އަދާލަތާއި ޑީއާރްޕީ ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޫކޮށްފި

އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ---- ސަން ފައިލް ފޮޓޯ

އަދާލަތު ޕާޓީ އާއި ޑީއާރްޕީ ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ފައިސާ ދޫކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ސަން އަށް ވިދާޅުވީ އެންމެ ގިނަ މެމްބަރުން ހިމެނޭ ވެރިކަންކުރާ ޕީޕީއެމް އަށް ދޫކޮށްފައި ވަނީ 10.10 މިލިއަން ރުފިޔާ ކަމަށެވެ. 37633 މެމްބަރުން ހިމެނޭ އެ ޕާޓީގެ ކޮންމެ މެމްބަރެއްގެ ބޮލަކަށް އެއިރުން ޖެހެނީ 268.26 ރުފިޔާއެވެ.

ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ ކަމަށްވާ އިދިކޮޅު އެމްޑީޕީ އަށް ދޫކޮށްފައި ވަނީ 7.33 މިލިއަން ރުފިޔާއެވެ. އެޕާޓީގައި ތިބެނީ 27805 މެމްބަރުންނެވެ.

ތިން ވަނަ އަށް އެންމެ ގިނަ މެމްބަރުން ތިބޭ ޖުމްހޫރީ ޕާޓީ އަށް ދޫކޮށްފައި ވަނީ 2.95 ރުފިޔާއެވެ. އެޕާޓީގައި ތިބެނީ 10989 މެމްބަރުންނެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް ލިބިފައި ވަނީ 2.84 މިލިއަން ރުފިޔާއެވެ. އެޕާޓީގައި ތިބެނީ ޖުމްލަ 10584 މެމްބަރުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކުރަމް ވިދާޅުވީ އަދާލަތު ޕާޓީ އާއި ޑީއާރްޕީ އަށް ފައިސާ ދޫނުކުރީ އެ ދެ ޕާޓީގައި 10،000 މެމްބަރުން ހަމަނުވާތީ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައިވާގޮތުން 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާދޭކަށް ނުޖެހޭނެއެވެ.

އަކުރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރިުން ލަސްވީ ދިމާވި އެކި އެކި މައްސަލަތަކާ ގުޅިގެން ކަމަށެވެ.

comment ކޮމެންޓް