ލަންކާގައި ޗައިނާއިން އިންޑަސްޓްރިއަލް ޒޯނެއް ހަދާތީ ހަމަނުޖެހުން!

ހަމްބަންތޮޓަގައި ތަރައްގީކޮށްފައިވާ މަހިންދަ ރާޖަޕަކްސަ ބަނދަރު --

ސްރީލަންކާގެ ދެކުނުގެ ހަމްބަންތޮޓަ އަވަށުގައި ޗައިނާއިން އިންޑަސްޓްރިއަލް ޒޯނެއް ގާއިމުކުރުމާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އަޑު އުފުލުމުގެ ސަބަބުން، ސްރީލަންކާގެ ސިފައިން އެމީހުންނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފިއެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ނިސްބަތްވެވަޑައިގަންނަވާ ހަމްބަންތޮޓަގައި، ރާޖަޕަކްސަގެ ސަރުކާރުގައި ވަނީ "މަހިންދަ ރާޖަޕަކްސަ ޕޯޓް"ގެ ނަމުގައި ބަނދަރެއް ހަދައިފައެވެ.

ހަމްބަންތޮޓަ ބަނދަރު ސަރަހައްދުގައި ޗައިނާގެ ޗައިނާ މާޗަންޓް ޕޯޓް ހޯލްޑިންގްސް ކޮމްޕެނީ (ސީއެމްޕޯޓުން) ތަރައްގީކުރާ އިންޑަސްޓްރިއަލް ޒޯން އިފްތިތަހު ކުރުމަށްޓަކައި، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ވަޑައިގެންނެވި ރަސްމިއްޔާތާ ދެކޮޅަށް އަޑު އުފުލައިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އާންމުންނާއި ހާމުދުރުން ހިމެނެއެވެ. ހަމްބަންތޮޓަގައި ޗައިނާއިން ސިނާއީ ސަރަހައްދު ގާއިމުކުރުމާ ދެކޮޅަށް ހާމުދުރުން ނުކުތީ، ބުދު ދީނުގެ ބައެއް ބިނާތަކާއި ފައްޅުތައް ވެސް، ޗައިނާއަށް ދޭ ބިމުގައި ހުރުމުންނެވެ.

މި އަޑުއުފުލުންތަކާ ދެކޮޅަށް، ލަންކާގެ ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޕޯޓަރުން ނުކުމެ، ދެބައިމީހުންގެ ދެމެދުގައި ހަމަނުޖެހުންތައް ހިނގައި، ގާ އުކައި ހެދިއެވެ. ނަމަވެސް ފުލުހުންނާއި ސްޕެޝަލް ޓާސްކް ފޯސްގެ އޮފިސަރުން ވަނީ ކަރުނަ ގޭހާއި ފެން ޖަހައިގެން އެ ހަމަނުޖެހުންތައް ރޫޅާލައިފައެވެ. މީގެ ތެރެއިން ބައެއް މީހުންނަށާއި ފުލުހުންނަށް ވަނީ އަނިޔާވެސް ވެފައެވެ.

ބޭރުގައި ހަމަނުޖެހުންތައް ހިނގަމުން ދިޔަ ނަމަވެސް، ބާއްވަމުން ދިޔަ ހަފްލާ ކުރިޔަށް ގެންގޮސް، ޗައިނާގެ ސިނާއީ ސަރަހައްދު ވަނީ މިއަދު އިފްތިތާހު ކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ލަންކާގައި ހުންނަވާ ޗައިނާ ސަފީރު ލީ ޝިއަން ލިއަންގް ވިދާޅުވީ، ކުރިޔަށް އޮތް ފަސް އަހަރު ދުވަސް ތެރޭގައި ޗައިނާއިން ހަމްބަންތޮޓަ ބަނދަރަށް ފަސް ބިލިޔަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށް، ލައްކައަކަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފައްދާނެ ކަމަށެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހަމްބަންތޮޓަގައި ހެދި ބަނދަރު ހިންގުމަށް އެންމެ ފުރަތަމަ ނިންމާފައި އޮތީ ޗައިނާގެ ދެ ކުންފުންޏަކާއި ގުޅިގެން، ސްޜީލަންކާ ޕޯޓްސް އޮތޯރިޓީއިންނެވެ. ނަމަވެސް އެ ނިންމުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ބާތިލު ކޮށްފައެވެ.

އެއަށް ފަހު ލަންކާ ސަރުކާރުން ވަނީ، އޭގެ ތެރެއިން އެއް ކުންފުނި ކަމުގައިވާ، ޗައިނާ މާޗަންޓް ޕޯޓް ހޯލްޑިންގްސް ކޮމްޕެނީ (ސީއެމްޕޯޓް)އަށް، އެ ޖޮއިންޓް ވެންޗާގެ 80 ޕަސަންޓު ހިއްސާ ވިއްކާލައިފައެވެ. ބާކީ 20 ޕަސަންޓު ހިއްސާ އޮންނާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީގައެވެ. ސީއެމްޕޯޓަށް ހަމްބަންތޮޓަ ބަނދަރުގެ 80 ޕަސަންޓު ހިއްސާ ދިނީ 99 އަހަރަށެވެ. އޭގެ ބަދަލުގައި އެ ކުންފުނިން ލަންކާގެ ސަރުކާރަށް 1.4 ބިލިޔަން އެމެރިކާ ޑޮލަރު ދޭނެއެވެ.

ޗައިނާގެ ކުންފުންނަށް، ހަމްބަންތޮޓަ ބަނދަރު ހިންގާ ކުންފުނީގެ 80 ޕަސަންޓު ހިއްސާއާ އެކު، ބަނދަރު ސަރަހައްދުން ބޮޑުު ބިމެއް ވެސް ދޭ ގޮތަށް ލަންކާ ސަރުކާރުން ނިންމާފައެވެ. އެ ބިމުގައި އިގްތިސާދީ، ސިނާއީ މަސައްކަތް ކުރާ ފެސިލިޓީތަކެއް ތަރައްގީކުރާ އިރު، އޭގެ ތެރޭގައި ރައްޔިތުންގެ އަމިއްލަ ބިންތައް ވެސް ހިމެނެއެވެ.

ނަމަވެސް ލަންކާގެ ސަރުކާރުން ބުނީ، ބިންތައް ނަގާނީ އެ ބިންތަކުގެ ވެރީންނަށް އެކަށީގެންވާ ބަދަލުތައް ދިނުމަށްފަހު ކަމަށެވެ.

comment ކޮމެންޓް