ޓެކްނޮލޮޖީއާ ރާއްޖެއާ އޮތް ގުޅުން ދައްކައިދިނީ ފަސް ޒުވާނުން!

އިންވެސްޓްމެންޓް ފޯރަމްގައި އެޕްތަކާ އެކު ބައިވެރިވި ފަސް ޒުވާނުން (ކ-ވ އައްފާޒް، ހައްމާދު، މިނިސްޓަރ ސައީދު، ނައިބު ރައީސް ޖިހާދު، ޝިފާއު، ނަޝާތު، އަރުޝާދު) -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ހަފްތާގައި އިންޑިއާގެ ނިއުދިއްލީގައި ކުރިޔަށް ދިޔަ، ރާއްޖެއިން އިންތިޒާމުކޮށްގެން ބޭއްވި އެންމެ ބޮޑު ރޯޑުޝޯ، މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި ދިވެހިރާއްޖޭގެ ބައެއް ވިޔަފާރި ކުންފުނިތަކުގައި ހުރި އިންވެސްޓްމެންޓް އަދި ޕާޓްނަރޝިޕް ފުރުސަތުތައް އިންޑިއާގެ ވިޔަފާރިވެރިންނަށް ދައްކައިލިއެވެ. ނަމަވެސް އެތަނުގައި ވިޔަފާރީގެ ވާހަކައަށް ވުރެ ބޮޑަށް، ދިވެހި ޒުވާނުންގެ ވާހަކަތައް ދެކެވުނެވެ.

ދިވެހިރާއްޖެއަކީ ޑިޖިޓަލް ރާއްޖެއެއް ކަމަށާއި، ދިވެހީންނަކީ ޓެކްނޮލޮޖީއާ ވަރަށް ރަހުމަތްތެރި ރައްޔިތުންތަކެއް ކަމުގެ ވާހަކައެވެ.

އުރީދޫ މޯލްޑިވްސްއާއި ދިރާގު ފަދަ ކުންފުނިތަކުން ފޯރަމްގައި ދިން ޕްރެޒެންޓޭޝަންތަކުގައި ވެސް އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ރާއްޖޭގެ "ޓެކް ސޭވީ ޔޫތުން"ގެ ވާހަކައެވެ. އަދި ރާއްޖޭގެ އާބާދީއާ އަޅާ ބަލާއިރު، ރާއްޖޭގައި ޓެކްނޮލޮޖީއަށް އޮންނަ ޑިމާންޑުގެ ބޮޑު ވާހަކައެވެ.

މި ހުރިހާ ކަމެއްގެ ހެއްކެއްގެ ގޮތުގައި، އިންވެސްޓްމެންޓް ފޯރަމްގައި ވަރަށް ޚާއްސަ ފަސް ފަރާތަކުން ބައިވެރިވިއެވެ. އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން، "ފައިވް ބެސްޓް އެޕްސް"ގެ ނަމުގައި ބޭއްވި، ސޮފްޓްވެއާ އަދި އެޕްލިކޭޝަން ހެދުމުގެ މުބާރާތުން އެންމެ ރަނގަޅު ހަތަރު އެޕްލިކޭޝަން ހަދައިގެން، ދިވެހި ސަރުކާރުގެ ސްޕޮންސާޝިޕްގެ ދަށުން އެ ހަތަރު އެޕްލިކޭޝަންގެ ހައިބަތު ދައްކާލުމަށް އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވި ފަސް ޒުވާނުންނެވެ.

ނިކްސް ހޮޓެލްސް - ގެސްޓްހައުސްް މެނޭޖްމެންޓް

ކިޔަވަން އުޅުނު ދުވަސްވަރު އެކުގައި އުޅުނު ރަހުމަތްތެރިންތަކެއް އެންމެ ފަހުން ނިންމީ ސޮފްޓްވެއާ ކުންފުންޏެއް ހަދައި، ރާއްޖޭގައި އޮޕަރޭޓު ކުރުމަށެވެ. "ޕާޓިކްލްސް ޓެކް" ކުންފުނީގެ ސީއީއޯ އައްފާޒް އަލީ، އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވީ އޭނާގެ ކުންފުނީގައި ހިމެނޭ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޑިވެލޮޕަރުންގެ ޓީމު ތަމްސީލު ކުރުމަށެވެ. އޭނާ ފޯރަމަށް ގެނައީ، އެކުންފުނީގެ ގެސްޓްހައުސް މެނޭޖްމެންޓް ސޮފްޓްވެއާ "ނިކްސް ހޮޓެލްސް"އެވެ.

