ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލު މިއަދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ޝާހިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޝާހިދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނެވެ.

އެހެންވެ، ރައީސް މުއިއްޒު ވަނީ ޝައިހް މޫސާ ޖަމީލު އަވަހާރަވީ ޚަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމައާ އެކު ކަން ވިދާޅުވެ، ޝާހިދާއި އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

އެ މަނިކުފާނުގެ އިތުރުން، ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ޞާލިޙް ވިދާޅުވީ، ޝައިހް މޫސާ ޖަމީލަކީ އެތައް ރޮނގަކުން، ހާއްސަކޮށް ދީނީ އިލްމާއި ދިވެހިބަސް ދަރިވަރުންނަށް އުނގަންނައިދެއްވުމުގައި ގައުމަށް އިހުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން، ވެރިކަން ކުރާ ޕީއެންސީ ކޯލިޝަނުން ވެސް ވަނީ ޝާހިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ބަޔާނެއް ނެރެފައެވެ. ޝާހިދު ރައީސްކަން ކުރައްވާ އެމްޑީޕީން ވެސް އޭނާގެ އާއިލާއަށް ދިމާވި ހިތާމައިގައި ބައިވެރިވާ ކަމަށް ބުނެ، ތައުޒިޔާ ކިޔައިފައެވެ.

ރައީސް އޮނަރަބަލް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން އެމްޑީޕީއާއި ޕީއެންސީގެ އިތުރުން އެކި ފިކުރުތަކުގެ ސިޔާސީ ލީޑަރުން ވެސް އަންނަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.

ޝައިހް މޫސާ ޖަމީލްގެ ކަށު ނަމާދު އޮންނާނީ މިއަދު އަޞުރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައެވެ.

comment ކޮމެންޓް