ރަން ބޫޓު ވެސް ސެންޓޭއަށް

އެންމެ ގިނަ ލަނޑުޖަހި ސެންޓޭ(ވ)އަށް ޔޯކް(ކ)، ރަން ބޫޓު ހަވާލުކޮށްދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައިގެން އަލީ ފާސިރު (ސެންޓޭ) ރަން ބޫޓު ހޯދައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން މިރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި ސެންޓޭއަށް ރަން ބޫޓު ހަވާލުކޮށްދިނީ އެވޯޑް ނައިޓްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ޑްވައިކް ޔޯކްއެވެ.

ރަންބޫޓާއި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ސެންޓޭ(ކ)އާއި އާއި ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ޔޯކް އެވޯޑުތަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ސެންޓޭ ވަނީ މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް 34 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރީ 32 ލަނޑު ޖެހި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އެވެ.

އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދި ސެންޓޭ ވަނީ މިރޭ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފައެވެ. ސެންޓޭ ވަނީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޓީސީއާއެކު ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ ހޯދައިފައެވެ.

comment ކޮމެންޓް