ނިކްސް ހޮޓެލްސް ސޮފްޓްވެއާ އުފެއްދި ކުންފުނީގެ ފަރާތުން ސީއީއޯ އައްފާޒް، އިންވެސްޓްމެންޓް ފޯރަމްގައި -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"މީތި މިހާރު ބޭނުންކުރެވޭތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ. އަޅުގަނޑުމެންގެ 10 ވަރަކަށް ކްލަޔަންޓުން ތިބޭނެ. މީގެ 30 ޑޭޒްގެ ޓްރަޔަލްއެއް އޯޕަން ކޮށްފައި ވާނީ. ޓްރަޔަލް ތެރޭގައި 15 ވަރަކަށް ފަރާތުން ވެސް އެބަ އުޅޭ،" ނިކްސް ހޮޓެލްސްގެ ކްލަޔަންޓް ބޭސްއާ ބެހޭގޮތުން އައްފާޒް ބުންޏެވެ.

ގެސްޓްހައުސެއް ނުވަތަ ކުޑަ ހޮޓެލްއެއް މެނޭޖުކުރުމުގެ ހުރިހާ ކަމެއް މި ސޮފްޓްވެއާ މެދުވެރިކޮށް ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ސޮފްޓްވެއާ ތެރެއިން ގިނަ ގެސްޓްހައުސްތަކެއް ވެސް މެނޭޖް ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މިހާރު މި އުޅެނީ އިތުރު ކްލަޔަންޓުން ހޯދުމުގެ މަސައްކަތުގައި. މިއީ ޔޫޒަރ އެކްސްޕީރިއެންސް އެންމެ ރަނގަޅު، އަދި ވަރަށް ފަސޭހައިން އޮޕަރޭޓު ކުރެވޭ އެޕްއެއް،" އައްފާޒް ބުންޏެވެ.

އަރުޝާދުގެ "ހޯދާ!"

މެލޭޝިއާގެ ނޮޓިންގްހެމް ޔުނިވާސިޓީގައި ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ޑިގްރީއަށް ކިޔަވަމުން އަންނަ އަރުޝާދު އަހްމަދުވެސް އަންނަނީ ވެބް އަދި ގްރެފިކް ޑިޒައިނާއި އެޕް ޑިވެލޮޕްމެންޓް މަސައްކަތް ކުރާ ކުންފުންޏެއް ހިންގަމުންނެވެ.

އަރުޝާދުގެ "ޖަވާބު" ކުންފުނިން، އިންވެސްޓްމެންޓް ފޯރަމުން ޖާގަ ހޯދީ، އޭނާ ޑިވެލޮޕްކުރި ބިޒްނަސް ކޮންސިއުމާ ޕޯޓަލް "ހޯދާ"އެވެ.

އިންވެސްޓްމެންޓް ފޯރަމްގައި އަރުޝާދު އޭނާގެ "ހޯދާ" އެޕްލިކޭޝާން ދައްކާލަނީ -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"މިއީ އޯލް އިންކްލޫސިވް ކޮންސިއުމާ ޕޯޓަލްއެއް. ކޮންސިއުމަރުން ބޭނުންވާ ހުރިހާ މައުލޫމާތުތައް އެއްތަނަކުން މީގެން ހޯދާލެވޭނެ. ކޮންސިއުމަރުންނާ ވިޔަފާރިތަކާ ގުޅުވައިދެނީ،" އަރުޝާދު ބުންޏެވެ.

"ހޯދާ" މެދުވެރިކޮށް، ކޮންސިއުމަރުންނަށް ވިޔަފާރިތަކާއި ބައެއް ޕްރޮޑަކްޓްތަކާ ބެހޭ ތަފާތު މައުލޫމާތު ކުރެވޭނެ ކަމަށް އޭނާ ބުނެއެވެ. "ހޯދާ"ގައި ވިޔަފާރިތަކާއި އެ ވިޔަފާރިތަކުގެ ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު ލިސްޓު ކުރެވޭނީ، ޑިވެލޮޕަރު ބުނާ ގޮތުގައި، ރެޖިސްޓާ ކޮށްގެންނެވެ.

