިން، އެ ވެބްސައިޓުގައި ފަތުރުވެރިން ރިސޯޓަށް ދޭ ރިވިއުތަކަށް ބެލުމަށްފަހުގައެވެ.

ޓްރިޕްއެޑްވައިޒާއިން ބުނެފައިވަނީ ސަން އަކުއާ ޕާސިކުޑާއަކީ ސްރީލަންކާގައި 10 ވަނައަށް އެންމެ މަގުބޫލު ރިސޯޓު ކަމަށެވެ.

ސަން ސިޔާމް ރިސޯޓްސް ގްރޫޕުގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމެންޓް އިވްޖީނާ ބޮޔަންކޯވާ ވިދާޅުވީ ސްރީލަންކާގެ އެންމެ މަގުބޫލު 25 ރިސޯޓުގެ ތެރޭގައި ސަން އަކުއާ ޕާސިކުޑާ ހިމެނުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިކަމުން ދޭހަވަނީ، ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އިސް ލީޑަރަކަށް ވުމަށް އަޅުގަނޑުމެން ވާން ބޭނުންވާކަން، އަޅުގަނޑުމެންގެ ގެސްޓުން ބަލައިގަންނަ މިންވަރު،" އިވްޖީނާ ވިދާޅުވިއެވެ.

ސަން އަކުއާ ޕާސިކުޑާ ހުންނަނީ ސްރީލަންކާގެ އިރުމަތީގައި އޮންނަ ބަޓިކަލޯ ޑިސްޓްރިކްޓްގެ އައްސޭރީގައި އޮންނަ ޕާސިކުޑާ ޓައުންގައެވެ. އެ ރިސޯޓުގައި ޖުމްލަ 32 ސުއީޓަކާއި ދެ ޑުޕްލެކްސް ވިލާ ހުރެއެވެ.

comment ކޮމެންޓް