ކެންޑިޑެސީ ބާތިލް ކުރި މައްސަލަ އެމްޑީޕީން ހައި ކޯޓަށް ވައްދައިފި

ހައިކޯޓު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުރިމަތިލުމަށް ހުށަހެޅި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށްފައި ވާތީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެ ޕާޓީން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށްފައި ވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) އާއި އިންތިހާބާ ގުޅިގެން ސިވިލް ކޯޓުންކޮށްފައިވާ ޙުކުމާ ޚިލާފަށް ކަމަށެވެ. ހައި ކޯޓުގައި އެމްޑީޕީން އެދިފައި ވަނީ އިލްކެޝަންސް ކޮމިޝަންއިން ކެންޑިޑެސީ ޤަބޫލުކޮށްފައިވާ ކެންޑިޑޭޓުން އަލުން ކުރިމަތިލާންޖެހޭނޭ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ނިންމާފައިވާ ނިންމުން ބާޠިލު ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 14 ޖެނުއަރީގައި އޮންނާނޭ ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވީ ނަމަވެސް، އެ އިއުލާން ފަހުން ބާތިލުކޮށް އެ އިޢުލާނުގެ ދަށުން އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާޠިލުކުރަން ނިންމާފައިވާ ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށް ވެސް އެ ޕާޓީން ވަނީ ހައި ކޯޓުގައި އެދިފަ އެވެ.

"އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާޠިލުކުރަން ނިންމާފައިވާ ނިންމުމަށް ޢަމަލުކުރުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މި މައްސަލައާމެދު ފައިސަލާކުރުވަނި ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަންދެން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް މިއަދު އެމްޑީޕީއިން ވަނީ ހައިކޯޓްގައި އެދިފައެވެ." އެ ޕާޓީގެ ބަޔާނުގައި ވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ ތާރީޚް ފަސްކޮށްފައިވަ ނީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ބުނެ، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން އިއްވި ހުކުމުގެ ސަބަބުންނެވެ.

އެ ކޯޓުން އަމުރުކުރީ ކުރިން އިންތިޚާބު ބާއްވަން ނިންމި ތާރީޚު ކަމުގައިވާ 14 ޖެނުއަރީން ފެށިގެން ދެ މަސް ދުވަހުގެ ފަހުގެ ތާރީޚެއްގައި އެ އިންތިޚާބު ބޭއްވުމަށެވެ. އެ އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ހުށަހެޅުމަށް ހުޅުވާލި އިއުލާން ބާތިލްކޮށް ހުށަހެޅި ހުރިހާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށްފަ އެވެ.

އެ މުއްދަތުގައި ހުށަހެޅީ ހަމަ އެކަނި އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް މިހާރު އެޕާޓީން ދަނީ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބޭއްވުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން މިމަހުގެ 27 ވަނަ ދުވަހު އެޕާޓީގެ ޕްރައިމަރީ ބާއްވާނެ އެވެ.

comment ކޮމެންޓް