މުހައްމަދު އާރިފް (ބަކާ) އަބަދު ވެސް އެނގެއެވެ. އެކަމަކު، ދިމާވެ، ބައްދަލުވެ، ވާހަކަދެކެވުނީ ވަރަށް ފަހުންނެވެ. ފުޓުބޯޅައިގެ އެކިއެކި ކަންކަމުގައެވެ. ބައެއް ފަހަރު ކަންބޮޑުވުންތަކަކައިގެންނެވެ. އަބަދު ވެސް ހިނިތުންވުމަކައިގެންނެވެ.
އެއީ، ދިވެހި ފުޓުބޯޅައިގެ އެންމެ މަޝްހޫރު އެއް ނަމެވެ.
އެކަމަކު، އޭނާގެ ގަދަރާއި ލޯތްބާއި އިހުތިރާމުގެ ބޮޑު ބަޔަކީ ހުސް އެކަނި ކުޅުމުން ހޯދި އެއްޗެއް ނޫނެވެ. ބޮޑު ބަޔަކީ ހިތްހެޔޮކަމާއި މަޑުމައިތިރިކަމާއި ހުލްގު ހެޔޮކަމާއި ދީންވެރިކަމުން ހޯދި އެއްޗެކެވެ.
އެކަން ޖޫން 25، 2024 ގައި ވަރަށް ރަނގަޅަށް ފެނުނެވެ.

މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) --
މިދިޔަ ޙައްޖު މޫސުމުގައި ބަކާ ޙައްޖަށް ދިޔައީ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ދައުވަތަށް ޙައްޖަށްދާ މީހުންގެ ޚާއްސަ ލިސްޓުގައި ހިމެނިގެންނެވެ. އެކަމަކު، ޙައްޖުން އައި ތަނުން ހާލު ގޯސްވެ، އައިސީޔޫގައި ފަރުވާދެމުންދަނިކޮށް 24 ގަޑިއިރު ނުވެ، ނިޔާވީއެވެ. ކުއްލިއަކަށް، އުމުރުން އެންމެ 38 އަހަރުގައެވެ.
ނިޔާވިއިރު ބަކާ ކުޅުމައި ދުރުގައި ހުންނަތާ ދެ އަހަރެއްހައި ދުވަސްވެއްޖެއެވެ. އެކަމަކު، ރަސްމީކޮށް ރިޓަޔާއެއް ނުކުރެއެވެ. އުޅުނީ ފުޓުބޯޅައިގެ ތެރޭގައެވެ.
ފުރަތަމަ ޑިވިޝަނަށް ކުޅެން ފެށުމާ އެކު ބަކާގެ ހުނަރު ކޯޗުންގެ ލޮލުގައި އަޅައިގަތެވެ.
އެ ގޮތުން، 2006 ވަނަ އަހަރު އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން މޮޅު ކުޅުމެއް ދެއްކިއެވެ. ހުނަރު ދުނިޔެއަށް ދައްކަން ފެށިއެވެ. އެ އަހަރު ލޯނު އުސޫލުން ވެލެންސިއާއިން ވަނީ ބަކާ ގެންގޮސްފައެވެ. އޭގެ ފަހުން، ވީބީ ސްޕޯޓްސްގައެވެ. އެނބުރި އަލުން ވެލެންސިއާއަށް ގޮސް 2008 ވަނަ އަހަރު ލީގު ވެސް ކާމިޔާބުކުރިއެވެ.

