ސްޓެލްކޯއިން ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގެ ކަރަންޓުގެ ޚިދުމަތްތަކާ ހަވާލުވެއްޖެ

ހޯރަފުށީ އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ސްޓެލްކޯ

އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި ފެނާއި ކަރަންޓުގެ ޚިދުމަތްތަކާ ހަވާލުވެފައި އޮތް ފެނަކައިގެ ޒިންމާތަކާ ހަވާލުވުމަށް ސްޓެލްކޯއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ކަރަންޓުގެ ޚިދުމަތްތަކާ އެ ކުންފުނިން ހަވާލުވެއްޖެއެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފެނަކަ އުވާލަން ނިންމައިފައިވާ ކަމަށާއި، އެ ކުންފުނީގެ ޒިންމާތަކާ ހަވާލުވާނީ ސްޓެލްކޯއިންކަން އިއުލާންކުރައްވައިފައެވެ. އޭގެ ފަހުން ސްޓެލްކޯއިން އަންނަނީ، ފެނަކައިގެ ޒިންމާތަކާ ހަވާލުވުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ސްޓެލްކޯގެ އެމްޑީ ޑރ. ޢަލީ އަޒުވަރު، ހޯރަފުށީ އިންޖީނުގެއާއި ބޮޓްލިން ޕްލާންޓް މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވައިލެއްވުން -- ފޮޓޯ/ ސްޓެލްކޯ

އެ މަސައްކަތުގެ ތެރެއިން، މިދިޔަ މަހުގެ 30ގައި ސްޓެލްކޯގެ އިސް ވެރިން ވަނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ބައިވެރިވެވަޑައިގެންނެވި އެ ދަތުރުފުޅުގެ ތެރެއިން އެ ކުންފުނިން ވަނީ، އައްޑޫގައި ކަރަންޓުގެ ޚިދުމަތް ދޭން ރަސްމީކޮށް ހަވާލުވެފައެވެ.

އެ ރަސްމިއްޔާތުގައި އެމްޑީ އަޒުވަރު ވަނީ މީގެ 17 އަހަރު ކުރިން ސްޓެލްކޯއިން އައްޑޫ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދެމުން އައިކަން ފާހަގަކުރައްވާފައިފައެވެ. އަދި އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް އަލުން އަނބުރާ ސްޓެލްކޯއާ ޙަވާލުކުރެއްވުމަށް ރައީސް ނިންމެވި ނިންމެވުމަކީ އައްޑޫގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދެއްވުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާވަނީ ސިފަކުރައްވައިފައެވެ.

ހޯރަފުށީގެ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުން -- ފޮޓޯ/ ސްޓެލްކޯ

އެ ޓީމުން ވަނީ އައްޑޫގެ ހުޅުދުއާއި މީދުއަށް ވެސް ޒިޔާރަތްކޮށް، އެ ދެ ރަށުގެ ޚިދުމަތްތަކާ ވެސް ރަސްމީކޮށް ހަވާލުވެފައެވެ.

އެއަށްފަހު ސްޓެލްކޯގެ އިސްވެރިން އިއްޔެ ވަނީ، އެންމެ އުތުރުގައި އޮންނަ ހއ. އަތޮޅުގެ ރަށްތަކުގައި ވެސް ޚިދުމަތްތައް ފެށުމަށް ވަޑައިގެންފައެވެ. އެގޮތުން އިއްޔެ އެ ޓީމުން ވަނީ ތުރާކުނު އިންޖީނުގެއާއި އާރްއޯ ޕްލާންޓްގެ މަސައްކަތްތައް ބައްލަވާލައިފައެވެ.

ސްޓެލްކޯގެ އިސް ވެރިންގެ ޓީމުން ތުރާކުނު އިންޖީނުގެއާއި އާރްއޯ ޕްލާންޓް ބައްލަވައިލެއްވުން -- ފޮޓޯ/ ސްޓެލްކޯ

އެ ދަތުރުގެ ތެރެއިން ސްޓެލްކޯއިން ވަނީ، ތުރާކުނުގައި ގާއިމުކޮށްފައިވާ ކަރަންޓާއި ފެނުގެ ޚިދުމަތްތަކުގެ ޙާލަތު ވަޒަންކޮށް، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ތުރާކުނަށް ފަހު ކުންފުނީގެ އިސްވެރިން ވަޑައިގަތީ ހޯރަފުށްޓަށެވެ. އަދި އެ ޓީމުން ވަނީ އިންޖީނުގެއާއި ބޮޓްލިން ޕްލާންޓް މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވައިލައްވައިފައެވެ.

comment ކޮމެންޓް