ޕާކިސްތާނު ފަންނާނުންނާ އެކު މަސައްކަތް ނުކުރަން ޝާހު އެއްބަސްވެއްޖެ

މާހިރާ އާއި ޝާހު: ރައީސްގައި މާހިރާ އާއި ޝާހު އެކުގައި ފެނިގެން ދާނެ. ނަމަވެސް ޝާހު ވަނީ މީގެ ފަހުން ޕާކިސްތާނު އެކްޓަރުންނާ އެކު މަސައްކަތް ނުކުރާނެ ކަމަށް އެއްބަސްވެފައި ---

ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި އިންޑިއާގެ 19 ސިފައިން މަރުވުމާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެ ހޫނުގަނޑުގައި ބޮލީވުޑުގައި ޕާކިސްތާނުގެ އެކްޓަރުންނާއި ލަވަކިޔުންތެރިންގެ އިތުރުން ޓެކްނީޝަނުން މަސައްކަތް ކުރުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އެ ނިންމުމުގެ ކުރިން ޕާކިސްތާނު އެކްޓަރުން ހިމަނައިގެން ބައެއް ފިލްމުތައް ވަނީ ކުޅެފަ އެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރުގެ 'އޭ ދިލް ހޭ މުޝްކިލް' އަދި ގޯރީ ޝިންދޭގެ 'ޑިއާ ޒިންދަގީ' ހިމެނެ އެވެ. ޕާކިސްތާނު އެކްޓަރުން ހިމެނޭތީ، އެ ދެ ފިލްމު ރިލީޒް ކުރުމާ ދެކޮޅަށް އަޑުއުފުލާފައިވެ އެވެ.

އަންނަ އަހަރު ރިލީޒް ކުރުމަށް ތައްޔާރުވެފައިވާ، އަދި ގިނަ ބަޔަކު ބޮޑެތި އުންމީދުތަކެއް ކުރަމުން އަންނަ ބޮލީވުޑުގެ ރަސްގެފާނު ޝާހު ރުކް ޚާންގެ 'ރައީސް'ގައި ވެސް ޕާކިސްތާނުގެ ކާމިޔާބު ބަތަލާ މާހިރާ ޚާން ހިމެނެ އެވެ. އެއާ އެކު އެ ފިލްމަށް ވެސް މިވަނީ އަނެއްކާ ބައެއްގެ ނުރުހުމާ ކުރިމަތިލާން ޖެހިފަ އެވެ.

ަނަމަވެސް ފިލްމުގެ ޕްރޮމޯޝަންތަކާއި ފިލްމު ރިލީޒް ކުރުމަށް އެއްވެސް ހުރަހެއް ކުރިމަތިވާން ޝާހު ބޭނުމެއް ނުވެ އެވެ. އެހެންކަމުން ޝާހު މިވަނީ ބޮލީވުޑުގައި ޕާކިސްތާނު ފަންނާނުން މަސައްކަތް ކުރުމާ އެންމެ ބޮޑަށް ދެކޮޅު، މަހާރާޝްތުރަ ޕާޓީގެ ޗީފް، ރާޖްތަކެރޭ އާއި ބައްދަލު ކޮށްފަ އެވެ.

'ރައީސް' ރިލީޒް ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެެވެން ފެށީ، އިންޑިއާ ސަރުކާރުން، ޕާކިސްތާނު ފަންނާނުން އިންޑިއާ އަށް އެތެރެވުން މަނާކޮށްފައި ނުވާތީ، ފިލްމުގެ ޕްރޮމޯޝަން އަށް މާހިރާ އިންޑިއާ އަށް ގެންނަށް ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނުމާ ގުޅިގެންނެވެ. ޝާހު ވެސް ވަނީ ފިލްމުގެ ޓްރެއިލަރ ލޯންޗު ކުރަން ބޭއްވި ހަފްލާގައި އެކަމަށް އެއްބަސްވެފަ އެވެ.

ނަމަވެސް ރާޖް ތަކެރޭ އާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ޝާހު މިވަނީ ފިލްމުގެ ޕްރޮމޯޝަން އަށް މާހިރާ އިންޑިއާ އަށް ނުގެންނާނެ ކަމަށް ބުނެފަ އެވެ. އަދި އެއްގަޑި އިރަށް ދެމިގެން ދިޔަ ބައްދަލުވުމުގައި ޝާހު ވަނީ ކުރިއަށް އޮތް ތަނުގައި ޕާކިސްތާނު ފަންނާނުންނާ އެކު މަސައްކަތް ނުކުރާނެ ކަމަށް ވެސް އެއްބަސްވެފަ އެވެ.

އެ ބައްދަލުވުމަށް ފަހު މަހާރާޝްތުރަ ޕާޓީ އިން ވަނީ 'ރައީސް' ރިލީޒް ކުރުމާއި ދެކޮޅަށް އެއްވެސް ކަހަލަ ހަރަކާތެއް ކުރިއަށް ނުގެންދާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.

comment ކޮމެންޓް