ބަކާއާއި ގައުމީ ޓީމުގެ ކުޅުންތެރިން ސާފް ޗެމްޕިއަންޝިޕް އުފުލައިލަނީ ---
އެއީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފު ޗެމްޕިއަންޝިޕް ހޯދައިދިން އަހަރެެވެ. އެ ފަޚުރުވެރި ޓީމުގައި ވެސް ބަކާ ހިމެނުނެވެ.
އޭގެ ފަހުން 2010 ވަނަ އަހަރު އެންމެން ހައިރާންކޮށްލުމަށް ފަހު ބަކާ ވަނީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ. މީހުން ހައިރާންވީއަކީ ބަކާގެ އެ ފެންވަރު ނެތުމަކުން ނޫނެވެ. އޭރު، އަލީ އަޝްފާގު (ދަގަނޑޭ)މެން ފަދަ ކުޅުންތެރިން ވައްޓައިލެވޭނޭ އެ މީހުންނެއް ހީނުވީމައެވެ.
ބަކާގެ ކުޅުން މޮޅު މިންވަރަކީ 2012 ވަނަ އަހަރު އީގަލްސްއިން ރިކޯޑު އަގެއްގައި ބަކާގެ ސޮއި ހޯދުމެވެ. އެއްފަހަރައި 600،000 ރުފިޔާ ދިނުމަށް ފަހު، ބަކާ އެ ޓީމަށް ގެންދިޔައީ ރިކޯޑު މުސާރައެއްގައެވެ. އޭގެ ފަހުން، މިޔަންމާ ލީގުގެ ކަންބަވްޒާ އެފްސީއަށް ވެސް ކުޅުނެވެ. އެއީ، ދިވެހި ކުޅުންތެރިންގެ ފަޚުރެކެވެ.
ބަކާއަކީ ދެ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލައިލި ހުނަރުވެރިއެކެވެ. އެ ނަސީބު ލިބުނީ ދެ ކުޅުންތެރިންނަށެވެ. އެއީ، ބަކާއާއި 2018 ވަނަ އަހަރު ގައުމީ ކެޕްޓަނަކަށް ހުރި އަކްރަމް އަބްދުލްގަނީއެވެ. އެންމެ ފަހުން، އެ އަހަރު އެ ތަށި ކާމިޔާބުކުރި ޓީމުގައި ހިމެނުނު މަދު ސީނިއާ ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެއެވެ.

ބަކާ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް އުފުލައިލުމަށް ފަހު -- ފޮޓޯ/ އިމޭޖަސް އެމްވީ
އެކަމަކު، ބަކާ ވަކިވީއަކީ ފުޓުބޯޅައިގެ ފޮންޏެއް ދޫކޮށްފައެއް ނޫނެވެ. އޭނާ ދޫކުރީ ނަމޫނާއެކެވެ.
"ބަކާއަކީ އަޅުގަނޑުގެ ވަރަށް ޒަމާންވީ ރަހުމަތްތެރިއެއް. މިސްކިތުން އުފެދުނު މި ގުޅުން ބަދަލެއް ނައިސް ދެމިއޮތީ ބަކާއަކީ ސާދާ މިޒާޖެއްގެ ހިތްތިރި މީހަކަށް ވުމުން،" ބަކާ ނިޔާވި ދުވަހު މީހަކު ފޭސްބުކްގައި ލިޔެފައި އޮތެވެ.
އޭނާ އެކަންޏެއް ނޫނެވެ. ބަކާގެ ދީންވެރިކަމާއި ހިތްހެޔޮކަމާއި އޯގާތެރިކަމަށް އެންމެންގެ ހިތް ވެސް ލެނބުނެވެ. ބަކާގެ ރަހުމަތްތެރިންނާއި ދަންނަ މީހުންނާގެ ތައުރީފެއް ނޫނީ އޭނާއަކަށް ނެތެވެ. އެއީ ނަމޫނާއެކެވެ. އަރަމުން އަންނަ ކުޅުންތެރިންނަށެވެ. ޒުވާނުންނަށެވެ. އެންމެންނަށެވެ.
ކުޅުންތެރިއެއްގެ ހުންނަންވީ އަހުލާގުގެ ނަމޫނާއެވެ. މުސްލިމެއްގެ ހުންނަންވީ ސިފަތަކުގެ ނަމޫނާއެކެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމެވެ. އުފަލާއި ހިތްހަމަޖެހުމެވެ. ސަކަރާތާއި މަޖަލެވެ. ތެދުވެރިކަމާއި ވަފާތެރިކަމެވެ. ދީންދެކެވީ ލޯތްބެވެ. ގަދައަޅައި ކުރި ހިތްވަރެވެ.
މިދިޔަ އަހަރު ބަކާ ނިޔާވީ މީހުންގެ ހިތްތަކުގައި އޭނާގެ ކުޅުމަށް ވުރެ އަލިގަދަ އެހެން އެއްޗެއް ދޫކޮށްފައެވެ. އެއީ، އެ އަލިގަދަ ޝަޚުސިއްޔަތެވެ.