މައުމޫނުގެ ދައުވަތަކަށް އެމްޑީއޭގެ ލީޑަރާ ބައްދަލުކުރަން ފާސްކޮށްފި

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ސަން ފައިލް ފޮޓޯ

އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ބައްދަލުކުރަން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރިޔާސަތުގައި ބޭއްވި ކައުންސިލް ބައްދަލުވުމުން ފާސްކޮށްފިއެވެ.

މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އާ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ބައްދަލު ކުރަނީ ރައީސް މައުމޫންގެ ދައުވަތަކަށް ކަމަށެވެ.

"ޕާޓީގެ ކައުންސިލުން އަޅުގަނޑުމެން ނިންމާފައިވާނީ ޕާޓީގެ އިއްޒަތްތެރި ރައީސްގެ ދައުވަތަކަށް އެމްޑީއޭގެ ލީޑަރާ ބައްދަލުކޮށް އަޅުގަނޑުމެން ލޯކަލް ކައުންސިލް އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަންތައްތަކާ މެދު މަޝްވަރާ ކުރުމަށް،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިސްވެރިންނާ ވެސް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ބައްދަލުކުރަން މިރޭ ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް