ސްރީލަންކާގެ އިރުމަތީ ބަނދަރު އިންޑިއާއަށް ދޭން މަޝްވަރާ ކުރަނީ

ޓްރިންކޮމަލީ ބަނދަރު --

ސްރީލަންކާގެ އިރުމަތީގައި އޮންނަ ޓްރިންކޮމަލީ ޑިސްޓްރިކްޓުގެ ބަނދަރު އިންޑިއާއަށް ދިނުމަށް، ސްރީލަންކާގެ ސަރުކާރުގެ ތެރޭގައި މަޝްވަރާކަމުން އަންނަ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

މިހާރު އިންޑިއާގައި ކުރިޔަށްދާ "ރައިސިނާ" މަޝްވަރާ ބައްދަލުވުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތައް ތަމްސީލުކުރާ ބޭފުޅުން ނިއު ދިއްލީއަށް ވަޑައިގެން އުޅުއްވާ އިރު، ސްރީލަންކާގެ ފަރާތުން ވަޑައިގެންފައިވާ އެއް ބޭފުޅަކީ އެގައުމުގެ މިނިސްޓަރ ފޯރ ރީޖަނަލް ޑިވެލޮޕްމެންޓް، ފީލްޑް މާޝަލް ސަރަތު ފޮންސޭކާއެވެ.

ސްރީލަންކާގެ ދެކުނުގައި އޮންނަ ހަމްބަންތޮޓަގައި ބަނދަރު ހެދީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި ބޮޑެތި ލޯނުތަކެއް ނަގައިގެންނެވެ. ބަނދަރު ހެދުމަށްފަހު، ބަނދަރު ހިންގުމަށް ދިނީ ސްރީލަންކާގެ ހިއްސާ ކުޑަ، އަދި ޗައިނާ ކުންފުންޏެއްގެ ބޮޑު ހިއްސާއެއް އޮންނަ ގޮތަށް އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ.

ދެކުނު ސްރީލަންކާގެ ހަމްބަންތޮޓަ ބަނދަރުގެ ކޮންޓްރޯލް ޗައިނާއަށް ދިނުމުގެ އިތުރުން، އެ ބަނދަރު ކައިރީގައިވާ ބޮޑު ބިމެއްގައި ޗައިނާގެ އިންވެސްޓަރުން އައިސް ސިނާއީ މަސައްކަތް ކުރުމަށް ވަނީ ދައުވަތު ވެސް ދީފައެވެ.

އެކަމާ އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންޑިއާ ކަނޑާއި އެތެރެވަރީގެ ގައުމުތަކުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާ އިރު، އިންޑިއާގެ ބާރު ކެނޑެމުން ދާ ދިއުމަ މެދު އިންޑިއާއިން ކަންބޮޑުވެއެވެ.

އެހެން ނަމަވެސް ސްރީލަންކާއިން ބޭނުންވަނީ އެގައުމުގައި ޗައިނާއަށް ވެސް ދޭ މިންވަރަށް އިންޑިއާއަށް ފުރުސަތުތައް ދިނުމަށެވެ.

ލަންކާގެ ރީޖަނަލް ޑިވެލޮޕްމެންޓް މިނިސްޓަރު ސަރަތު ފޮންސޭކާ --

ރައިސިނާ ބައްދަލުވުމުގެ ހަވާސާގައި، ދަ ހިންދޫ ނޫހާ ވާހަކަ ދައްކަވަމުން ސަރަތު ފޮންސޭކާ ވިދާޅުވީ ޓްރިންކޮމަލީ ބަނދަރު އިންޑިއާއަށް ދިނުމާ ބެހޭގޮތުން ލަންކާ އަދި އިންޑިއާއާ ދެމެދު މަޝްވަރާކުރަމުންދާ ކަމަށެވެ. ޓްރިންކޮމަލީ ބަނދަރު ސަރަހައްދަކީ ގުދުރަތީ ގޮތުން ވަރަށް ފުން ސަރަހައްދެކެވެ.

"ހަމްބަންތޮޓަ ބަނދަރު ހަދަން ޗައިނާއާ އެކު ސްރީލަންކާއިން ކުރި ތަޖުރިބާ އެހާ ރަނގަޅެއް ނޫން. ބަނދަރުގެ މަސައްކަތް ނިމުނު އިރު ލަންކާ އޮތީ ދަރަނިވެރިވެފައި. އެ ޕްރޮޖެކްޓުގައި ހުރި ކޮރަޕްޝަނާއި އެހެނިހެން މައްސަލަތަކުގެ ސަބަބުން އަޅުގަނޑުމެން ޖެހުުނީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގައި ގެންގުޅޭ ސިޔާސަތުތައް މުރާޖާ ކުރަން. އެގޮތުގެ މަތިން އަމިއްލަ ކުންފުންޏަކަށް ބަނދަރު ހިންގުމަށް ދިނީ،"

ފޮންސޭކާ ވިދާޅުވީ، ލަންކާގެ ބަނދަރުތަކަށް ޗައިނާއަށް ވެސް ވަދެ ނުކުމެ އުޅުމަށް އޮންނަ ފުރުސަތުތައް އިންޑިއާއަށް ވެސް ލިބެން ޖެހެއެވެ. އެހެންކަމުން، އިރުމަތީގެ ޓްރިންކޮމަލީ ޑިސްޓްރިކްޓުގެ ބަނދަރު ތަރައްގީކޮށް، ހިންގުމަށް އިންޑިއާއަށް ދިނުމަށް މަޝްވަރާ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އިންޑިއާއަށް އޮތް ސަލާމަތީ ކަންބޮޑުވުންތަކަށް ވެސް މިކަމުން ކަންބޮޑުވުމެއް ލިބިގެން ދާނެ،" ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނު އިރު އެގައުމުގެ އަސްކަރިއްޔާގެ އިސްވެރިއަކަށް ހުންނެވި ސަރަތު ފޮންސޭކާ ވިދާޅުވިއެވެ.

ޓްރިންކޮމަލީ ބަނދަރަކީ މުޅި ދުނިޔޭގައިވެސް ދެވަނައަށް އެންމެ ބޮޑު ޤުދުރަތީ ބަނދަރެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީންގެ ނޭވަލް ބޭސްއެއްގެ ގޮތުގައި ބޭނުންކުރި ޓްރިންކޮމަލީ ބަނދަރު، ކޮމާޝަލް ހާބަރަކަށް ލަންކާ ސަރުކާރުން ބަދަލުކުރީ 1956 ވަނަ އަހަރުގެ ތެރޭގައެވެ.

comment ކޮމެންޓް