އިންޖީނުލީ އުޅަނދުފަހަރު ރިޔަލުގައި ދުއްވައި ކަނޑުގެ ސަރަހައްދު ބެލުމަކީ ވިސްނުމެއް: މިނިސްޓަރު

މިއަދުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހަމައެކަނި އިންޖީނުލީ އުޅަނދު ފަހަރުގައި ތެޔޮ އަންދައިގެން ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމުގެ ބަދަލުގައި އިންޖީނުލީ އުޅަނދުގައި ރިޔާ ހަރުކޮށް، ރިޔަލުގައި ދުއްވައިގެން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ވިސްނުން އެބަހުރި ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓްރީން އިސްނަގައިގެން ސިފައިންގެ މެދުގައި ބޭއްވި ރިޔަލު ދޯނި ދުއްވުމާއި ފަލިޖެހުމުގެ މުބާރާތުގެ ނިންމުން ފާހަގަކުރުމަށް މިއަދު ހަވީރު އިއްޒުއްދީން ފާލަން ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހާއްސަ ރިޔަލު އުޅަނދެއް ބަނުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިންޖީނުލީ އުޅަނދުގައި ވަކި ހިސާބަކަށް ނުކުމެ ރިޔަލުގެ ބޭނުން ހިފައިގެން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގެ ހިޔާލު އެބަހުރި ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މީގެ އަހަރެއްހާ ދުވަސް ކުރިން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް އާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

"ސިފައިންނަށް ނުވަތަ ކޯސްޓުގާޑުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ހަފްތާއެއް ނުވަތަ އެއަށްވުރެ ދިގު މުއްދަތަށް ބޭރުގައި ރާއްޖެ މަތީގައި ކަނޑުތަކުގައި ތިބެގެން، ބޭނުންވާނެ ކޮއްތު ދަރާއި ބޯފެން ހިފައިގެން ނުކުމެ އުޅެވޭނެ އުޅަނދެއް ތައްޔާރުކޮށް ވަކި ހިސާބަކަށް އިންޖީނުގައި ނުކުތުމަށްފަހު ދެން ރިޔަލުގައި މަޑުމަޑުން ދަތުރުކޮށްލާ ކަނޑުގެ ސަރަހައްދު ބެލޭނެ އިންތިޒާމެއް ރޭވުމުގެ ވިސްނުން އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދަކަށް ވެފައި ވަސީލަތްތައް މަދުވުމުން އެ ސަރަހައްދު ބެލެހެއްޓުމަށް ދަތިކަމަށެވެ. އަދި އެކަމަށް ބޮޑު ހަރަދެއް ހިނގާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރިޔަލު އުޅަނދެއްގައި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަކީ މާބޮޑު ހަރަދެއް ހިނގާނެ ކަމެއް ނޫން. އެހެންވީމަ ސިފައިންނަށް މިކަން ދަސްކޮށްދިނުމަކީ ވެސް މުހިންމުކަމެއް. ކުރިއަށް އޮތްތަނުގައި ސިފައިންގެ ތަމްރީނު ތަކުގައި ރިޔަލު ދޯނި ދުއްވުމާއި ފަލި ޖެހުމުގެ ގޮތްތައް ތަމްރީނުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިވެހިންގެ ވަށައިން ކަނޑު އޮތްއިރު، ކަނޑުގެ ސަރަހައްދު ބަލަހައްޓަން މަސައްކަތް ކުރާ ސިފައިންނަށް ކޮންމެހެންވެސް މިފަދަ ހުނަރުތައް ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން ސިފައިންނަށް އެފަދަ ހުނަރުތަކެއް ދަސްވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް