މަޝްވަރާތަކުގައި އެމްޑީޕީއާއި އަދާލަތުން ބައިވެރިވާ ފަރާތްތަކުގެ ނަން ފޮނުވަން އަންގައިފި

ރައީސް އޮފީސް: ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އަދާލަތު ޕާޓީއާއި އެމްޑީޕީން ބައިވެރިވާނެ ފަރާތްތަކުގެ ނަންތައް ފޮނުވުމަށް ސަރުކާރުންވަނީ އެދިފައި -- ސަން ފައިލް ފޮޓޯ

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އަދާލަތު ޕާޓީއާއި އެމްޑީޕީން ބައިވެރިވާނެ ފަރާތްތަކުގެ ނަންތައް ފޮނުވުމަށް ސަރުކާރުން އެދިއްޖެއެވެ.

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ހުކުރު ދުވަހު ރާއްޖެ އެ ގްރޫޕުގެ އެޖެންޑާގައި ހިމަނައި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް އަންގާފައިވެއެވެ. އަދި މިކަން ކުރަންޖެހެނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެއްވެސް ޝަރުތަކާ ނުލައި ކަމަށް ސީމެގުން ބުނެފައިވެއެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާތައް މިހާތަނަށް ރަނގަޅަށް ނުހިނގައި އޮތީ އިދިކޮޅު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި އަދާލަތު ޕާޓީއިން އެއްބާރުލުން ނުދިނުމުގެ ސަބަބުންނެވެ. އެ ދެ ޕާޓީއިން ދިޔައީ ސަރުކާރާށް ޝަރުތުތަކެއް ކުރިމަތި ކުރުވަމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރަހިމް މުއާޒް އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ އިސްނެގުމަށް ފެށި މަޝްވަރާތަކުގައި ބައިވެރިވާނެ ފަރާތްތަކުގެ ނަންތައް ފޮނުވައިދިނުމަށް އެމްޑީޕީއާއި އަދާލަތަށް އަންގާފައިވާނެ ކަމަށެވެ.

"އެމްޑީޕީއާއި އަދާލަތު ޕާޓީން ނަންތައް ފޮނުވުމަށް ދަންނަވާފައި މިވަނީ މިހާތަނަށް ނަންތައް ލިބިފައި ނުވަނީ މި ދެ ޕާޓީއިން ކަމަށް ވާތީ،" މުއާޒްގެ ޓްވީޓުގައި ވިދާޅުވިއެވެ.

މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ މިރޭ "ސަން" އަށް ވިދާޅުވީ ސީމެގުގެ އެންގުން ރަނގަޅު ކަމަށެވެ.

"ސަރުކާރުން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައި ވާނީ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް. އިދިކޮޅު ދެ ޕާޓީއަކުން، އެއީ އެމްޑީޕީއާ އަދާލަތުން ވަނީ ދެކޮޅު ހަދާފައި މަޝްވަރާގައި ބައިވެރިވާން،"

މިނިސްޓަރ ޝައިނީ ވިދާޅުވީ، ސީމެގުގެ ނިންމުމާ ގުޅިގެން އަލުން މަޝްވަރާތައް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި މި ހަފްތާ ތެރޭގައި އެމަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ.

"ސީމެގުން ބުނެފައި އޮތީ ވަރަށް ރަނގަޅަށް. ރާއްޖޭގެ އެތެރޭގެ ކަންކަން ނިންމަން ޖެހޭނީ ރާއްޖެއިން، އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކޮށްގެން. ރާއްޖެއިން ބޭރުގައި ތިބެގެން އެބޭފުޅުން ރާއްޖެއަށް ޕްރެޝަރު ކުރުވާކަށް ދިވެހި ރައްޔިތުން ބޭނުމެއް ނުވާނެ،" ޑރ. ޝައިނީ ވިދާޅުވިއެވެ.

ސަރުކާރުން އިސްނަގައިގެން މީގެ ކުރިން ވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ބާއްވަން މަސައްކަތް ކުރި ނަމަވެސް، އިދިކޮޅު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި އަދާލަތު ޕާޓީއިން އެއްބާރުލުން ދީފައެއް ނުވެއެވެ. އެ ދެ ޕާޓީގެ ރައީސުން ކަމުގައިވާ، ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޝައިޚް އިމްރާން އަބްދުﷲ އަށް ބައިވެރި ނުވެވޭ ނަމަ މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް އެ ދެ ޕާޓީއިން ބުނުމުން، ސަރުކާރުން ފުރަތަމަ ބުނީ ގައިދީންނާ ކުރަންޖެހޭ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް މަޝްވަރާތައް ކުރިޔަށް ގެންދިއުމުގައި އެހީތެރިވެދިނުމަށް އދ. އިން ރާއްޖެއަށް ފޮނުވި އެ ޖަމިއްޔާގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ސީނިއާ އެޑްވައިޒަރު ޓަމްރަޓް ސެމިއުލް ރާއްޖެ ވަޑައިގެން، ސަރުކާރާ ވާހަކަ ދެއްކުމުން ސަރުކާރުން ވަނީ އެކަމުގައި އިދިކޮޅު ފަރާތްތަކަށް ދޫ ދީ، ރައީސް ނަޝީދާއި ޝައިޚް އިމްރާނަށް ވެސް މަޝްވަރާތަކުގައި ބައިވެރި ވެވިދާނެ ކަމަށް ބުނެފައެވެ.

ސަރުކާރުން މިކަމުގައި ދޫ ދިން ނަމަވެސް އިދިކޮޅު ފަރާތްތަކުން އެދެވޭ އިޖާބައެއް ނުދިނެވެ. އިދިކޮޅު ޕާޓީތަކުން ބުނީ، ޖަލަށް ލެވިފައިވާ ހުރިހާ ސިޔާސީ ބޭފުޅުން ދޫކޮށްލުމުން ނޫނީ މަޝްވަރާއަށް ނާންނާނެ ކަމަށެވެ.

އެއްވެސް ޝަރުތަކާ ނުލައި އިދިކޮޅު ފަރާތްތަކުން މަޝްވަރާތަކުގައި ބައިވެރިވެ، އަލުން މަޝްވަރާތައް ފެށުމަށް ހުކުރު ދުވަހު ސީމެގުން އެންގި އެންގުމާ ގުޅިގެން އިދިކޮޅު އެމްޑީޕީއިން ވަނީ، "ސީމެގުން ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމާނޭކަމަށް އިންޒާރުދީފައިވާތީއާއި އަދި ފިޔަވަޅު އެޅުމަކީ ދިވެހިރާއްޖެއަށް ނުހަނު ބޮޑެތި ގެއްލުންވާނޭ ކަމަކަށްވާތީ، ފިޔަވަޅުއެޅުމުން ސަލާމަތްވުމަށްޓަކައި ސަރުކާރުން އިދިކޮޅު ފަރާތްތަކާ ވާހަކަދެއްކުން ވަގުތުން ފެށުމަށް" ސަރުކާރަށް ގޮވާލައިފައެވެ.

comment ކޮމެންޓް