ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2026 ސަޓާގެ "ލީޑިން ބުޓީކް ހޮޓެލް ރިސޯޓް" އެވޯޑް ދަ ހޯކްސް ހޮޓެލްސް އަށް ލިބިއްޖެއެވެ.
މިއީ އެ ކުންފުނިންގެ ފަތުރުވެރިކަމުގެ ދާއިރާގައި ހޯދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.
ދަ ހޯކްސް އިން ބުނީ މި ޝަރަފުވެރި އެވޯޑުން ރަމްޒުކޮށްދެނީ މެހެމާންދާރީގެ ދާއިރާގައި ދަ ހޯކްސް ހޮޓެލްސްއިން ބަހައްޓާ މަތީ ފެންވަރާއި، މެހެމާނުންނަށް ބޭނުންވާފަދަ ޒާތީ އަދި ފުރިހަމަ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ކަމަށެވެ. އަދި މި ކާމިޔާބީއަކީ ހޯކްސް ޓީމުގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތާއި، ޕްރޮފެޝަނަލްކަމާއި ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ދަ ހޯކްސް ހޮޓެލްސްގެ ދަށުން ހަތަރު ހޮޓެލްއެއް ހިންގާއިރު އޭގެތެރޭގައި ހިމެނެނީ ސްވާން ބާއި ހޯކްސް ހޮޓެލްސް، ބަޔޮސްފިއާ ބާއި ހޯކްސް ހޮޓެލްސް، ވިންގްސް ބާއި ހޯކްސް ހޮޓެލްސް އަދި ނެސްޓް ބާއި ހޯކްސް ހޮޓެލްސްއެވެ.
އެ ކުންފުނިން ބުނީ އެ ހަތަރު ޕްރޮޕަޓީގައި ޖުމްލަ 92 ކޮޓަރި ހިމެނޭ ކަމަށެވެ. އަދި ސީޕްލޭން ދަތުރުތަކުގެ ސަބަބުން މެހެމާނުންނަށް ރާއްޖޭގެ ރީތި މަންޒަރުތައް ބަލާލުމުގެ ފުރުސަތާއި ހަނދާނުން ފިލައިގެންނުދާނެފަދަ ދަތުރެއް ތަޖުރިބާކުރެވޭނެ ކަމަށެވެ.
ކަމަދޫގައި ދަ ހޯކްސް ހޮޓެލްސް ހުރުމަކީ ބުޓީކް މެހެމާންދާރީއާއި ރަށުގެ ސަގާފަތް އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން އެއްތަނަކުން ދައްކުވައިދޭ މަންޒިލެއްގެ ގޮތުގައި އެ ރަށް އިޝްތިހާރު ކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ހޯކްސްއިން ވަނީ ބުނެފައެވެ.
މީގެއިތުރުން ބާ އަތޮޅުގައި އޮންނަ ގުދުރަތީ ރީތިކަމާއި އަސްލު ދިވެހި ރަށު ދިރިއުޅުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބިގެންދާނެކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އޭގެތެރޭގައި ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބާ އަތޮޅުގައި، ދިރުންތަކުން ފުރިގެންވާ މުއްސަނދި ކަނޑުގެ މާހައުލެއް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭއިރު އެ ސަރަހައްދުގެ ހިތްގައިމު ފަރުތަކާއި ސާފު ފެނުގެ އިތުރުން ސްނޯކްލިން ޑައިވިން އަދި ރާއްޖޭގެ ކަނޑުގެ ދިރުންތައް ބަލާލުމަށް މަޝްހޫރު ސަރަހައްދު ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަތުރުވެރިންނަށް ފަހިވެގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.