ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިންމައިފި

ކޮމަންވެލްތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑރ. ވިލީ މުޓުންގާ ރައީސް ޔާމީނާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސް ޔާމީނަށް މިއަދު ލަފާ އަރުވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައި ވަނީ، ރާއްޖެ ކޮމަންވެލްތުން ވަކިވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވާން ނިންމިކަން އަންގައި، ދިވެހި ސަރުކާރުން ނެރުނު ބަޔާން އިއްވައިދިނީ މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ޕްރެސް ކޮންފަރެންސްގައި، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއެވެ.

އެ ބަޔާނުގައި ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވުމަށް ނިންމި ނިންމުމަކީ ދަތި، އުނދަގޫ ނިންމުމެއް ކަމަށާއި އެހެން ނަމަވެސް އެ ނިންމުން ނިންމީ ގައުމުގެ ސިޔާދަތު ހިމާޔަތް ކުރުމަށް ކަމަށެވެ.

އެ ބަޔާނުގައި ސަރުކާރުން ބުނީ، ފެބްރުއަރީ 2012 ވަނަ އަހަރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދިނުމާ އެކު ރާއްޖެއާ ދެކޮޅަށް ކޮމަންވެލްތުން ފިޔަވަޅު އެޅި ކަމަށާއި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީއިން ދެއްކި ގޮތުން އެއީ ބޭއިންސާފުން އެޅި ފިޔަވަޅުތަކެއް ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ސަރުކާރުން ބުނީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވާތީ، ކޮމަންވެލްތާއި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ދަނީ، ޑިމޮކްރަސީގެ ނަމުގައި، ކޮމަންވެލްތާއި އދ.ގެ ޗާޓަރާ ވެސް ޚިލާފަށް ރާއްޖެއަށް އުނދަގޫ ފޯރުވަމުން ކަމަށެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވި ނަމަވެސް، ދިވެހި ސަރުކާރުން ބުނީ، ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް އިހްތިރާމުކުރާ ގައުމުތަކާ އެކު ރާއްޖެއިން ދާޚިލީ ގުޅުން ބާއްވަމުން ގެންދާނެ ކަމަށެވެ.

comment ކޮމެންޓް