"އަދި ލޯންޗެއް ނުކުރަން މިއެއް. ލޯންޗު ކުރީމަ މި ވާނެ ވިޔަފާރިތަކަށް ވަރަށް ބޮޑު ފުރުސަތަކަށް، ކޮންސިއުމަރުންނާ ހަމައަށް ވިޔަފާރި ގެންދިއުމަށް،" އޭނާ ބުންޏެވެ.

މުޅި ރާއްޖޭގެ ސިއްހީ ނިޒާމު މަރުކަޒީ ކުރުމަށް

އަހްމަދު ޝިފާއުއާއި އޭނާގެ އެކުވެރި މުހައްމަދު ނަޝާތު އިންވެސްޓްމެންޓް ފޯރަމަށް އައީ މުޅި ރާއްޖޭގެ ސިއްހީ ނިޒާމު މަރުކަޒީ ކޮށްލުމަށް ތައްޔާރުކުރި ވިއުގައަކާ އެކުގައެވެ.

"ހެލްތު ދާއިރާގެ ހުރިހާ ކަމަކަށް ކޭޓާ ކުރެވޭ ގޮތަށް ހަދާފައި އިން އެޕްއެއް މިއީ. މި ހެދުމުގައި އުޅެނީ ތިން ޑިވެލޮޕަރުން. އޭގެ ތެރެއިން އަޅުގަނޑުމެން ދެމީހުން މިކޮޅަށް މި އައީ،" ހެލްތްކެއާ ސޮފްޓްވެއާގެ ޑިވެލޮޕަރ ޝިފާއު ބުންޏެވެ.

ޝިފާއު ބުނި ގޮތުގައި މި ނިޒާމަކީ ފާމަސީތަކާއި ކްލިނިކުތަކުގެ އިތުރުން ހޮސްޕިޓަލްތަކުން ވެސް ބޭނުންކުރުމަށް ހަދާފައިވާ އެއްޗެކެވެ. މީގެން ޕޭޝަންޓުންނަށް އެމީހުންގެ މެޑިކަލް ހިސްޓްރީ، އަދި ޑޮކްޓަރުން ތިއްބަވާ ހޮސްޕިޓަލްތަކާއި ކްލިނިކުތައް އަދި ވަގުތުތައް ބަލާލެވޭނެ އިރު، ވެބްސައިޓު ނުވަތަ މޯބައިލް އެޕް މެދުވެރިކޮށްވެސް ބޭނުން ކުރެވޭނެއެވެ.

ހެލްތުކެއާ އެޕްލިކޭޝަންގެ ޑިވެލޮޕަރ ނަޝާތު، އިންވެސްޓްމެންޓް ފޯރަމްގައި -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"މި ހަމައެކަނި ފޯކަސް ކޮށްފައި އިންނާނީ ރާއްޖެއަކަށް ނޫން. ބޭރުގެ ބަޔަކު ބޭނުންވިޔަސް ބޭނުން ކުރެވޭނެ ގޮތަށް ހަދާފައިވާނީ. ޑިސެމްބަރުގައި ލޯންޗުކުރުމަށް ވިސްނާފައި އޮތީ،" ޝިފާއު ބުންޏެވެ.

މި ސޮފްޓްވެއާއަށް ސިއްހީ ދާއިރާގެ ފަރާތްތަކުގެ ތަރުހީބު މިހާރުވެސް އަންނަނީ އޮހެމުންނެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލުން ވަނީ އެއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

"އޭޑީކޭއާއި އައިޖީއެމްއެޗުން އިންޓްރެސްޓް ހުށަހަޅާފައި ވަނީ. މި ޓެސްޓު ކޮށްފައި، ރަނގަޅިއްޔާ ބޭނުން ކުރާ ގޮތަށް އެފަރާތުން ތިބީ،" މި ސޮފްޓްވެއާގެ ދެވަނަ ޑިވެލޮޕަރ، ނަޝާތު ބުންޏެވެ.

އޭނާ ބުނީ މިއީ ސީދާ ރާއްޖޭގެ ސިއްހީ ނިޒާމު މަރުކަޒީކޮށްލާނެ ޕޯޓަލްއެއް ކަމަށެވެ.

"ޓާގެޓް ކޮށްފައި އޮތީ ރާއްޖޭގެ މުޅި ހެލްތުކެއާ އެއްކޮށް ސެންޓްރަލައިޒް ކުރަން. މި ޕޯޓަލް ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެމީހުންގެ ހެލްތުކެއާ އިންފޮމޭޝަން ބަލައި، ރިޕޯޓުތައް ނެގޭ ކަހަލަ ސިސްޓަމަކަށް،"

އިނގިރޭސި - ދިވެހި ތަރުޖަމާނެއް!

ފޯރަމުން ހައްމާދު އަބްދުލްރަހުމާނަށް ޖާގަ ލިބުނީ އޭނާ އާއި އޭނާގެ އެކުވެރިއަކު އުފެއްދި އިނގިރޭސި-ދިވެހި ތަރުޖަމާނު ސޮފްޓްވެއާގެ ސަބަބުންނެވެ.

ހައްމާދުމެން އުފެއްދީ އާދައިގެ ޓްރާންސްލޭޓައެއް ނޫނެވެ. މިއީ ބަހުން ބަހަށް ތަރުޖަމާ ކުރުމުގެ ބަދަލަށް، ބަހުގެ ހަމަތަކަށް ވެސް ބަލައިގެން ތަރުޖަމާ ކުރާ ސޮފްޓްވެއާއެއް ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސި-ދިވެހި ތަރުޖަމާނު އެޕްލިކޭޝަން ހެދި ހައްމާދު، އިންވެސްޓްމެންޓް ފޯރަމްގައި މީހަކަށް އޭނާގެ ސޮފްޓްވެއާ ދައްކާލަނީ -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"އިނގިރޭސިން ޖުމްލައެއް ނުވަތަ ޕެރެގްރާފެއް ލިޔެފައި، ޓްރާންސްލޭޓަށް ފިއްތުމުން އަންނާނެ ދިވެހި ތަރުޖަމާ. ވޯޑް ޓު ވޯޑް ޓްރާންސްލޭޝަނެއް ނޫން. އެއަށް ވުރެ އެޑްވާންސްކޮށް އަންނާނީ،" އެ ސޮފްޓްވެއާ މަސައްކަތް ކުރާ ގޮތް ދައްކާލަމުން ހައްމާދު ބުންނެވެ.

އޭނާ ބުނި ގޮތުގައި، އެ ސޮފްޓްވެއާގައި ޖަހައިގެން ނުބައިކޮށް ތަރުޖަމާ އައިސްފިނަމަ، އޭގެ ރަނގަޅު ގޮތް ސޮފްޓްވެއާއަށް "ކިޔައިދެވޭނެ ގޮތް" ވެސް ހިމެނެއެވެ.

"ރީއެރޭންޖްކޮށް، މިސިންގް ބަސްތައް ފިލް ކުރެވޭ ގޮތަށް އިންނާނީ. ކޮންމެ މީހަކަށް ވެސް އެޑް ކުރެވޭނެ. ނުބައިކޮށް އޮތިއްޔާ ރަނގަޅުވެސް ކުރެވޭނެ،"

އޭނާ ބުނީ، މިއީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އިނގިރޭސި އަދި ދިވެހިބަސް ވަރަށް ބޮޑަށް ދިރާސާކޮށް، ޔޫޒަރަކު އޭގައި ތަރުޖަމާ ކުރުމަށް ޖަހާފާނެ ހުރިހާ ޕޮސިބިލިޓީއެއް އެންޓާ ކުރަން ޖެހެ އެވެ.

ހައްމާދުގެ އިނގިރޭސި-ދިވެހި ތަރުޖަމާކުރާ ސޮފްޓްވެއާގެ ޕްރޮގްރާމިންގް އެއްކޮށް ނިމިފައިވާ އިރު، އޭނާ ބުނީ ދެން އޮތް މަސައްކަތަކީ ބަސްތައް ރީސާޗްކުރުން ކަމަށެވެ. އަދި މުޅި ޕްރޮޑަކްޓް އެއްކޮށް ނިންމާލުމަށް ދެ މަސް ބޭނުންވާނެ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް